އެމެޒޯން ޕްރައިމްއިން ގެނެސްދިން މަޝްހޫރު ވެބް ސީރީޒް "މިރުޒާޕޫރު"ގެ މައްޗަށް ބިނާކޮށް އުފެއްދި ފިލްމު "މިރުޒާޕޫރު: ދަ މޫވީ" ރިލީޒްކުރި ފުރަތަމަ ދުވަހު އިންޑިއާގައި 20 ކުރޯޑު ރުޕީސް އަށްވުރެ ގިނަ އާމްދަނީ ހޯދައިފިއެވެ.
މި ފިލްމުން ބޮކްސް އޮފީހުގައި ހޯދި ކާމިޔާބީގެ ސަބަބުން، ކުރިން ބޮކްސް އޮފީހުގައި ބޮޑު ތަރުހީބެއް ލިބެމުން އައި ކަންނާޑާ ސުޕަސްޓާރު ޔަޝްގެ "ޓޮކްސިކް"އަށް ވަނީ ވިޔަފާރީގެ ގޮތުން ބޮޑު ހުރަސްތަކަކާ ކުރިމަތިލާންޖެހިފައެވެ.
ފިލްމުތަކުގެ ވިޔަފާރި މާކެޓް ޓްރެކްކުރާ ސެކްނިލްކްގެ ހިސާބުތަކުން ދައްކާގޮތުގައި، "މިރްޒާޕޫރު ދަ މޫވީ"އިން ވަނީ ފުރަތަމަ ދުވަހު 20.39 ކުރޯޑު ރުޕީސް ހޯދާފައެވެ.

ފިލްމު "މިރުޒާޕޫރު"ގެ މުހިއްމު އެކްޓަރުން ދައްކުވައިދޭ އެ ފިލްމުގެ ޕޯސްޓަރެއް--ފޮޓޯ/އިންޑިއަންއެކްސްޕްރެސް
މީގެތެރެއިން ހިންދީ ވާޝަނުން 17.18 ކުރޯޑު ރުޕީސް ހޯދިއިރު، ތެލުގޫ ވާޝަނަށް ލިބުނީ 10 ލައްކަ ރުޕީސްއެވެ.
ގުރްމީތު ސިންގް ޑައިރެކްޓްކޮށްފައިވާ މި ފިލްމަށް ކްރިޓިކުންނާއި ބެލުންތެރިންގެ ފަރާތުން ވަރަށް އެދެވޭ ރިވިއުތަކެއް ލިބެމުންދާއިރު، ހާއްސަކޮށް އެކްޓަރު ޕަންކަޖް ތުރިޕާތީ އާއި އެހެނިހެން ކާސްޓުންގެ އެކްޓިންގްއަށް ގިނަބަޔަކު ވަނީ ތައުރީފުކޮށްފައެވެ.
ބޮޑު ހައިޕަކާ އެކު ރިލީޒްކުރި "ޓޮކްސިކް"އަށް ވަނީ 11 ވަނަ ދުވަހު ބޮޑު އަޑިއެޅުމެއް އައިސްފައެވެ. އެގޮތުން 1,747 ޝޯއިން އެ ފިލްމަށް ލިބުނީ އެންމެ 1.29 ކުރޯޑު ރުޕީސްއެވެ. ފަސްސަތޭކަ ކުރޯޑު ރުޕީސް އަށްވުރެ ބޮޑު ބަޖެޓަކުން އުފެއްދި މި ފިލްމު ފުރަތަމަ ދުވަހު 100 ކުރޯޑުން އާމްދަނީ ފެށި ނަމަވެސް، ކްރިޓިކުންގެ ނޭދެވޭ ރިވިއުތަކާ އެކު ދެވަނަ ދުވަހުން ފެށިގެން ފިލްމު ވިޔަފާރި ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. މިހާތަނަށް އެ ފިލްމަށް ޖުމްލަ ލިބިފައިވަނީ 287.22 ކުރޯޑު ރުޕީސްއެވެ.