ދެ އިންތިޚާބު އެއްކޮށްލުމުން ބާރުތައް ވަކިކުރުމުގެ ފުރުސަތު ރައްޔިތުންނަށް ގެއްލޭ: ފައްޔާޒް

އެމްޑީޕީ ޗެއާޕާސަން ފައްޔާޒް އިސްމާއިލް: އޭނާ ވިދާޅުވީ ރިޔާސީ އަދި މަޖިލީސް އިންތިޚާބު އެއްކޮށްލުމުން ބާރުތައް ވަކިކުރުމުގެ ފުރުސަތު ރައްޔިތުންނަށް ގެއްލޭ ކަމަށް ---- ފޮޓޯ/ އެޓޯލް ޓައިމްސް

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެއްކޮށް ބޭއްވުމުން ބާރުތައް ވަކިކުރަން ރައްޔިތުންނަށް އޮތް ފުރުސަތު ގެއްލޭ ކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް މިރޭ ވިދާޅުވެއްޖެއެވެ.

ފައްޔާޒު މިފަދައިން ވިދާޅުވީ، ސަރުކާރުގެ ޚަރަދު ކުޑަކުރުމަށް ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެއްކޮށްލަން، ގާނޫނު އަސާސީ އިސްލާހު ކުރުމަށް ހުށަހަޅުއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެފައި ވަނިކޮށެވެ.

https://sun.mv/194050

މިކަމާއި ގުޅިގެން ސަންގު ޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަދައްކަމުން ފައްޔާޒު ވިދާޅުވީ، ރައްޔިތުންނަށް ކިރިޔާ ވެސް ބާރެއް ލިބޭނެ ނިޒާމަކަށް މިވަގުތު ފެންނަން އޮތީ އިލެކްޝަންތަކާއި ޑިމޮކްރެސީ ކަމަށާ، މަޖިލީހަކީ ސަރުކާރު ޖަވާބުދާރީ ކުރުމަށް ކަނޑައަޅާފައި އޮންނަ ތަނެއް ކަމަށެވެ.

"އެހެންވީމާ ރިޔާސީ އިންތިހާބާއި މަޖިލީސް އިންތިހާބު އެކުއެކީގައި ބޭއްވީމާ ރައްޔިތުންނަށް ފަހަރުގަ އެބަ ފުރުސަތު ގެއްލޭ ރިޔާސީ އިންތިޚާބުގައި ވިންވާ ބައެއް ޗެކް އެންޑް ބެލެންސް ކުރުމަށް." ފައްޔާޒު ވިދާޅުވިއެވެ.

އޭގެ އިތުރުން، ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި، 'ބޭކާރު' ޚަރަދަކަށް ވިޔަސް އިލެކްޝަންތައް ބާއްވަން ޖެހޭކަން ފައްޔާޒު ވަނީ ފާހަގަކުރައްވާފައެެވެ.

މަޖިލިސް އިންތިޚާބުގައި މީހަކު ވޯޓުލަނީ: ފައްޔާޒް ވިދާޅުވީ، ރިޔާސީ އަދި މަޖިލީސް އިންތިޚާބު އެއްކޮށްލުމުން ބާރުތައް ވަކިކުރުމުގެ ފުރުސަތު ރައްޔިތުންނަށް ގެއްލޭ ކަމަށް -- ސަން ފޮޓޯ/ މޫސާ ނަދީމް

ފައްޔާޒު ވިދާޅުވީ، ރައްޔިތުން މަޖިލީހަކީ ވަކި ބާރެއް ކަމަށްވާއިރު ދައުލަތް ހިންގުމުގެ ބާރު އެއްކޮށް ބޭއްވުން އެހާ ބުއްދިވެރި ކަމަށް ފެނިވަޑައިނުގަންނަވާ ކަމަށެވެ. ނަމަވެސް، ރިޔާސީ އިންތިޚާބާއި ކައުންސިލް އިންތިޚާބު އެއްކޮށް ބޭއްވުމުން މާ ބޮޑު މައްސަލައެއް ނެތް ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

"އެއީ ކައުންސިލްތަކަށް އަންނަ ބަޔަކީ ވެސް ސަރުކާރާ އެއްކޮށް މަސައްކަތް ކުރެވޭނެ ބައެއް. ކައުންސިލަރުންނަކީ ވެސް ހަގީގަތުގައި ދައުލަތް ހިންގުމުގައި ހިމެނޭ ބައެއް. ރަށުގެ ކަންކަން ހިންގާ މީހުން. އެކަމު މަޖިލީހަކީ އެމީހުން ޖަވާބުދާރީ ކުރުވަން އަންނަ މީހުން" އޭނާ ވިދާޅުވިއެވެ.

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް: އޭނާ ވިދާޅުވީ ރިޔާސީ އަދި މަޖިލީސް އިންތިޚާބު އެއްކޮށްލުމުން ބާރުތައް ވަކިކުރުމުގެ ފުރުސަތު ރައްޔިތުންނަށް ގެއްލޭ ކަމަށް -- ފޮޓޯ/ އެމްޑީޕީ

މިހާރު މަޖިލިސް އިންތިޚާބާއި ރިޔާސީ އިންތިޚާބާއި ދެމެދުގައި އިންނަ ހަ މަސް ދުވަހަކީ މާ ކުރު މުއްދަތެއް ކަން ފާހަގަކޮށް އޭނާ ވިދާޅުވީ، އެ މުއްދަތު އަހަރު ދުވަހަށް ދިގުކޮށް ލުން މާ ރަނގަޅު ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ. އޭރުން ސަރުކާރުން އަމަލު ކުރަމުންދާ ގޮތް ރައްޔިތުންނަށް އެނގޭނެކަން އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ފައްޔާޒް ވަނީ މި ސަރުކާރުން މަޖިލީސް އިންތިޚާބު ނިމެންދެން ސިޔާސީ މަގާމުތައް އޮޅުވާލި ކަމަށް ތުހުމަތު ކުރައްވާފައެވެ.

ރޭ ބޭއްވި ޕީއެންސީ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، މަޖިލިސް އިންތިޚާބު ނިމުނުއިރު 120 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުވެފައިވާ ކަމަށާއި ރިޔާސީ އިންތިޚާބުގެ ދެ ބުރަށް 180 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވި ކަމަށެވެ. ނަމަވެސް، އެ ދެ އިންތިޚާބު އެއްކޮށް ބޭއްވުމުން ރައްޔިތުންގެ ފައިސާއިން މަދުވެގެން 120 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭ ކަމަށް ރައީސް ވިދާޅުވިއެވެ.

comment ކޮމެންޓް