ލާމަސީލު ލާމުގެ ނަމުގައި ލ. އަތޮޅު ކައުންސިލުން އިސްނަގައިގެން ކުރިއަށްގެންދާ ވާހަކަދެއްކުމުގެ ދެވަނަ މުބާރާތުގެ ނަތީޖާ ރޭ ފާޅުކޮށްފިއެވެ.
އެ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ރޭ ޙަމަދު ބިން ޚަލީފާ އަލް ޘާނީ ސުކޫލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިވެހި ބަހުގެ އެކެޑަމީގެ ނައިބު ރައީސާ ޒުލްފާ އިބްރާހިމެވެ.
އެ މުބާރާތުގެ 14 އަހަރުން ދަށުގެ އުމުރުފުރައިގެ ގަދަ ފަސް ދަރިވަރުންނާއި 14 އަހަރުން މަތީ އުމުރުފުރައިން ފަސް ދަރިވަރުން ވަނީ ހޮވައިފައެެވެ. އަދި އެ އުމުރުފުރާތަކުން އެންމެ ގަދަ ފަސް ސުކޫލެއް ވެސް ވަނީ ހޮވައިފައެވެ.

ލާމަސީލު ލާމު ވާހަކަދެއްކުމުގެ ދެވަނަ މުބާރާތުގެ ފަޙުރުވެރި އެއްވަނަ ޒުހާ ނާޞިރު---ފޮޓޯ: ދިވެހިބަހުގެ އެކެޑަމީ
މުޅި މުބާރާތުގެ ގަދަ ފަސް ދަރިވަރުން:
- އިބްރާހިމް އާހިލް އާޒިމް، އިހައްދޫ ސުކޫލް
- ޢާއިޝަތު އަބްދުލް ރަޢޫފް، ޙަމަދު ބިން ޚަލީފާ އަލް ޘާނީ ސުކޫލް
- ޢާއިޝަތު ހުސްނު މުޙައްމަދު، ޙަމަދު ބިން ޚަލީފާ އަލް ޘާނީ ސުކޫލް
- ޢާއިޝް އަބްދުލްހަންނާން، ޙަމަދު ބިން ޚަލީފާ އަލް ޘާނީ ސުކޫލް
- ޒުހާ ނާޞިރު، ލ.އަތޮޅު ތައުލީމީ މަރުކަޒު
އޭގެ ތެރެއިން މުޅި މުބާރާތުގެ އެއް ވަނަ ޒުހާ ހޯދިއިރު، ދެވަނަ ހޯދީ ޙަމަދެވެ. އަދި ތިން ވަނަ ލިބުނީ އާހިލްއަށެވެ.
ރޭގެ އިނާމު ދިނުމުގެ ހަފުލާގައި ފަނޑިޔާރުންނަށާއި މުބާރަތް ހިންގުމަށް އެހީތެރިވި ހުރިހާ ފަރާތްތަކަށް ވަނީ ހަނދާނީ ފިލާ ހަވާލުކޮށްފައެވެ.
އެ މުބާރާތުގެ ފަނޑިޔާރު މުޙައްމަދު ނަސީރު އެ ރަސްމިއްޔާތުގައި ވިދާޅުވީ ލާމަސީލު ލާމަކީ ލާމުއަތޮޅު ކައުންސިލްގެ ލާމަސީލު މަސައްކަތެއް ކަމަށާއި އެ ކައުންސިލުން ރާއްޖޭގެ އަތޮޅު ކައުންސިލްތަަކަށް ނަމޫނާ ދައްކައިފައިވާ ކަމަށެވެ.

ލާމަސީލު ލާމު ވާހަކަދެއްކުމުގެ ދެވަނަ މުބާރާތުގެ ނަތީޖާ ފާޅުކޮށްފި--ފޮޓޯ: ދިވެހިބަހުގެ އެކެޑަމީ
މީގެއިތުރުން އޭނާ ވިދާޅުވީ، މިދިޔަ އަހަރުގެ މުބާރާތާ އަޅައިބަލާއިރު މިއަހަރުގެ މުބާރާތުގައި ދަރިވަރުންގެ ވާހަކަދެއްކުމަށް ހެޔޮ ބަދަލުތަކެއް އައިސްފައިވާކަން ފާހަގަކުރެވުނު ކަމަށެވެ.
ރޭގެ ރަސްމިއްޔާތުގައި ވާހަަކަދައްކަވަމުން އަތޮޅު ކައުންސިލްގެ ރައީސް އިސްމާއީލް އަލީ ވިދާޅުވީ މިދިޔަ އަހަރަށްވުރެ މިއަހަރުގެ މުބާރާތުގައި ބައިވެރިވި ކުދިން މަދު ނަމަވެސް، ރަނގަޅު ވާހަކަދެއްކުންތެރިން ފެނުނު ކަމަށެވެ.
އޭނާ ވަނީ އަތޮޅަށް ހުޅުވާލައިގެން މިފަދަ ބޮޑު މުބާރަތެއް އިންތިޒާމުކުރަން ދިިވެހި ބަހުގެ އެކެޑަމީން ކުރާ މަސައްކަތްތައް ފާހަަގަކޮށް، ޝުކުރު އަދާކުރައްވައިފައެވެ.
އެ ރަސްމިއްޔާތުގައި ޒުލްފާ ވިދާޅުވީ މިފަހަރުގެ މުބާރާތުގައި ބައިވެރިންގެ އަދަދު މަދު ނަމަވެސް ކުދިންގެ ވާހަކަދެއްކުމުގެ ފެންވަރު ރަނގަޅުވެފައިވާ ކަމަށެވެ.

ދިވަހި ބަހުގެ އެކެޑަމީގެ ނައިބު ރައީސާ ޒުލްފާ އިބްރާހިމް-- ފޮޓޯ---
އޭނާ ވިދާޅުވީ ވާހަކަދެއްކުމުގެ މުބާރާތުގެ ބޭނުމަކީ ވާހަކަދެއްކުމަށް ކުޅަދާނަ ދަރިންތަކެއް ބިނާކޮށް، މުނާސަބު ބަސްކޮށާރެއް ބޭނުންކޮށްގެން އިލްމީ މައުލޫމާތެއް ފޯރުކޮށްދިނުން ކަމަށެވެ.
"އަޅުގަނޑުގެ ނަސޭހަތަކީ ތި ހުރިހާ ދަރިވަރުންނަށް، ދިވެހި ހަޟާރާތެއް ގާއިމުކުރަން ބޭނުންކަމަށްވާނަމަ، މިހިސާބުން އެހެން ހިސާބަކަށް ދާނަމަ، ފޮތްތެރިކަން އިސްކުރަން،" އޭނާ ވިދާޅުވިއެވެ.
ޒުލްފާ ވިދާޅުވީ އެހެން އަތޮޅުތަކުގެ ކައުންސިލްތަކުން އިސްނަގައިގެން، ލާމަސީލު ލާމަކީ މިސާލެއް ކަމަށް ބެލުން އެދިވަޑައިގަންނަވާ ކަމަށެވެ.
ރޭގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ސުކޫލުތަކުގެ ވެރިންނާއި ލާމު އަތޮޅު ކައުންސިލްގެ އިސްވެރިންވެސް ބައިވެރިވިއެވެ.