އެޕިކްގެ ތިންވަނަ ފަރާތެއްގެ އެޕް ސްޓޯރު އެޕަލްއިން ޤަބޫލުކޮށްފިކަމަށް އެކުންފުނިން ބުނެފިއެވެ.
އެޕިކްއިން ބުނެފައިވަނީ މިދިޔަ ދުވަސްތަކެއްގެ ތެރޭގައި އެޕިކް ގޭމްސްއާއި އެޕަލްއާ ދެމެދު ހިނގަމުން އައި ޚިލާފު މިހާރު ވަނީ ހައްލުވެފައި ކަމަށެވެ. އެ ޕިކުން ބުނާ ގޮތުގައި އެ ކުންފުނީގެ ތިންވަނަ ފަރާތެއްގެ އެޕް ސްޓޯ އެޕަލްއިން ވަނީ މިހާރު ޤަބޫލުކޮށްފައެވެ.
ކުރިން އެޕިކްއިން ބުނެފައިވަނީ އެޕަލްއިން އެ ކުންފުނީގެ ތިންވަނަ ފަރާތެއްގެ އެޕް ސްޓޯރު ބަލައިނުގަތް ކަމަށެވެ. މިގޮތުން އެޕިކްއިން ބުނެފައިވަނީ "އިންސްޓޯލް" ބަޓަނާއި "އިން-އެޕް ޕާޗޭސަސް" ލޭބަލްގެ ޑިޒައިންގައި މައްސަލަ ހުރި ކަމަށް ބުނެ އެޕަލްއިން އެޕިކްގެ ހުށަހެޅުން ބަލައިނުގަތް ކަމަށެވެ.
އަދި މިކަމާ ގުޅިގެން އެޕިކްއިން ވަނީ އެޕަލްއަށް ތުހުމަތުކޮށް، ޑިޖިޓަލް މާކެޓްސް އެކްޓް (ޑީއެމްއޭ) އާ ޚިލާފުވެފައިވާ ކަމަށް ބުނެފައެވެ.
އެޕިކްއިން ބުނެފައިވާ ގޮތުގައި އިތުރު ހުރަހެއް ނެތްނަމަ، އެޕިކް ގޭމްސް ސްޓޯއާއި ފޯޓްނައިޓް ވެސް ޔޫރަޕިއަން ޔޫނިއަންގެ އައިއޯއެސް ޑިވައިސްތަކަށް މަދު މަސްތަކެއްގެ ތެރޭގައި ނެރެވޭނެއެވެ. މި މައްސަލައަކީ އެޕިކްއާއި އެޕަލްއާ ދެމެދު ދިގު މުއްދަތެއްގައި ހިނގަމުން އައި ޚިލާފެކެވެ.
މި ޚިޔާލު ތަފާތުވުން ފުރަތަމަ ފެށުނީ އެޕިކްއިން އެޕަލްގެ 30 ޕަސެންޓް ކޮމިޝަން ނުދީ އިން-އެޕް ޕާޗޭސް ހެދުމަށް މަސައްކަތްކުރުމުންނެވެ.
މި މައްސަލަ ވަނީ އެމެރިކާގެ ކޯޓުތަކުގައި ވެސް ހިނގާފައެވެ. އަދި މައްސަލަ ސުޕްރީމް ކޯޓަށް ވެސް ހުށަހެޅުނު ނަމަވެސް، އެ ކޯޓުން ވަނީ މައްސަލަ ބަލައިނުގަތުމަށް ނިންމާފައެވެ.
ނަމަވެސް ޔޫރަޕިއަން ޔޫނިއަންގެ ޑިޖިޓަލް މާކެޓްސް އެކްޓްގެ ދަށުން އެޕަލްއަށް މަޖުބޫރުވެފައިވަނީ ޔޫރަޕްގައި ތިންވަނަ ފަރާތްތަކުގެ އެޕް ސްޓޯރތައް އައިއޯއެސް ޑިވައިސްތަކުގައި ހުއްދަކުރުމަށެވެ.