ކޮޕާ އެމެރިކާ: ވެނެޒުއޭލާ އެއްވަނައިގައި ކުއާޓާއަށް

ވެނެޒުއޭލާއިން ވަނީ މި ފަހަރުގެ ގްރޫޕް ސްޓޭޖުގައި މޮޅު ކުޅުމެއް ދައްކާފައި -- ފޮޓޯ/ ފުޓްބޯލްރެޑް

އެމެރިކާގައި މިހާރު ކުރިއަށްދާ ކޮމެބޯލް ކޮޕާ އެމެރިކާ ފުޓުބޯޅަ މުބާރާތުގެ ގްރޫޕް ބީގެ އެއްވަނަ މަގާމު ވެނެޒުއެލާއިން ކަށަވަރުކޮށްފިއެވެ.

ގްރޫޕު ބީގެ އެއްވަނަ މަގާމު ވެނެޒުއޭލާއިން ކަށަވަރުކޮށްފައިވަނީ ގްރޫޕްގެ ފަހު މެޗުގައި ޖެމެއިކާއާ ބައްދަލުކުރި މެޗު 3-0 އިން ކާމިޔާބު ކޮށްގެންނެވެ.

ޓެކްސަސްގެ އޮސްޓިންގައި ހުންނަ ކިޔު ޓޫ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ވެނެޒުއޭލާއިންނެވެ. ނަމަވެސް، ފުރަތަމަ ހާފުގައި ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ.

ވެނެޒުއޭލާއިން ކާމިޔާބުކުރި ފުރަތަމަ ލަނޑު ޖަހައިފާވަނީ މެޗުގެ 49 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އެޑުއާޑޯ ބެލޯއެވެ. އަދި، މި ލަނޑު ޖެހިތާ އަށް މިނެޓް ފަހުން ދެވަނަ ލަނޑު ޖަހައިދިނީ ސަލޮމޮން ރޮންޑޮންއެވެ. މެޗުގައި ވެނެޒުއޭލާއިން ކާމިޔާބުކުރި ފަހު ލަނޑު މެޗު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް ޖަހައިދިނީ އެރިކް ރަމިރޭޒެވެ.

މި ކާމިޔާބީއާ އެކު ވެލެޒުއޭލާއިން ވަނީ ގްރޫޕް ބީގައި ކުޅުނު ތިން މެޗު ވެސް ކާމިޔާބުކޮށް ނުވަ ޕޮއިންޓާ އެކު ގްރޫޕްގެ އެއްވަނަ ހޯދައިފައެވެ. ޖެމެއިކާއިން މި މުބާރާތް ނިންމާލީ ކުޅުނު ތިން މެޗުން ވެސް ބަލިވެ، ގްރޫޕްގެ އެންމެ ފުލުގައި އޮވެގެންނެވެ.

މި ގްރޫޕުން ދެވަނަ ޓީމެއްގެ ގޮތުގައި ކުއާޓާ ފައިނަލްގެ ޖާގަހޯދީ އެކުއެޑޯއިންނެވެ. އެކުއެޑޯއަށް ގްރޫޕްގެ ދެވަނަ މަގާމު ކަށަވަރުވީ މިއަދު ހެނދުނު މެކްސިކޯއާ ބައްދަލުކުރި ގްރޫޕްގެ ފަހު މެޗު ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެން ނިމުމުންނެވެ.

މި ނަތީޖާގެ ސަބަބުން އެކުއެޑޯއަށް ގްރޫޕްގެ ދެވަނަ މަގާމު ލިބެނީ ފައިދާ އެއް ގޯލުންނެވެ. މެކްސިކޯއާއި އެކުއެޑޯއަށް ވެސް ވަނީ ހަތަރު ޕޮއިންޓް ލިބިފައެވެ. ނަމަވެސް، ފައިދާ ގޯލަށް ބަލާއިރު އެކުއެޑޯ އުޅެނީ ކުރީގައެވެ.

comment ކޮމެންޓް