ދިވެހި ޖީޕީޓީ: ބުނި އެއްޗެއް ލިޔެ، އިސްލާހުކޮށް، ތަރުޖަމާ ވެސް ކުރެވޭ

ބުނި އެއްޗެއް ލިޔެ، އިސްލާހުކޮށް، ތަރުޖަމާ ވެސް ކުރެވޭ ގޮތަށް ޖަވާބު އެކެޑަމީން 'ދިވެހި ޖީޕީޓީ'ގެ އާ ފީޗާތަކެއް މިއަދު ތައާރަފުކޮށްފިއެވެ.

ޗެޓް ޖެނަރޭޓިވް ޕްރީ ޓްރެއިންޑް ޓްރާންސްފޯމާ ނުވަތަ އާއްމު ނަމުންނަމަ ޗެޓް ޖީޕީޓީއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވެސް އެކި ބަސްބަސް ތަރުޖަމާކޮށް، އެކި ކަހަލަ ލިޔުންތައް ލިޔުމަށް ފުޅާ ދާއިރާއެއްގައި ބޭނުންކުރަމުން އަންނަ އާޓިފިޝަލް އިންޓެލިޖަންސް (އޭއައި) ޗެޓް ބޮޓެކެވެ.

މިހާރު ރާއްޖޭގައި ވެސް ދިވެހިބަހުން އެ ޚިދުމަތް ހޯދޭނެއެވެ.

ޖަވާބު ޕްރައިވެޓެޑް ލިމިޓެޑުން މިއަދު ތައާރަފުކުރި ދިވެހި ޗެޓް ޖީޕީޓީއާ އެކު މިހާރު ކޮންމެ ބަހަކުން ހުންނަ ލިޔުންތައް ވެސް ދިވެހިބަހަށް ތަރުޖަމާކޮށްލެވޭނެއެވެ. ލިޔުންތައް ޚުލާސާކޮށް، ދިވެހިބަހުން ހުންނަ ލިޔުންތައް އިސްލާހު ވެސް ކުރެވޭނެއެވެ. އަދި، ބޭނުންވާ ވައްތަރެއްގެ ލިޔުމެއް ވެސް ސާފު ދިވެހި އިބާރާތުން ލިޔެދޭނެއެވެ.

ދިވެހި ޗެޓް ޖީޕީޓީން މިހާރު ކުރެވޭ ކަންތައްތައް:

  • މައުލޫމާތު ހޯދާ ދިރާސާކުރުން
  • ލިޔުން އުފެއްދުން
  • ލިޔުމުގެ އިބާރާތްކުރުން އިސްލާހުކުރުން
  • ލިޔުން ޚުލާސާކުރުން
  • ލިޔުން ތަރުޖަމާކުރުން

ދިވެހި ޗެޓް ޖީޕީޓީ: ލިޔުން އުފައްދާ ދާއިރާތައް

މީގެ ތެރެއިން ލިޔުން އުފެއްދުމުގެ ބައިގައި ސިޓީ، ޚަބަރު، މަޒުމޫނު، އެގްރީމެންޓް، ވާހަކަ، ސްޕީޗް، ޅެން އަދި ޕްރޮޕޯސަލް ވެސް ހިމެނެއެވެ.

މިފަދަ ކޮންމެ ލިޔުމެއް ލިޔަން ބޭނުންވެއްޖެ ނަމަ އެ ލިޔުމެއްގެ ސުރުޚީއާއި އޭގައި ހިމަނަން ބޭނުންވާ މުހިންމު ޕޮއިންޓުތައް ޖެހުމުން އެ ލިޔުމެއް ކުޑަ ވަގުތުކޮޅެއްގެ ތެރޭ އަމިއްލައަށް ލިޔެދޭނެއެވެ.

ދިވެހި ޗެޓް ޖީޕީޓީގެ މައުލޫމާތު "ސަން"އާ ހިއްސާކުރަމުން ޖަވާބު ޕްރައިވެޓް ލިމިޓެޑްގެ ސީއީއޯ މުހައްމަދު ޖައިލަމް ވިދާޅުވީ، މި މަސައްކަތަކީ މީގެ ހަ ވަރަކަށް މަސް ކުރިން ވުޖޫދަށް ގެނައި މަސައްކަތެއް ކަމަށެވެ. ނަމަވެސް، އޭރު މީގެ ޚިދުމަތް ލިބޭނީ ހަމައެކަނި ތަރުޖަމާކުރުމަށް ކަމަށް ޖައިލަމް ފާހަގަކުރެއްވިއެވެ.

