އެމްއެންޕީގެ ނަމުގައި ސްޕޭމް މެސެޖުތަކެއް ދައުރު ކުރަނީ

އެމްއެންޕީގެ ކޮންގްރެސްގެ ތެރެއިން --- ސަންފޮޓޯ/ ނާއިލް ހުސެން

މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ނަމުގައި ސްޕޭމް މެސެޖުތަކެއް ދައުރުކުރަމުންދާތީ، އެ ޕާޓީގެ ފަރާތުން ކަމާބެހޭ އިދާރާތަކަށް އެ މައްސަލަ ހުށަހަޅައިފިއެވެ.

މި ކަމާ ގުޅިގެން އެ ޕާޓީގެ ފަރާތުން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ އެ ސްޕޭމް މެސެޖުތައް ފޮނުވަމުންދަނީ އެމްއެންޕީ ޝޯޓުކޯޑު މެދުވެރިކޮށް ކަމަށާއި، އެއީ އެ ޕާޓީގެ ފަރާތުން ފޮނުވާ ނުވަތަ އެ ޕާޓީއާ ގުުންހުރި މެސެޖުތަކެއް ނޫން ކަމަށެވެ.

އެމްއެންޕީގެ ބަޔާނުގައި ބުނެފައިވަނީ އެއީ އެ ޕާޓީގެ ނަން ބަދުނާމުކޮށް، އަދި ރައްޔިތުންނަށް އޮޅުވާލައި، އެކި ފަރާތްތަކުގެ އަތުން ފައިސާ ހޯދުމަށް ބަޔަކު ކުރާ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށެވެ.

އެ ޕާޓީން ވަނީ މިކަން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކޮށް، ހުރިހާ ފަރާތްތަކުން ވެސް އެ ކަމަށް ސަމާލުވުމަށް އެދިފައެވެ.

އަދި ކަމާބެހޭ އިދާރާތަަކަށް މި މައްސަލަ ހުށަހަޅައި، މި ކަމަށް އަވަސް ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެ ބަޔާނުގައިވެއެވެ.

އެކި ކަހަލަ އުކުޅުތައް ބޭނުންކޮށްގެން މަކަރާއި ހީލަތުން އޮޅުވާލައިގެން ފައިސާ ހޯދުން ވަނީ ވަރަށް އާންމުވެފައެވެ.

މި ފަދަ ކަންކަމަށް ސަމާލުވުމަށާއި ހޭލުންތެރިވުމަށް ފުލުހުންނާއި އެހެނިހެން ކަމާ ބެހޭ ފަރާތްތަކުން އަބަދު ވެސް ދަނީ ގޮވާލަމުންނެވެ.

comment ކޮމެންޓް