ސަރުކާރުގެ މުއައްސަސާތަކުގެ ވެރީން ބަހަށް ލޯބި ކުރަންޖެހޭ: އަޝްރަފް

ރޭގެ ޖަލްސާގައި ދިވެހިބަހުގެ އެކެޑެމީގެ ރައީސް ޑރ. އަޝްރަފް އަބްދުއްރަޙީމް ވާހަކަފުޅުދައްކަވަނީ -- ސަން ފޮޓޯ/ ނާއިޝް ނާހިދު

ގައުމެއްގެ ގައުމީ ބަސް ކުރިއަރާނީ އެ ގައުމެއްގެ ވެރީން ބަހާ މެދު ބަހައްޓާ ގާތްކަމެއްގެ ސަބަބުން ކަމަށް ދިވެހިބަހުގެ އެކެޑެމީގެ ރައީސް ޑރ. އަޝްރަފް އަބްދުއްރަޙީމް ރޭ ވިދާޅުވެއްޖެއެވެ.

އޭނާ މިފަދައިން ވިދާޅުވީ، ލިޔުންތެރީންގެ ދުވަސް ފާހަގަކުރަން ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުންނެވެ. މި ޖަލްސާ ޝަރަފްވެރިކޮށްދެއްވީ ސިއްހީ ކަންކަމާ ބެހޭ ވަޒީރު ޑރ. އަބްދުﷲ ޚަލީލެވެ. މި ޖަލްސާގައި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމާއި ސަރުކާރުގެ އިސްވެރިން އަދި ދިވެހިބަހަށް ޚިދުމަތްކުރައްވާފައިވާ ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.

މި ޖަލްސާގައި ވާހަކަދައްކަވަމުން އަޝްރަފް ވިދާޅުވީ، ރާއްޖޭގެ ތާރީޚަށް ބަލާއިރު އަދަބީ ބަހާރާއި ގުލްޝަންތައް ފޮޅި، މާތަކުގެ ވާހަކަދެކެވެނީ މުހައްމަދު އަމީން ދީދީގެ ދައުރާ ގުޅުވާފައި ކަމަށެވެ.

"ފޮތްތައް ލިޔެވުނު ވާހަކައާއި ޅެންތައް ހެއްދެވި ވާހަކައާއި ބަހުސްތައް ކުރެވުނު ވާހަކައާ، މި ވާހަކަތަކަށް، ވާހަކަދެއްކުމުގެ މުބާރާތަށް އަރާ ދަރިވަރުން ވަރަށް ފަރިތަވާނެ،" އޭނާ ވިދާޅުވިއެވެ.

އެ ވާހަކަތައް މިހާރު ދެކެވޭ އެންމެ ބޮޑު އަދި އެންމެ ޚާއްސަ ސަބަބަކީ އަމީން ދީދީ އެ ކަންކަމުގައި އިސްނަންގަވައިގެން އުޅުއްވި އުޅުއްވުން ކަމަށް އަޝްރަފް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، މިހާރު ދެމިއޮތީ ދިވެހިބަހާ ތާރީޚަށް ޚިދުމަތްކުރާ މަރުކަޒު އުފައްދަވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކުރެއްވި މަސައްކަތް ކަމަށެވެ.

މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒަށް އިޝާރާތްކުރައްވާ އަޝްރަފް ވިދާޅުވީ، އެ މަނިކުފާނަކީ ގައުމިއްޔަތުގެ ވާހަކަ ވަރަށް ވަރުގަދައަށް ދައްކަވާ ރައީސެއް ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާގެ ވިސްނުންފުޅާ ޚިޔާލުފުޅު މި ހުރީ ގައުމާ ގައުމިއްޔަތު ނެގެހެއްޓުމުގައި،" އަޝްރަފް ވިދާޅުވިއެވެ.

އެ ގޮތުން ވުޒާރާއެއް ހައްދަވާ، އެ ތަނަށް ވަޒީރަކު އައްޔަންކުރައްވާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. ކަންކަން މިހެން ހިނގި ނަމަވެސް، ސަރުކާރުގެ ގެޒެޓުގައި އިނގިރޭސި ބަހުން ލިޔުންތައް އާންމުރާ މުއައްސަސާތައް ހުންނަކަން ހިތާމައާ އެކު އޭނާ ފާހަގަކުރެއްވިއެވެ.

"ބައެއް މުއައްސަސާތަކުގެ ވެރީންނަށް ހީވަނީ ދިވެހިބަހުން ލިޔެގެން ބައިނަލްއަގުވަމީ ފެންވަރަކަށް އެ ލިޔުމެއް ނުދާނެއޭ. އެ މުއައްސަސާ އައިއެސްއޯ ފެންވަރަށް މި ދަނީ އިނގިރޭސި ބަހުން ލިޔުނީމައޭ. ނޫން، ދިވެހިން ލިޔުނަސް ވެސް ދާނެ،" އަޝްރަފް ވިދާޅުވިއެވެ.

އަޝްރަފް ވިދާޅުވީ، މީގެ ކުރިން އެފަދަ ބައެއް މުއައްސަސާތަކުގެ ބައްދަލުވުންތައް އިނގިރޭސިން ބާއްވާ އެ މުއައްސަސާގެ މުވައްޒަފުންނަށް އިނގިރޭސިން ވާހަކަދައްކަން މަޖުބޫރުކުރި ކަމަށެވެ.

ނަމަވެސް، ގާނޫނުގައި އޮންނަނީ އެހެން ނޫން ކަމަށާއި، ދައުލަތުގެ މުއައްސަސާތަކުގެ ވެރީންގެ ހިތްތަކުގައި ދިވެހިބަހަށް ލޯބި ނެތްހާ ހިނދަކު، އެކެޑެމީން މަޖުބޫރުކޮށް ޖޫރިމަނާކޮށްގެން ކަންކަން ރަނގަޅުވާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން، ފުރަތަމަ ކުރަންވީ ކަމަކީ ދައުލަތުގެ ވެރިންގެ ހިތްތަކުގައި ދިވެހިބަހަށް ލޯބި ޖެއްސުން ކަމަށް އަޝްރަފް ވިދާޅުވިއެވެ.

"އަޅުގަނޑު އެދޭ އެދުމަކީ އުޅޭށޭ އެކަތިގަނޑަކަށް ވާން. މިއަދު ދައުލަތުގެ އެންމެ އިސްވެރިޔާ އެ ކަމަށް އެބަ ގޮވާލައްވައޭ، ވަޒީރު އެ ކަމަށް އެބަ އެދިވަޑައިގަންނަވައޭ، ދެން ތިއްބެވި ވަޒީރުން އެބަ އަޅުގަނޑާ އެކު މަސައްކަތް ކުރައްވައޭ، ދެން މި އާދައިގެ ކުދިކުދި މުއައްސަސާތަކުގައި ތިއްބެވި ވެރީން ކީއްވެގެން ބާވައޭ ރައީސުލްޖުމްހޫރިއްޔާގެ އެ ގޮވާލެއްވުމަށް އިޖާބަ ނުދެއްވަނީ،" އަޝްރަފް ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި ވަނީ އެކެޑެމީން ބޭއްވި އަތުލިޔުމުގެ މުބާރާތުގެ ވަނަތައް ވެސް ހޮވައިފައެވެ.

comment ކޮމެންޓް