ނަމަވެސް، މުޅިން އާ މޮޑިއުލްއަކަށް ޑިވެލޮޕްކުރުމަށް ފަހު މިހާރު ދިވެހި ޗެޓް ޖީޕީޓީގެ ޚިދުމަތް އިތުރަށް ފުޅާކޮށް މިއަދު މިވަނީ އާންމުންނަށް ހުޅުވާލާފައި ކަމަށް ޖައިލަމް ވިދާޅުވިއެވެ.

ބޭނުންވީ މި ހުރިހާ ޚިދުމަތްތަކެއް އެއް ޕްލެޓްފޯމަކުން ދިވެހީންނަށް ލިބިގެންދިޔުން. އެގޮތުން ކުރި މަސައްކަތެއް މިއީ. ބަޔަކު ބުނެގެން ބަޔަކު ހަވާލުކޮށްގެނެއް ވެސް ނޫން. އަޅުގަނޑުމެން ބޭނުމީ ޓެކްނޮލޮޖީއާ އެކު އެހެން ބަސްބަސް ވެސް ކުރިއަރައިގެންދާހެން ދިވެހިބަސް ވެސް ކުރިއަރުވަން. އަޅުގަނޑުމެންގެ އެކެޑެމީން ވަރަށް ލޯބިން ވަރަށް ބޭނުންވެގެން ކުރި މަސައްކަތެއް މީ، ޖަވާބު ޕްރައިވެޓް ލިމިޓެޑްގެ ސީއީއޯ މުހައްމަދު ޖައިލަމް

ދިވެހި ޗެޓް ޖީޕީޓީ: ޕްރިމިއަމް ދުވަސްތައް ބައްލަވައިގަންނަ ޕެކޭޖުތައް

ދިވެހި ޗެޓް ޖީޕީޓީ ބޭނުންކުރާ ފަރާތްތަކުން އެއްވެސް ލިމިޓެއް ނެތި ސުވާލުކުރުމަށް ޕެކޭޖުތަކެއް ވަނީ ކަނޑައަޅާފައެވެ. އެއީ:

  • އެއް ދުވަސް: 29 ރުފިޔާ
  • ހަތް ދުވަސް: 99 ރުފިޔާ
  • 30 ދުވަސް: 249 ރުފިޔާ

މީގެ އިތުރުން، ދިވެހި ޗެޓް ޖީޕީޓީ ޚިޔާރުކުރާ ފަރާތްތަކުން މީގެން ޕެކޭޖެއް ނެގުމުގެ ކުރިން ޓެސްޓު ކޮށްލުމަށް ޓަކައި ހިލޭ ފަސް ސުވާލު ކުރެވޭނެއެވެ.

ޖައިލަމް ވިދާޅުވީ، މި ޕެކޭޖުތަކަކީ އަގުހެޔޮ ޕެކޭޖުތަކެއް ކަމަށެވެ.

ޖަވާބު އެކެޑަމީން މިހާރު އަންނަނީ އޭއައި ބޭނުންކޮށްގެން ދިވެހިބަހުން ވާހަކަދައްކައިގެން ލިޔުންތައް ލިޔެވޭފަދަ އެޕްލިކޭޝަނެއް ތައާރަފުކުރުމުގެ މަސައްކަތް ވެސް ކުރަމުން ކަމަށް ޖައިލަމް ވިދާޅުވިއެވެ.

ދިވެހި ޗެޓް ޖީޕީޓީއަށް ފަސޭހަކަމާ އެކު ލޮގިންވެލެވޭނެއެވެ. އީމެއިލް ބޭނުންކޮށްގެން ފަސޭހަކަމާ އެކު ރެޖިސްޓާކޮށްލެވޭނެއެވެ.

ދިވެހި ޗެޓު ޖީޕީޓީއާ އެކު ދިވެހިބަހުން ލިޔުންތައް އުފައްދާ، އިސްލާހުކޮށް، ތަރުޖަމާކުރުމަށް ބޮޑު ލުޔެއް ލިބޭނެއެވެ. ޓެކްނޮލޮޖީގެ އެހީއާ އެކު ވަގުތު ވެސް ސަލާމަތްކުރެވޭނެއެވެ.

comment ކޮމެންޓް