ދިރާގުގެ މުޅިން އައު ގޭމިން ޕްލެޓްފޯމެއް ކަމަށްވާ 'ދިރާގު ގޭމާސް ގިލްޑް' (ޑީޖީޖީ) ލޯންޗުކޮށް، އެ ކުންފުނީގެ އީ-ސްޕޯޓްސްއަށް އިންގިލާބީ ބަދަލެއް ގެނެސްފިއެވެ.
އެގޮތުން ޑީޖީޖީ ތައާރަފުކޮށްފައި ވަނީ ދިރާގު ހެޑް އޮފީހުގައި ރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތުގައި މި ޕްލެޓްފޯމް ލޯންޗުކޮށްދެއްވީ މިނިސްޓާ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން، އަބްދުالله ރާފިއުއެވެ.
ދިރާގުން ބުނީ ޑީޖީޖީއަކީ ގޭމަރުންނަށް ޚާއްސަ އަދި ގޭމިން ކޮމިއުނިޓީގެ ބައިވެރިވުމާއި މަޝްވަރާއާއެކު ރާއްޖޭގައި ފަރުމާކުރެވިފައިވާ ޕްލެޓްފޯމެއް ކަމަށެވެ. އެގޮތުން ގޭމަރުން ބޭނުންވާ ފަދަ ގޮތަށް އުފެދިފައިވާ މި ޕްލެޓްފޯމުން ތަފާތު ފީޗާތަކާއި ޚިދުމަތްތައް ލިބިގެންދާނެ ކަމަށް ދިރާގުން ބުންޏެވެ.
އަދި މީގެ ސަބަބުން ހުރިހާ އެންމެން ހިމެނޭ ފަދަ އީސްޕޯޓްސް ކުޅުންތެރިންގެ ކޮމިއުނިޓީއެއް އުފެއްދުމުގެ އިތުރުން ކުޅުންތެރިން އެކަކު އަނެކަކާ ގުޅުވާލަދީ، ތަފާތު ގޭމުތައް ކުޅުމުގެ ފުރުސަތު ވެސް މި ޕްލެޓްފޯމްއިން ފަހިކޮށްދޭނެއެވެ.
"ދިރާގު ގޭމާސް ގިލްޑް" ލޯންޗުކުރުމުގެ ރަސްމިއްޔާތު: ސްޕޯޓްސް މިނިސްޓަރު ރާފިއު ވާހަކަދައްކަވަނީ -- ފޮޓޯ/ ދިރާގު
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ރާފިއު ވަނީ، ރާއްޖޭގެ ގޭމިން ކޮމިއުނިޓީއަށް އައު އީޖާދުތައް ގެނައުމަށް ދިރާގުން އިސްނަގައިގެން ކުރަމުން އަންނަ މަސައްކަތަށް ތައުރީފު ކުރައްވާފައެވެ. އަދި އެކަމުގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގޭމް ކުޅޭ ފަރާތްތަކަށް ކުރިއަށްވުރެ ރަނގަޅު ތަޖުރިބާއެއް ލިބޭނެކަން ރާފިއު ވިދާޅުވިއެވެ.
