ދަނޑުވެރިކަމުގެ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ފަހިކުރުމަށްޓަކައި ޚާއްސަ ސިޔާސަތުތަކެއް ހަދައި، އެ ފުރުސަތުތައް ހޯދަން ހުޅުވާލާނެ ކަމަށް މަތީ ތައުލީމާ ބެހޭ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.
އެގްރޯ ނެޝަނަލް ކޯޕަރޭޝަންގެ މުވައްޒަފުން ތަމްރީނު ކުރުމަށް ހދ. ހަނިމާދޫގައި ޕްރޮގްރާމެއް ފެށުމުގެ ރަސްމިއްޔާތުގައި މާރިޔާ ވިދާޅުވީ ދަނޑުވެރިކަމުގެ އިތުރުން އެހެން ސިނާއަތްތަކުގެ ހުނަރުތަކުގެ ދާއިރާތަކުން މަތީ ތައުލީމުގެ ފުރުސަތު ފޯރުކޮށްދިނުމަކީ މި ސަރުކާރުގެ ވަރަށް މުހިންމު އަމާޒެއް ކަމަށެވެ.
އެ ފުރުސަތުތަކުގެ ސަބަބުން ރާއްޖޭގެ އިގުތިސާދީ އެކި މަސައްކަތްތަކަށް ބޭނުންވާ ދިވެހިން މަތީ ފެންވަރުގައި ތަމްރީނު ކުރެވި، ރާއްޖޭގެ އުފެއްދުންތެރިކަން ކައިރި މުސްތަގުބަލެއްގައި އެކި ދާއިރާތަކުން އިތުރުވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ރާއްޖެއަކީ ގިނަ އަދަދަކަށް ތަރުކާރީއާއި މޭވާ އެތެރެކުރާ ގައުމެއްކަން ފާހަގަކުރައްވައި މާރިޔާ ވިދާޅުވީ ދިވެހި ދަނޑުވެރިން އުފައްދާ ތަކެއްޗަކީ ބާޒާރުގައި އެތެރެ ކުރެވޭ ބާވަތްތަކާ ވާދަވެރި ވިޔަފާރިއެއް ކުރެވޭ އެއްޗަކަށް ހަދަން ޖެހޭ ކަމަށެވެ. އަދި ދަނޑުވެރިން އުފައްދާ ތަކެއްޗަކީ ސިއްހީ ގޮތުންނާއި ތިމާވެށީގެ ގޮތުން ރައްކާތެރި ތަކެއްޗަށް ހަދަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ވުމާއެކު ދަނޑުވެރިކަމުގެ ދާއިރާއިން ގައުމީ އުފެއްދުންތެރިކަން އިތުރުކުރުމަށާއި އުފައްދާ ތަކެއްޗަކީ އިންސާނުންގެ ސިއްހަތަށް ރައްކާތެރި ވިޔަފާރީގެ މާހައުލުގައި ވާދަކޮށްގެން ވިއްކޭނެފަދަ ކުޑަ ޚަރަދަކުން އުފެއްދޭ ތަކެއްޗަށް ހެދުމަށްޓަކައި ދަނޑުވެރިންނަކީ ފަންނީ ގޮތުން ގާބިލު، ޒަމާނީ ޓެކްނޮލޮޖީތަކަށް އަހުލުވެރި، ހުނަރުވެރި ބަޔަކަށް ހަދަންޖެހޭ،" މިނިސްޓަރު ވިދާޅުވިއެވެ.
އެގްރޯނެޓުގެ މުވައްޒަފުން ތަމްރީނު ކުރާ ޕްރޮގްރާމަކީ ޔޫއެންޑީޕީ މެދުވެރިގެން، ޖަޕާނު ސަރުކާރުގެ ހިލޭ އެހީގައި ކުރިއަށްގެންދާ ޕްރޮޖެކްޓް ފޯ ޑިވެލޮޕިން ސަސްޓެއިނެބުލް އިކޮނޮމީ (ޕީޑީއެސްއޭއީ)ގެ ދަށުން މުވައްޒަފުން ތަމްރީނު ކުރުމަށް ހިންގާ ދެވަނަ ޕްރޮގްރާމުކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
"އަޅުގަނޑު އުއްމީދު ކުރަނީ މި ޕްރޮގްރާމްގެ ސަބަބުން އެގްރޯނެޓުން ދަނޑުވެރިންނަށް ދެމުން ގެންދާ ޚިދުމަތްތައް އިތުރަށް ފުރިހަމަވެ، ޖުމްލަ ގޮތެއްގައި ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާއަތަށް ހެޔޮ ބަދަލުތަކެއް އައުން،" އޭނާ ވިދާޅުވިއެެވެ.
"އަދި މުސްތަގުބަލުގައި މިފަދަަ އިތުރު ޕްރޮގްރާމުތައް ހިންގައި ދަނޑުވެރިންނަށް ޚިދުމަތް ދެއްްވާ މުވައްޒަފުންނާއި ދަނޑުވެރިންނަކީ މަސައްކަތަށް ގާބިލު ހުނަރުވެރި ބަޔަކަށް ވެގެން ދިޔުން."
އެގްރޯނެޓް މުވައްޒަފުން ތަމްރީނުކުރަން ބާއްވާ ޕްރޮގްރާމް އެއް އަހަރަށް ދެމިގެންދާނެއެވެ. އެ ޕްރޮގްރާމުގައި 14 މުވައްޒަފުން ބައިވެރިވެއެވެ.