އެކްޓަރު ވިކީ ކޯޝަލް އަދި ޒުވާން ބަތަލާ ތުރިޕްތީ ދިމްރީ ހެއްވާ މަޖާ ރޯލްތަކުން ފެންނަ ފިލްމު "ބޭޑް ނިއުސް"ގެ ޓްރެއިލާ ދައްކާލައިފިއެވެ.
ދަރުމާ ޕްރޮޑަކްޝަންސްއިން ގެނެސްދޭ މި ފިލްމަކީ، އެ ޕްރޮޑަކްޝަންއިން 2019ވަނަ އަހަރު ގެނެސްދިން "ގުޑް ނިއުސް"އާ ދާދި އެއްކަހަލަ އެހެންނަމަވެސް މުޅީން ތަފާތު ޕްލޮޓަކަށް ބިނާކޮށް ގެނެސްދޭ ފިލްމެކެވެ. ދެހާސް ނަވާރަވަނަ އަހަރު ގެނެސްދިން ފިލްމުގެ މުހިންމު ރޯލުތަކުން ފެނުނީ ބަތަލާ ކަރީނާ ކަޕޫރު، ކިއާރާ އަދުވާނީ، އަކްޝޭ ކުމާރު އަދި ދިލްޖީތު ދޯންސްލާއެވެ.

ފިލްމު "ބޭޑް ނިއުސް"ގެ ޓްރެއިލާގެ މަންޒަރެއްގައި ވިކީ ކޯޝަލް އަދި ތުރިޕްތީ ދިމްރީ--ފޮޓޯ/ޓެލެގްރާފްއިންޑިއާ
ބަނޑުގައި އޮތް ދަރިފުޅުގެ ބައްޕައަކީ ކާކުކަން ނޭނގި ޕެޓާނިޓީ ޓެސްޓެއް ހެދުމަށް ބަތަލާ ތުރިޕްތީ ދިމްރީ ކުރާ ދަތުރުގައި ދިމާވާ ވަރަށް ގިނަ ހެއްވާ މަޖާ ހާދިސާތައް "ބޭޑް ނިއުސް"އިން ބެލުންތެރިންނަށް ފެންނާނެއެވެ.
މި ފިލްމުގެ ޑައިރެކްޓަރަކީ މީގެ ކުރިން ވިކީއާ އެކު ފިލްމު "ލަވް ޕާ ސުކެއަ ފޫޓް"ގައި މަސައްކަތްކޮށްފައިވާ އާނަންދު ތިވާރީއެވެ. ދަރުމާ ކުންފުނިން ގެނެސްދިން "ގުޑް ނިއުސް"އަށް ލިބުނު ފަދަ ތަރުހީބެއް "ބޭޑް ނިއުސް"އަށް ލިބޭނެ ކަމަށް ފިލްމުގެ ޓްރެއިލާ ބެލުމަށްފަހު ގިނަ ބަޔަކު ވަނީ ބުނެފައެވެ. ފިލްމު "ބޭޑް ނިއުސް" ސިނަމާތަކަށް ގެންނަން ނިންމާފައިވަނީ ކުރިއަށް އޮތް ޖުލައި މަހުގެ 19ވަނަ ދުވަހުއެވެ.