ޗައިނާގެ ވާވޭއަށް ދީފައިވާ އަށް ލައިސަންސެއް އެމެރިކާއިން މިއަހަރު ބާތިލުކޮށްފި

ޗައިނާގެ ވާވޭ ކުންފުންޏަކީ ޓެކް ދާއިރާގައި ޗައިނާގައި ލީޑް ނަގަމުން އަންނަ ބޮޑު ކުންފުންޏެއް --

ޗައިނާގެ ޓެލެކޮމިއުނިކޭޝަން ދާއިރާގެ ބޮޑު ކުންފުންޏެއް ކަމަށްވާ ވާވޭއަށް އެމެރިކާގެ ބައެއް ކުންފުނިތަކުން މުދާ އެކްސްޕޯޓް ކުރުމަށް ދީފައިވާ އަށް ލައިސަންސް މިއަހަރު ތެރޭގައި އެމެރިކާގެ ސަރުކާރުން ބާތިލްކޮށްފިއެވެ.

ރޮއިޓާސްއިން ހާމަކޮށްފައިވާ ގޮތުގައި އެމެރިކާގެ ކޮމާސް ޑިޕާޓްމަންޓުން މެއި މަހު ވަނީ ވާވޭއަށް "ވަކި" ލައިސަންސްތަކެއް ބާތިލްކޮށްފައިވާ ކަމަށް ބުނެފައެވެ. ނަމަވެސް އޭރު އެފަރާތްތަކުގެ ނަމާއި އަދަދު ހާމަކޮށްފައެއް ނުވެއެވެ.

ރޮއިޓާސްއިން އޭރު ރިޕޯޓުކޮށްފައިވާ ގޮތުގައި ވާވޭއަށް ތަކެތި އެކްސްޕޯޓް ކުރުމުގެ ލައިސަންސް ބާތިލުކުރި ކުންފުނިތަކުގެ ތެރޭގައި ކުއަލްކޮމް އަދި އިންޓެލް ހިމެނެއެވެ.

ރިޕަބްލިކަން ކޮންގްރެސްމަން މައިކަލް މެކްކޯލްގެ ސުވާލަކަށް ޖަވާބު ދިނުމަށް ތައްޔާރުކުރި ލިޔުމެއްގައި ކޮމާސް ޑިޕާޓްމަންޓުން މިފަހުން ބުނެފައިވަނީ "2024 ވަނަ އަހަރު ފެށުނީއްސުރެ، ވާވޭއާ ގުޅުންހުރި އިތުރު އަށް ލައިސަންސް ބާޠިލްކޮށްފައިވާ" ކަމަށެވެ.

މި ފިޔަވަޅުތައް އަޅާފައިވަނީ ވާވޭގެ ވިޔަފާރި އަލުން ކުރިއަރަން ފަށާފައިވާ ދަނޑިވަޅެއްގައެވެ.

އެމެރިކާއިން ވާވޭއަށް ދަތިކުރަމުން ފިޔަވަޅު އަޅަނީ އެ ކުންފުނީގެ ސަބަބުން ޤައުމީ ސަލާމަތަށް ނުރައްކާވާނެ ކަމަށް ބުނެއެވެ. ނަމަވެސް ވާވޭއިން ވަނީ އެ ކުންފުނީގެ މައްޗަށް ކުރާ ތުހުމަތުތައް ދޮގުކޮށްފައެވެ.

މިއީ ވާވޭއާ މެދު ހަރުކަށި ފިޔަވަޅު އެޅުމަށް ރިޕަބްލިކަނުން ގޮވާލަމުންދާ ދަނޑިވަޅެއްގައި އަޅާފައިވާ ފިޔަވަޅުތަކެކެވެ. ޚާއްޞަކޮށް ޗައިނާގެ ޗިޕް އުފައްދާ ކުންފުނި ސިމިކް އިން އުފެއްދި ޗިޕް ބޭނުންކޮށްގެން ވާވޭއިން ފޯނެއް ނެރުމާ ގުޅިގެން މި ގޮވާލުންތައް އިތުރުވެފައިވެއެވެ. އެމެރިކާއިން ވަނީ ސިމިކްއާ ދެކޮޅަށް ވެސް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިފައެވެ.

comment ކޮމެންޓް