މަމްސް އެއިޑުގެ "ހިޔާވަހި 2024"އަށް ބޭނުންވާ ހުރިހާ ޓިނެއް ފޯރުކޮށްދިނުމަށް ނިންމައި މޯލްޑިވްސް ސްޓްރަކްޗަރަލް ޕްރޮޑަކްޓްސް، (އެމްއެސްޕީ)އިން މަމްސް އެއިޑާ އެކު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މަމްސް އެއިޑަކީ އެކަނިވެރި މައިންނާއި ހާލުގައިޖެހިފައިވާ އާއިލާތަކަށް އެހީފޯރުކޮށްދިނުމުގެ ގޮތުން ދިވެހި ޒުވާނުން އިސްނަގައިގެން އުފައްދާފައިވާ ޖަމިއްޔާއެކެވެ.
މަމަސްއެއިޑުން ކުރިއަށްގެންދާ "ހިޔާވަހި 2024"އަކީ ހާލުގައި ޖެހިފައިވާ އާއިލާތަކަށް ބޯހިޔާވަހިކަމުގެ އެހީތެރިކަން ފޯރުކޮށްދިނުމަށް މަމްސް އެއިޑުން ކޮންމެ އަހަރަކު ހިންގާ ޕްރޮޖެކްޓެކެވެ.
ނިމިދިޔަ އަހަރުގެ "ހިޔާވަހި 2023" ޕްރޮޖެކްޓަށް ވެސް އެމްއެސްޕީއިން ވަނީ ޓިނާއެކު، ފުރާޅު އެޅުމަށް ބޭނުންވާ ތަކެތި ފޯރުކޮށްދީފައެވެ. މީގެ އިތުރުން މި އަހަރުގެ ރަމަޟާންމަހު އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން އިސްނަގައިގެން ބޭއްވި އިޙްޔާ ފޯރަމަށް ވެސް އެމްއެސްޕީއިންވަނީ ސްޕޮންސާ ކޮށްދީފައެވެ.
އެމްއެސްޕީއަކީ އެސްޓީއޯ އަދި ރެއިންބޯ ގުޅިގެން 2000ވަނަ އަހަރު ރާއްޖޭގެ އިގްތިސާދަށް ބޭނުންވާ ޓިނު ތައްޔާރުކުރުމަށް އުފައްދާފައިވާ ކުންފުންޏެކެވެ. އެ ގޮތުން 24 އަހަރުގެ ތަޖުރިބާއާ އެކު، ރާއްޖޭގެ މާހައުލަށް އެކަށީގެންވާ، ކަލާބޮންޑް އަދި ޒިންކަލޫމް ޓިނު ރާއްޖޭގައި ހަމަ އެކަނި ތައްޔާރުކުރަނީ އެމްއެސްޕީއިންނެވެ.
އެމްއެސްޕީ ޓިނު ލިބިވަޑައިގަންނަވާނީ ހަމަ އެކަނި އެސްޓީއޯ އަދި ރެއިންބޯގެ ފިހާރަތަކުންނެވެ.
"ހިޔާވަހި 2024"ގެ އިތުރުން ވެސް އެތައް ކަމެއް މަމްސް އެއިޑްގެ ފަރާތުން ކޮންމެ އަރަހަކު ވެސް އަންނަނީ ހިންގައެވެ.