ރެއާލްއަށް ކުޅެމުންދާ ހޮސެލޫ ޤަތަރުގެ އަލް ގަރާފާއަށް ސޮއިކޮށްފި

ހޮސެލޫވަނީ މިދިޔަ ސީޒަންގައި ރެއާލްއަށް މުހިންމު ލަނޑު ތަކެއް ޖަހައިދީފަ / ފޮޓޯ: ޔޫރޯސްޕޯޓް

ސްޕެނިޝް ލަލީގާގެ ޗެމްޕިއަން ރެއާލް މެޑްރިޑަށް ކުޅެމުންދާ ސްޕެއިންގެ ފޯވަޑް ހޮސެލޫ ޤަތަރު ސްޓާސް ލީގުގެ ކްލަބެއް ކަމަށްވާ އަލް ގަރާފާއަށް ސޮއިކޮށްފިއެވެ.

މައުލޫމާތު ލިބޭ ގޮތުގައި ހޮސެލޫ އެޓީމަށް ސޮއިކޮށްފައިވަނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އަދި ބޭނުންނަމަ އިތުރު އެއް އަހަރު އިތުރު ކުރުމުގެ ފުރުސަތު ވެސް އެއެއްބަސްވުމުގެ ދަށުން ލިބިގެންދެއެވެ.

އުމުރުން 34 އަހަރުގެ ހޮސެލޫވަނީ މިދިޔަ ސީޒަންގައި ރެއާލްއަށް މުހިންމު ލަނޑު ތަކެއް ޖަހައިދީފައެވެ. މިގޮތުން އޭނާ މިދިޔަ ސީޒަންގައި ލަލީގާގައި ކުޅުނު 34 މެޗުގައި 10 ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވެއެވެ.

ނަމަވެސް އޭނާގެ އެންމެ ފާހަގަކޮށްލެވޭ ދެލަނޑަށް ވެގެންދާނީ ޗެމްޕިއަންސް ލީގުގެ ސެމީފައިނަލްގެ ދެވަނަ ލެގުގެ ފަހު ވަގުތު ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރާ ބަޔޭން މިޔުނިކްގެ ގޯލަށް ވައްދާލި ދެލަނޑެވެ.

ޗެމްޕިއަންސް ލީގުގެ ފައިނަލުން ރެއާލްއަށް ޖާގަ ލިބި އެތަށި އުފުލާލުމުގެ ފުރުސަތު އެޓީމަށް ލިބިގެންދިޔައީ ހޮސެލޫ ކާމިޔާބު ކޮށްދިން މި މުހިންމު ދެ ލަނޑާއެކުއެވެ.

ހޮސެލޫ ވެގެންދާނީ ވޭތުވެދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ރެއާލް ދޫކޮށް މެދުއިރުމަތީގެ ކްލަބަކަށް ސޮއިކުރި ސްޕެއިންގެ ދެވަނަ ކުޅުންތެރިޔާ އަށެވެ. މީގެ އެއް ދުވަސް ކުރިން ރެއާލްގެ ކެޕްޓަންކަން މިދިޔަ ސީޒަންގައި ކުރި ނާޗޯ ވަނީ ރެއާލް ދުކޮށް ސައުދީ ޕްރޯ ލީގުގެ އަލް ޤަދުސިއާއަށް ސޮއިކޮށްފައެވެ.

ރެއާލުން ވަނީ ހޮސެލޫ އެ ޓީމަށް ކޮށްދިން ޚިދުމަތަށް ޝުކުރު އަދާކޮށްފައެވެ. އިންގްލިޝް ޕްރިމިއާ ލީގުގެ ނިއުކާސްލް ޔުނައިޓެޑާއި ސްޓޯކް ސިޓީއަށް ކުރިން ކުޅެފައިވާ ހޮސެލޫ، އަލް ގަރާފާއަށް ގެންގޮސްފައިމިވަނީ އޭއެފްސި ޗެމްޕިއަންސްގެ ކޮލިފައިންއަށް އެ ޓީމު ވަރުގަދަ ކުރުމުގެ ގޮތުންނެވެ.

އަލް ގަރާފާ މިދިޔަ ސީޒަން ނިންމާލީ ކިއުއެސްއެލްގެ ތިންވަނަ ޓީމުގެ ގޮތުގައެވެ. މިއީ އޭއެފްސީ ޗެމްޕިއަންސް ލީގުގައި ވާދަކުރުމަށް އަލް ގަރާފާއަށް 2011 ވަނަ އަހަރަށްފަހު ފުރުސަތު ލިބޭ ފުރަތަމަ ފަހަރެވެ.

އެހެން ކަމުން އެޓީމުން އަންނަނީ މިފަހަރުގެ މުބާރާތަށް ކޮލިފައިވެ ރަނގަޅު ކާމިޔާބީއެއް ހޯދުމަށް އުންމީދު ކުރަމުންނެވެ.

އަލް ގަރާފާއިންވަނީ ހޮސެލޫ އެ ޓީމަށް ގެންދިއުމަށް ކުރި މަސައްކަތް ކާމިޔާބުވުމުގައި ރެއާލުން ދިން އެއްބާރުލުމަށް ވެސް ޝުކުރު އަދާކޮށްފައެވެ.

comment ކޮމެންޓް