ނިޒާމު ހަރުދަނާ ކުރުމަށް ކައުންސިލްތައް ހިމެނޭ އެސޯސިއޭޝަން އުފައްދައިފި

ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމަށް މަސައްކަތްކޮށްދޭނަަން: އާދަމް ޝަރީފް

ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން މޯލްޑިވްސް ލޯކަލް ކައުންސިލްސް އެސޯޝިއޭޝަން (އެމްއެލްސީއޭ)ގެ ނަމުގައި އެސޯސިއޭޝަނެއް އުފައްދައި މިއަދު އިފްތިތާހުކޮށްފިއެވެ.

މި ޖަމިއްޔާ އިފްތިތާހުކޮށްދެއްވީ ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް އުމަރެވެ. އެސޯސިއޭޝަން އިފްތިތާހުކޮށްދެއްވީ މިއަދު ބ. ކަމަދޫގައި ބޭއްވި ރަސްމިއްޔާތުގައެވެ.

އެއަށްފަހު ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމަށް ސަރުކާރުން ކޮށްދޭންޖެހޭ ކަންކަން ކޮށްދިނުމަށް ފުރިހަމައަަށް އެއްބާރުލުން ދެއްވައި މަސައްކަތްކޮށްދެއްވާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މިއަދު މި ޖަމިއްޔާ އުފެދިގެންދާ އިރު ސަރުކާރުގެ ފަރާތުން ކައުންސިލްތަކުގެ ކަންކަން ބާރުވެރިކުރުމާއި ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް ޓަކައި ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ ލާމަރުކަޒީ ނިޒާމަކީ ރައްޔިތުން ބަލައިގަންނަ ނިޒާމެއްގެ ގޮތުގައި ހެދުމަށް ކައުންސިލްތަކުން މަސައްކަތް ކުރެއްވުމަށް އެދިވަޑައިގެންނަވާ ކަމަށެވެ.

ހަމަމިއާއެކު، މިއަދު މި އުފެދޭ ޖަމިއްޔާގެ ސަބަބުން ވެސް ރައްޔިތުންނަށް ފައިދާވާ މަސައްކަތްތަކެއް ކުރާ ޖަމިއްޔާއަކަށް މޯލްޑިވްސް ލޯކަލް ކައުންސިލްސް އެސޯސިއޭޝަން ވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެމްއެލްސީއޭއަކީ ސިޓީ ކައުންސިލުތަކާއި، އަތޮޅު ކައުންސިލުތަކާއި އަދި ރަށު ކައުންސިލްތަކުގެ ތެރެއިން އެ އެސޯޝިއޭޝަންގެ މެންބާޝިޕް ހިމެނޭ ދާއިރާތަކުގެ ކައުންސިލަރުން ހިމެނޭގޮތަށް މަސައްކަތްކުރުމަށް އުފެއްދި ޖަމިއްޔާއެކެވެ.

ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު އެކަމަށް ޤައުމީ ޔުނިވާސިޓީއަށް ދިރާސާގެ މަސައްކަތް ވަނީ ހަވާލުކޮށްފައެވެ. އެ ރިސާޗާއި އާންމުންގެ ޚިޔާލަށް ބެލުމަށް ފަހުގައި ނިޒާމަށް ގެންނަންޖެހޭ ބަދަލުތަކެއްވާނަމަ ގެންނާނެކަމަށް މިނިސްޓަރު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

comment ކޮމެންޓް