އަދި މީގެ އިތުރުން ކުޅިވަރާއި، ވާދަވެރިކަމާއި، ހުނަރު ތަރައްޤީކުރުމާ މެދު މީހުން ދެކޭ ގޮތް ބަދަލުވެގެންދާނެކަންވެސް ޔަޤީން. އަޅުގަނޑުގެ އުންމީދަކީ ދިރާގުގެ އެއްބާރުލުމާ އެކު ރާއްޖޭގެ އީސްޕޯޓްސް އެތުލީޓުން ބައިނަލްއަގުވާމީ މައިދާނުގައި ވާދަކޮށް، ގައުމަށް ފަޚުރުވެރި ވަނަތައް ގެނެސްދޭ މުސްތަގުބަލެއް ފެނުން، މިނިސްޓާ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން، އަބްދުالله ރާފިއު
"ދިރާގު ގޭމާސް ގިލްޑް" ލޯންޗުކުރުމުގެ ރަސްމިއްޔާތު: ޑީޖީޖީ ލޯންޗުކޮށްދެއްވީ ސްޕޯޓްސް މިނިސްޓަރު ރާފިއު -- ފޮޓޯ/ ދިރާގު
ދިރާގު ގޭމާސް ގިލްޑްގެ ފާހަގަކޮށްލެވޭ ފީޗާތައް:
- ދިރާގުން ބާއްވާ އެކި އީ-ސްޕޯޓްސް މުބާރާތްތަކަށް ފަސޭހަކަމާ އެކު ޕްލެޓްފޯމް މެދުވެރިކޮށް ރަޖިސްޓާ ކުރުމުގެ ފުރުސަތު ލިބުން
- މި ޕްލެޓްފޯމްގެ ރަޖިސްޓްރޭޝަން ޕްރޮސެސްގެ ސަބަބުން ހުރިހާ ގޭމަރުންނަށްވެސް މުބާރާތްތަކުގައި ވާދަކޮށް އެފަރާތްތަކުގެ ހުނަރު ދައްކާލެވޭނެ
- ޑީޖީޖީގައި ރަޖސްޓާކޮށްފައިވާ ގޭމަރުންނަށް ގޭމިން ތަޖުރިބާ އިތުރަށް ފުރިހަމަކުރުމަށް ޚާއްސަ ފައިބާ ބްރޯޑްބޭންޑް ބޫސްޓާތަކާއި މޮބައިލް އެޑް-އޮންތައް ޕްލެޓްފޯމްގެ ތެރެއިން ނެގޭނެ
"ދިރާގު ގޭމާސް ގިލްޑް" ލޯންޗުކުރުމުގެ ރަސްމިއްޔާތު: ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދު ވާހަކަދައްކަވަނީ -- ފޮޓޯ/ ދިރާގު
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދު ވިދާޅުވީ، އީ-ސްޕޯޓްސްއާ ބެހޭ ހުރިހާ ކަމެއް އެއްތާކުން ފަސޭހަކަމާއެކު ލިބޭ މިފަދަ ދިރާގުގެ އަމިއްލަ ޕްލެޓްފޯމެއް ލޯންޗުކުރުމަކީ އެ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
އަޅުގަނޑުގެ އުންމީދަކީ، މި ޕްލެޓްފޯމްގެ ޒަރިއްޔާއިން ރާއްޖޭގެ އީސްޕޯޓްސް ދާއިރާގައި ހަރަކާތްތެރިވާ ޒުވާނުން ބާރުވެރިވެ ބައިނަލްއަގްވާމީ މުބާރާތްތަކުން މޮޅެތި ވަނަތަށް ހާސިލްކުރާތަން ދެކުން. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ ގޭމަރުންނަށް އެމީހުންގެ ހުނަރު ދައްކާލާ، މުޅިން ތަފާތު އަދި ފުރިހަމަ ތަޖުރިބާއެއް ލިބިގެން ދިއުން، ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދު
ޑީޖީޖީ ލޯންޗުކުރެވިގެން ދިޔައީ ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ވޯކް-އިން ގޭމިން މުބާރާތަކާއެކުއެވެ.
އެކަމާ ގުޅިގެން ދިރާގުން ބުނީ ޝައުގުވެރިވާ ބައިވެރިންނަށް ޑީޖީޖީ ވެބްސައިޓް މެދުވެރިކޮށް ރަޖިސްޓްރީކޮށްގެން އެ މުބާރާތުގައި ބައިވެރިވެވޭނެ ކަމަށެވެ.
އެގޮތުން ރޮކެޓް ލީގް އަދި އީއޭއެފްސީ 24، މި ދެ ގޭމުގެ ތެރެއިން ބޭނުންވާ ގޭމެއްގައި ވާދަކުރެވޭނެއެވެ. އަދި ޖެހިޖެހިގެން ތިން މެޗު ކާމިޔާބު ކުރާ ކުޅުންތެރިޔަކަށް ފައިސާގެ އިނާމެއް ލިބެގެންދާނެ ކަމަށް ވެސް ދިރާގުން މައުލޫމާތު ދިނެވެ.