އެމެރިކާގައި އޮންނަ އދ.ގެ ޒުވާނުންގެ ސަމިޓެއްގައި ބައިވެރިވާން ހުޅުވާލައިފި

އަންނަ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހު ފާހަގަކުރާ "ފިއުޗާ ޔޫތު އެކްޝަން" ދުވަހުގެ ސަމިޓުގައި ބައިވެރިވާން އެމެރިކާއަށް ދިއުމުގެ ފުރުސަތު 10 ޒުވާނުންނަށް މިއަދު ހުޅުވާލައިފިއެވެ.

އެ ފުރުސަތު ހުޅުވައިލީ ޒުވާނުން ބާރުވެރިކުރުމާއި މައުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިންނެވެ.

އެ ވުޒާރާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އުމުރުން 18 އަހަރާއި 30 އަހަރާ ދެމެދުގެ 10 ޒުވާނުންނަށް މި ސަމިޓުގައި ބައިވެރިވުމުގެ ފުރުސަތު ލިބިފައިވާ ކަމަށެވެ. އެ 10 ޒުވާނުންގެ ހުރިހާ ޚަރަދެއް ވެސް ހަމަޖައްސާނީ އދ. އިންނެވެ.

މި ހަރަކާތަކީ ތަފާތު ސްޓޭކްހޯލްޑަރުން އެއްތަނަކަށް ގެނެސް، ރަނގަޅު މުސްތަގުބަލަކަށް ދެމެހެއްޓެނިވި ހައްލުތަކެއް ހޯދުމުގެ މަގުސަދުގައި ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ހަރަކާތެކެވެ.

ސެޕްޓެމްބަރު މަހުގެ 20 އަދި 21 ވަނަ ދުވަހު އެމެރިކާގެ ނިއުޔޯކްގައި ހުންނަ އދ. ގެ މައި މަރުކަޒުގައި ބާއްވާ ސަމިޓް އޮފް ދަ ފިއުޗާ ޔޫތު އެކްޝަން ޑޭޒްގެ މަގުސަދަކީ ސަރުކާރުތަކާއި، މަދަނީ ޖަމިއްޔާތަކާއި، ވިޔަފާރިތަކާއި، ޒުވާނުންނާއި އަދި އެ ނޫން ވެސް ފަރާތްތަކުގެ މެދުގައި ގުޅުން ބަދަހިކުރުން ކަމުގައި އެ ވުޒާރާއިން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.

މީގެ އިތުރުން، މުހިންމު ކަންކަމުގައި ހަރުދަނާ ފިޔަވަޅުތަކާ އެކު، މިހާރު ކުރިއަށްދާ މަސައްކަތްތައް އިތުރަށް ފުޅާކޮށް، ސަމިޓަށް ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދައިދިނުމަށް ގަދައަޅާ މަސައްކަތްކުރުން ވެސް ހިމެނެއެވެ.

ޔޫތު އެކްޝަން ޑޭއަކީ ޒުވާން ލީޑަރުންގެ ދިރިއުޅުމަށާއި، މުސްތަގުބަލަށާއި، އަންނަން އޮތް ޖީލުތަކަށް އަސަރުކުރާ ނާޒުކު ކަންކަމުގައި އަޑު އުފުލުމަށް ލިބޭ ފުރުސަތެއް ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

މި ސަމިޓުގައި ބައިވެރިވާނެ ޒުވާނުން ހޮވާނީ އދ.ގެ ޔޫތު އޮފީހާއި، ޒުވާނުންގެ ޖަމިއްޔާތަކާއި، ކުރީގެ އެޑްވޮކަސީ ގްރޫޕުތައް ތަމުސީލުކުރާ ކޮމިޓީއަކުންނެވެ.

ސަމިޓުގައި ބައިވެރިވާން އެދި ހުށަހަޅާ ފޯމު ވުޒާރާގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. ފޯމު ހުށަހެޅުމުގެ ފުރުސަތު އަންނަ ބުދަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލައިފައެވެ.

comment ކޮމެންޓް