ޑިޖިޓަލް ފައިސާ ތައާރަފް ކުރުމަށް ވަކި ޓައިމްޓޭބަލެއް ނެތް ކަމަށް ޓައިވާންގެ ކޮމާޝަލް ބެންކުން ބުނެފިއެވެ.
ޓައިވާންގެ މަރުކަޒީ ބޭންކުން ބުނެފައިވަނީ ޑިޖިޓަލް ފައިސާއެއް ތައާރަފް ކުރުމުގެ ޓައިމްޓޭބަލެއް މިވަގުތު ނެތް ކަމަށެވެ. ނަމަވެސް އެ ބޭންކުން ދަނީ ސަރުކާރުން ހިންގާ ޑިޖިޓަލް ފައިސާއެއްގެ ޕައިލެޓް ޕްރޮގްރާމެއްގެ މަސައްކަތް ކުރަމުން ކަމަށް އެބޭންކުން ބުނެއެވެ.
މަޖިލީހަށް ފޮނުވި ރިޕޯޓެއްގައި ބޭންކުން ބުނެފައިވަނީ މިވަގުތު ޑިޖިޓަލް ފައިސާ ދޫކުރާނެ ޓައިމްޓޭބަލެއް ނެތް ނަމަވެސް، މެދުނުކެނޑި ދިރާސާތަކާއި ތަޖުރިބާތަކުގެ މަރުހަލާގައި މިހާރުވެސް ދަނީ ޕްރޮސެސިން އެފިޝަންސީ އާއި ޕޭމަންޓް ސިސްޓަމްގެ އިނޮވޭޓިވް އެޕްލިކޭޝަން ރަނގަޅު ކުރަމުން ކަމަށެވެ.
ޑިޖިޓަލް ފައިސާ ލޯންޗުކުރުމުން ގިނަ ބަޔަކަށް އަސަރުކުރާނެ ކަމަށް ބަލާއިރު އެކަމާ ބެހޭ ގޮތުން ފުޅާދާއިރާއެއްގައި މުއާމަލާތް ކުރަން ޖެހޭ ކަމަށް ބޭންކުން ބުނެފައިވެއެވެ.
އަދި ފައިސާއާ ބެހޭ މައުލޫމާތު ޢާއްމުންނަށް ފޯރުކޮށްދިނުމަށް އަންނަ އަހަރު އާއްމު އަޑުއެހުންތަކާއި ފޯރަމްތައް ބާއްވާނެކަމަށް ވެސް ބުނެފައިވެއެވެ.
ބޭންކުން އިތުރަށް ބުނެފައިވަނީ ސެންޓްރަލް ބޭންކުގެ ޑިޖިޓަލް ކަރަންސީ ޕްރޮމޯޓް ކުރުމަކީ ގިނަ ދުވަސްތަކެއް ވަންދެން ކުރިއަށް ގެންދަން ޖެހޭ ވަރަށް ބޮޑު އަދި ކޮމްޕްލެކްސް މަޝްރޫއެއް ކަމަށެވެ.
މާޗް މަހު އާންމުކުރި ދިރާސާއަކުން ދައްކާ ގޮތުގައި ދުނިޔޭގެ އިގްތިސާދުގެ 98 އިންސައްތަ ތަމްސީލުކުރާ ޖުމްލަ 134 ގައުމަކުން މިހާރު ފައިސާގެ ޑިޖިޓަލް ވާޝަންތައް ހޯދަމުންދާއިރު، ދެބައިކުޅަ އެއްބައި ގައުމަކީ އެޑްވާންސް ޑިވެލޮޕްމަންޓް، ޕައިލެޓް ނުވަތަ ލޯންޗް ކުރުމުގެ މަރުހަލާތަކުގައި ތިބި ގައުމުތަކެވެ.
ޑިޖިޓަލް ފައިސާގެ ސަޕޯޓަރުން ބުނާ ގޮތުގައި މިފަދަ ފައިސާގެ ސަބަބުން އާ ފަންކްޝަނަލިޓީތަކެއް ލިބިގެންދާނެ ކަމަށާއި ފިޒިކަލް ފައިސާއިން މުޢާމަލާތް ކުރާ މިންވަރު ވަރަށްބޮޑުތަނުން ކުޑަވެގެން ދާނެކަމަށެވެ.