އަޝްރަފް އަލީގެ ''ދިވެހިބަސް، ދިވެހީންގެ ޝަރަފު'' ފޮތް ނެރެފި

ދިވެހިބަހުގެ އެކެޑެމީގެ ކުރީގެ ރައީސް އަޝްރަފް އަލީ ލިޔުއްވާފައިވާ "ދިވެހިބަސް - ދިވެހީންގެ ޝަރަފު" ފޮތް ރޭ ނެރެފިއެވެ.

މިއީ ދިވެހި ބަހަށް އެތައް ޚިދުމަތްތަކެއްކޮށްދެއްވި އަޝްރަފް ލިޔުއްވި އެންމެ ފުރަތަމަ ފޮތެވެ. މި ފޮތް ނެރެފައިވަނީ ރޭ ގައުމީ ދާރުލްއާސާރުގައި ބޭއްވި ޚާއްސަ ހަފުލާއެއްގައެވެ.

މި ހަފުލާ ޝަރަފުވެރިކޮށްދެއްވާ މި ފޮތް ނެރެދެއްވާފައިވަނީ ގައުމީ ޔުނިވަސިޓީގެ ޗާންސެލާ ޑރ. މަހުމޫދު ޝައުގީއެވެ.

މި ފޮތަކީ ދިވެހި ބަހާ ބެހޭ ވަރަށް ގިނަ މައުލޫމާތު އެކުލެވިގެންވާ ފޮތެކެވެ. މި ފޮތުގައި އިލްމީ މަޒުމޫނުތަކާއި ދިވެހި ބަހަށް މިހާރު ވަމުންދާ ގޮތާ ގުޅޭގޮތުން އަޝްރަފްގެ ރައުޔު ހިމެނެއެވެ.

މި ފޮތުގައި ދިވެހިބަހުގެ ހަރުދަނާ، ވަރުގަދަ ސިޔާސަތުތަކެއް ވެސް ހުށަހަޅާފައިވެއެވެ. އެހެންކަމުން ދިވެހިބަހަށް މިހާރު ހުރި ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ވެސް މި ފޮތަކީ ވަރަށް ބޭނުންތެރި ފޮތެކެވެ. ވަކިން ޚާއްސަކޮށް މަތީ ތައުލީމު ހާސިލުކުރާ ދަރިވަރުންނަށް އެސެސްމެންޓު ހެދުމުގައި ބޭނުންވާ ވަރަށް ގިނަ މައުލޫމާތު މި ފޮތުން ލިބޭނެއެވެ.

އަޝްރަފްގެ ފުރަތަމަ ފޮތް "ދިވެހިބަސް، ދިވެހީންގެ ޝަރަފު" ނެރުން: މި ހަފްލާގައި ގައުމީ ޔުނިވަސިޓީގެ ޗާންސެލާ ޑރ. މަހުމޫދު ޝައުގީ ވާހަކަދައްކަވަނީ -- ސަން ފޮޓޯ/ މޫސާ ނަދީމް

ފޮތް ނެރެދެއްވުމަށް ފަހު ވާހަކަދައްކަވަމުން ޑރ. ޝައުގީ ވިދާޅުވީ، ހަފުލާގެ ކުރިން އަޝްރަފް ލިޔުއްވި ފޮތް ކިޔުއްވި ކަމަށެވެ. އެ ފޮތުން އަޝްރަފްގެ ހިތުގައި ދިވެހިބަހަށް އޮތް ލޯތްބާއި، ގަދަރާއި، އަޅާލުން ފެނިގެންދާ ކަމަށް ޝައުގީ ވިދާޅުވިއެވެ.

އެ ފޮތުގައި ހުރީ ހަމައެކަނި އިލްމީ މަޒުމޫނު ނޫންކަން ފާހަގަކުރައްވާ ޝައުގީ ވިދާޅުވީ، ދިވެހިބަހަށް މިހާރު ވަމުންދާ ގޮތާ ގުޅިގެން އަޝްރަފްގެ ރައުޔު ވެސް ވަރަށް ފުރިހަމައަށް ހިމަނާފައިވާ ކަމަށެވެ.

