ޚަރަދު ކުޑަކުރުމަށް ކައުންސިލްތަކުން ދަތުރުތަކާއި މުބާރާތްތައް ނުބޭއްވުމަށް އަންގައިފި

މިނިސްޓަރު އާދަމް ޝަރީފް އުމަރު: ފިތުރު އީދުގެ މުނާސަބަތުގައި މާލެ ސަރަހައްދާއި އަތޮޅުތަކުގެ ބޮޑެތި ރަށްތައް ބޮކިތަކުން ދިއްލުމާއި ޖުމްހޫރީ މައިދާނުގައި ހަދާފައިވާ ފެންއަރުވާ ވަޑާން ހުޅުވުމަކީ ވެސް ވަރަށް ބޮޑު އީދެއް ކަމަށް ވިދާޅުވި -- ފޮޓޯ/ ރައީސް އޮފީސް

ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ މި ދަނޑިވަޅުގައި ކައުންސިލްތަކުގެ ޚަރަދު ކުޑަކުރުމަށް ޓަކައި ކުޅިވަރު މުބާރާތްތަކާއި ދަތުރުތަކާއި ހަފްލާތައް މަޑުޖައްސާލުމަށް ސަރުކާރުން އަންގައިފިއެވެ.

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު މިއަދު ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކަށް ވަނީ އެ ކަން އަންގަވައި ސިޓީއެއް ފޮނުއްވައިފައެވެ.

އޭގައިވަނީ، ރާއްޖޭގެ ދަރަނި ބޮޑުވުމުގެ ސަބަބުން މި ވަގުތު އިގްތިސޯދަށް ކުރިމަތިވެފައިވާ ގޮންޖެހުމުން އަރައިގަތުމަށާއި ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ސަރުކާރުން މިހާރު މުހިއްމު ފިޔަވަޅުތަކެއް އަޅަމުން އަންނަ ކަމަށެވެ.

އެހެންކަމުން ކައުންސިލްތައް ހިންގުމަށް ކުރާ ޚަރަދުތައް ކުޑަކުރުމަށް ޚާއްސަ އިސްކަމެއް ދިނުމަށް ވަޒީރު ވަނީ އަންގަވާފައެވެ. އަދި ކައުންސިލްތަކުން މި ވަގުތު ކޮންމެހެން ކުރަންޖެހޭ ޚަރަދެއް ނޫނީ ނުކުރުމަށް ވެސް ވަނީ އަންގަވައިފައެވެ.

އެގޮތުން ރާއްޖެއިން ބޭރަށް ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރުމަށާއި މުނާސަބާތަކާއި ގުޅިގެން ކޮންމެހެން ބާއްވަންޖެހޭ ޖަލްސާއެއް ނޫނީ ނުބޭއްވުމަށް ސިޓީގައި ވަނީ އެދިފައެވެ.

މީގެ އިތުރުން ކުޅިވަރު މުބާރާތްތައް މި ދުވަސްވަރު ނުބޭއްވުމަށާއި ސަރުކާރުގެ އިދާރާތަކާއި ބައްދަލުކުރުމަށް މާލެ އައުމުގެ ބަދަލުގައި އޮންލައިންކޮށް ބައްދަލުކުރުމަށް ސިޓީގައި ވަނީ އެދިފައެވެ.

ވަޒީރު ވަނީ ޚަރަދު ކުޑަކުރުމުގެ ގޮތުން ކައުންސިލްތަކުން ދެއްވާ އެއްބާރުލުމަށް ވެސް ޝުކުރު އަދާކޮށްފައެވެ.

ރާއްޖޭގެ އިގްތިޞާދީ ހާލަތު މިހާރު އޮތް ގޮތުން ސަރުކާރުން ވަނީ ޚަރަދު ކުޑަކުރުމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައެވެ. އެގޮތުން ކުރިއަށް މިއޮތް މިނިވަން ދުވަހުގެ ހަރަކާތްތައް ވެސް ނުބޭއްވުމަށް އަދުގެ ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ ނިންމަވާފައެވެ.

comment ކޮމެންޓް