ފުލުހުން މިރޭ ހިންގި އޮޕަރޭޝަނެއްގެ ދަށުން މާލޭގެ ސްޕާއަކުން ދިވެހި ފިރިހެނަކާއި ތައިލެންޑު ތިން އަންހެނުން ހައްޔަރުކޮށްފިއެވެ.
މިރޭ ފުލުހުން މީޑިއާތަކާއި ހިއްސާކުރި މެސެޖެއްގައި ބުނީ، އެމީހުން ހައްޔަރު ކުރީ މާލޭގައި ސްޕާއެއްގެ ގޮތުގައި ހިންގަމުންދާ ތަނެއްގައި އަންހެނުންތަކެއް ހަށި ވިއްކާ ކަމަށް އެ ޚިދުމަތަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގެ ދަށުން ކަމަށެވެ.
އެގޮތުން، ކޯޓު އަމުރެއްގެ ދަށުން އެތަން ބަލައި، ފާސްކޮށް 55 އަހަރުގެ ދިވެހި ފިރިހެނަކާއި ތައިލެންޑު ތިން އަންހެނުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. އޭގެ ތެރޭގައި ހިމެނެނީ 30 އަހަރުގެ ދެ އަންހެނުންނާއި 28 އަހަރުގެ އަންހެނެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، އިއްޔެ ރޭ ވެސް ވަނީ މާލެގައި ފުޅާ ދާއިރާގައި ހަށި ވިއްކި ދެ ބިދޭސީ އަންހެނުން ހައްޔަރުކޮށްފައެވެ.
ރާއްޖޭގައި ހަށިވިއްކުމުގެ ވިޔަފާރި ފުޅާވެފައިވާއިރު، މާލޭގެ އިތުރުން އެހެން ސަރަހައްދުތަކުން ވެސް ހަށިވިއްކުމުގެ ތުހުމަތުގައި މިފަހުން މީހުން ހައްޔަރުކޮށްފައިވެއެވެ.
މިދިޔަ ފެބްރުއަރީ މަހު ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ، މާލޭ ސަރަހައްދުން އެކަނި ވެސް އެކިއެކި ނަންނަމުގައި ހަށިވިއްކުމުގެ ވިޔަފާރިކުރާ 111 ތަނެއް ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވެފައެވެ. އޭގެ ތެރެއިން ބައެއް ތަންތަނަށް ޓޫރިސްޓު ވިސާގައި ބިދޭސީން ގެނެސްގެން، އެ މީހުން ލައްވައި ހަށިވިއްކުމުގެ ވިޔަފާރި ހިންގާ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.