ހުޅުމާލޭ ފޭސް ދޭއްގައި ދެ އެކްސިޑެންޓެއް ހިނގައި، ތިން މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.
މީގެ ތެރެއިން އެއް އެކްސިޑެންޓް ހިނގާފައިވަނީ H5 ކައިރިން ކާރަކާއި ސައިކަލެއް ޖެހި، އެ ސައިކަލު ކޮންޓްރޯލްނުވެ، އެހެން ކާރެއް ޖެހުމުންނެވެ.
ފުލުހުން ބުނީ މިއަދު ހެނދުނު 08:13ހާއިރު މި ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
މި އެކްސިޑެންޓުގައި ސައިކަލު ދުއްވި މީހާއަށް އަނިޔާވެގެން، ހުޅުމާލޭ ހޮސްޕިޓަލުގައި އޭނާއަށް ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނި ގޮތުގައި ސައިކަލު ދުއްވަން އިނީ 19 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާގެ ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލާ ހާވާލާދީ ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނި ގޮތުގައި މި ހާދިސާގައި އަނިޔާވެގެން ފަރުވާދެމުންދާ މީހާއަކީ ސައިކަލު ދުއްވުމުގެ ލައިސެންސް ނެތް މީހެކެވެ.
މީގެ އިތުރުން މިއަދު ހުޅުމާލޭ ފޭސްދޭއްގެ، އާހިޔާގޮފި ކައިރީ ދެ ސައިކަލެއް ޖެހި ވެސް އެކްސިޑެންޓެއް ހިނގާފައިވެއެވެ. ފުލުހުން ބުނީ މި ހާދިސާގެ ރިޕޯޓު ލިބުނީ މިއަދު ހެނދުނު 09:46 އެހާކަންހާއިރު ކަމަށެވެ.
މި އެކްސިޑެންޓުގައި ސައިކަލު ދުއްވި ދެ މީހުންނަށް އަނިޔާވެގެން ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުން ބުނިގޮތުގައި އޭގެން އެކަކަކީ 21 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި، އޭނާ އަތުގައި ސައިކަލު ދުއްވުމުގެ ލައިސެންސް ނެތް ކަމަށެވެ.
އަނެއް ސައިކަލު ދުއްވާފައި ދިޔައީ ދިވެހި އަންހެނެއް ކަމަށާއި، އޭނާ އަތުގައި ސައިކަލު ދުއްވުމުގެ ލައިސެންސް އޮތް ކަމަށް ފުލުހުން ބުނެއެވެ.
މި ދެ މައްސަލަ ވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ރާއްޖޭގައި ނުރައްކާތެރި އެކްސިޑެންޓްތައް ހިނގުން އިތުރުވަމުން އަންނަކަން ފާހަގަ ކުރެވެއެވެ. މި ފަދަ ބައެއް އެކްސިޑެންޓުތަކުގައި މީހުންގެ ފުރާނައަށް ނުރައްކާވާއިރު، ބައެއް މީހުންގެ ފުރާނަ ގެއްލިފައި ވެސް އެބަހުއްޓެވެ.