މި އަހަރުގެ އޭޕްރީލް މަހު ނެޓްފްލިކްސްގައި ޕްރިމިއާކުރި ޕަރިނީތީ ޗޯޕްރާގެ ފިލްމު "އަމްރު ސިންގް ޗަމްކީލާ"ގެ ސަބަބުން ކުރިން ނޭނގޭ ވަރަށް ގިނަ ކަންކަން ދަސްވެފައިވާ ކަމަށް ޕަރިނީތީ ބުނެފިއެވެ.
ފިލްމު އިންޑަސްޓްރީގައި 10 އަހަރަށް ވުރެ ދިގު މުއްދަތެއް ވަންދެން މަސައްކަތް ކުރެވުނުއިރު ވަރަށް ގިނަ ފިލްމުތަކުގައި ސޮއިކޮށްފައި ވަނީ އެ ފިލްމެއްގެ ޕްރޮޑިއުސަރު އަދި ކޯ-އެކްޓަރަށް ބަރޯސާވެ ހުރެގެން ކަމަށް ޕަރިނީތީ ވަނީ ބުނެފައެވެ. ނަމަވެސް މިހާތަނަށް އެގޮތަށް ސޮއިކުރި ގިނަ ފިލްމުތަކަކީ ބޮކްސް އޮފީހުގައި ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު ފިލްމުތައް ކަމަށް ބަތަލާ ވަނީ ބުނެފައެވެ.
ފިލްމު "އަމަރު ސިންގް ޗަމްކީލާ"އަކީ ޑައިރެކްޓަރު އިމްތިއާޒު އަލީ ޕަރިނީތީގެ ފިލްމުތައް ބެލުމަށްފަހު ޕަރިނީތީގެ ހުނަރަށް އޮތް އިތުބާރެއްގެ ބޮޑުކަމުން ހުށަހެޅި ފިލްމެއް ކަމަށާއި އެކަން ވިސްނުނީ ފިލްމަށް އާއްމުންގެ ފަރާތުން ލިބެން ފެށި ތަރުހީބާ ގުޅިގެން ކަމަށް ބަތަލާ ވަނީ ބުނެފައެވެ.
ފިލްމު "ޗަމްކީލާ"އަށް ފަހު ޕަރިނީތީއަށް ޕްރޮޑިއުސަރުންގެ ފަރާތުން ހުށަހަޅާ ފިލްމުތައް ކުރީގެ ފިލްމުތަކާ އަޅާ ބަލާއިރު އެތައް ގުނައެއް ތަފާތުކަމަށް 35 އަހަރުގެ ބަތަލާ ވަނީ ބުނެފައެވެ. މީގެކުރިން ޕަރިނީތީ ހިމަނައިގެން ފިލްމެއް އުފެއްދުމުގެ ޚިޔާލު ނުގެންގުޅޭ ޕްރޮޑިއުސަރުންގެ ފަރާތުން ވެސް ހުށަހެޅުންތައް ލިބޭ ކަމަށާއި "ޗަމްކީލާ"ގެ ސަބަބުން ބަތަލާގެ މުޅި ކެރިއަރަށް ވަރަށް ހެޔޮ ބަދަލެއް އައިސްފައިވާ ކަމަށް ބަތަލާ ވަނީ ބުނެފައެވެ.
ފިލްމު އިންޑަސްޓްރީގައި ވަކި ހިސާބަކުން ތާށިވެ ކުރިޔަށް ނުދެވި ތިބި ފިލްމީ ތަރިންނަށް ދޭން އޮތް ނަސޭހަތަކީ ކޮބައިތޯ އެހުމުން ބަތަލާ ބުނެފައި ވަނީ، ލިބޭ ފުރުސަތަކީ ހެޔޮ ބަދަލެއްކަމަށް އަމިއްލައަށް ގަބޫލުކުރެވޭ ނަމަ އެ ފުރުސަތުގެ ބޭނުން ހިފައި ކުރިޔަށް ދިއުމަށެވެ. މީގެފަހުން ޕަރިނީތީ ފިލްމަކަށް އެއްބަސްވާނީ އެ ފިލްމުގެ ޑައިރެކްޓަރު އަދި ކޯ އެކްޓަރަކީ ވަކި މީހަކަށްވީތީ ނޫން ކަމަށާއި އެހެންނަމަވެސް ޕަރިނީތީ އަމިއްލައަށް އެ ފިލްމު ކުޅެން ބޭނުންވެގެން ކަމަށް ނިންމާފައިވާ ކަމަށް ޕަރިނީތީ ވަނީ ބުނެފައެވެ.