ދިވެހި ބަހަށް ވަމުންދާ ގޮތުން އަޝްރަފްގެ ހިތަށް ކުރާ އަސަރު ވަރަށް ފުރިހަމައަށް ވަރަށް ޖަޒުބާތާ އެކީގައި ކިޔާލަމުން ދާއިރު އަޅުގަނޑަށް ދޭހަވޭ. އެ ފޮތުގައި އެކުލެވިގެންވާ އިލްމީ ޚަޒާނާ އެކަންޏެއް ނޫން. އެ ފޮތުގެ ސަފުހާތަކުގައި އެވާ އަސަރު އަޅުގަނޑުގެ ހިތަށް ވެސް ވަންނަމުން ދިޔައީ، ގައުމީ ޔުނިވަސިޓީގެ ޗާންސެލާ ޑރ. މަހުމޫދު ޝައުގީ

ޝައުގީ ފާހަގަކުރެއްވި ގޮތުގައި އެ ފޮތުގެ ކޮންމެ ޕެރެގްރާޕެއް، އިބާރާތެއް ދެވަނަ ފަހަރަށް ވެސް ކިޔާހިތްވެއެވެ. އެއީ، އެ ފޮތުގައި ބުނާ އެއްޗެއްގެ މުހިންމުކަމުން ކަމަށް ޝައުގީ ވިދާޅުވިއެވެ.

އަޝްރަފްގެ ފުރަތަމަ ފޮތް "ދިވެހިބަސް، ދިވެހީންގެ ޝަރަފު" ނެރުން: މި ހަފްލާގައި އަޝްރަފް ވާހަކަދައްކަވަނީ -- ސަން ފޮޓޯ/ މޫސާ ނަދީމް

މި ހަފުލާގައި ވާހަކަދައްކަވަމުން އަޝްރަފް ވިދާޅުވީ، ފޮތުގެ 'މައި މޫތައް' ގުޅިފައިވަނީ މަތީ ތައުލީމާ ކަމަށެވެ. އަދި، އޭނާގެ ތަޖުރިބާގެ އަލީގައި ދިވެހިބަހަށް ދެން ވާނީ ކިހިނެއްތޯ އެ ފޮތުގައި ބަޔާންކޮށްދެވޭތޯ މަސައްކަތްކުރެއްވި ކަމަށް އަޝްރަފް ވިދާޅުވިއެވެ.

މި ފޮތުން ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނީ އަޅުގަނޑު. ހަގީގަތުގައި ވެސް އެކި ދުވަސްތައް މަތިން އަޅުގަނޑުގެ ހިތުގައި ދިވެހިބަހަށް އުފެދިފައި ހުރި ޝުއޫރުތަކާއި ވަރަށް ގިނަ ކަންކަމުގެ އަލީގައި އަޅުގަނޑުގެ ހިތަށް އެރި އެއްޗެހި މި ފޮތުގައި ހުންނާނެ، އަޝްރަފް އަލީ

އަޝްރަފް ވަނީ އެ ހަފުލާއަށް ވަޑައިގެން އެންމެންނަށް ޝުކުރުއަދާކުރައްވާފައެވެ.

މި ފޮތް ނެރުމުގެ ހަފުލާގައި ދިވެހި ބަހާ ބެހޭ ވުޒާރާގެ އިސްވެރިންނާއި، ދައުލަތުގެ ބައެއް އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި، އަޝްރަފްގެ އާއިލާއިން ވެސް ވަނީ މި ހަފުލާގައި ބައިވެރިވެފައެވެ.

އަޝްރަފްގެ "ދިވެހިބަސް، ދިވެހީންގެ ޝަރަފު" މި ފޮތް ވިއްކަނީ 200 ރުފިޔާއަށެވެ.

comment ކޮމެންޓް