މުޒާހަރާތަކާ ހެދި ކެންޔާގައި ޓެކްސް ބޮޑުނުކުރަން ނިންމައިފި

ކެންޔާގައި ކުރި މުޒާހަރާގައި މަރުވި މީހެއްގެ ހަށިގަނޑު ގެންދަނީ. ކެންޔާގެ ސަރުކާރާ ދެކޮޅަށް އެ ގައުމުގެ ރައްޔިތުން އަންނަނީ މުޒާހަރާ ކުރަމުން -- ފޮޓޯ/އަލް ޖަޒީރާ

މިދިޔަ އަންގާރަ ދުވަހުންގެ ފެށިގެން ކެންޔާގެ ވެރިރަށް ނައިރޯބީގައި ކުރަމުންދާ މުޒާހަރާއާ ގުޅިގެން، ޓެކްސް ބޮޑުކުރުން ހިމެނޭ މާލީ ބިލު އަނބުރާ ގެންދަވާނެ ކަމަށް ކެންޔާގެ ރައީސް ވިލިއަމް ރޫޓޯ ވިދާޅުވެއްޖެއެވެ.

ގައުމާ މުޚާތަބުކުރައްވައި ރޫޓޯ ވިދާޅުވީ، ކެންޔާގެ ރައްޔިތުން އެ ބިލު އެއްވެސް ގޮތަކަށް ބޭނުންނުވާކަން ސާފުވެއްޖެ ކަމަށެވެ. އަދި، އެ ބިލު ގާނޫނަކަށް ބަދަލުކުރުމަށް ބިލު ތަސްދީގުނުކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކެންޔާގެ ސަރުކާރާ ދެކޮޅަށް އެ ގައުމުގެ ރައްޔިތުން މުޒާހަރާކުރަން ފަށާފައިވަނީ މާލީ އިސްލާހުތަކެއް ހުށަހަޅާފައިވާ ބިލެއްގެ މަސައްކަތް ގާނޫނު ހަދާ މަޖިލީހުގައި ފެށުމާ ގުޅިގެންނެވެ. އެ ބިލުގައި، އާންމުންގެ އަތުން ނަގާ ބައެއް ޓެކުސްތައް އިތުރަށް ބޮޑު ކުރަން ހުށަހަޅާފައިވެއެވެ.

ކެންޔާގެ ގާނޫނު ހަދާ މަޖިލީހުން ވަނީ މައްސަލަ ހޫނުވެފައިވާ އެ ބިލުގެ ތިންވަނަ ކިޔުން އިއްވާފައެވެ. އަދި، ބިލު ފާސްކޮށް، ތަސްދީގުކުރުމަށް ރައީސް ރޫޓޯއަށް ފޮނުވަން މަޖިލީހުގެ މެންބަރުން ތިއްބެވީ ތައްޔާރަށެވެ. އެ ކަމާ މެދު ބަހުސް ކުރިއަށްދިޔަ ވަގުތު ގާނޫނު ހަދާ މަޖިލީހުގެ އިމާރާތް ކައިރިއަށް އެތައް ހާސް ބަޔަކު އެއްވެ، މުޒާހަރާކުރަން ފެށުމާ ގުޅިގެން، ފުލުހުން ވަނީ މަޖިލީހުގެ މެންބަރުން ރައްކާތެރިކަމާ އެކު އެހެން ސަރަހައްދަކަށް ގެންގޮސްފައެވެ.

އަންގާރަ ދުވަހުގެ މުޒާހަރާތަކުގައި 22 މީހުން މަރުވެފައިވާ ކަމަށް ކެންޔާ ނޭޝަނަލް ކޮމިޝަން އޮން ހިއުމަން ރައިޓްސް (ކޭއެންއެޗްއާރުސީ)އިން ވަނީ ހާމަކޮށްފައެވެ.

މުޒާހަރާގެ ބައިވެރިންނަށް އަނިޔާ ލިބުމާއި މުޒާހަރާއަށް ފުލުހުން ހުރަސް އެޅުމާ ގުޅިގެން އެ މީހުން ވަނީ މަޖިލިސް އިދާރާގައި އަލިފާން ރޯކޮށްލާފައެވެ.

އެ މުޒާހަރާ ރޫޅާލުމަށް އެ ގައުމުގެ އަސްކަރިއްޔާއިން ވެސް ވަނީ ހަރަކާތްތެރިވެފައެވެ. ވެރިރަށް ނައިރޯބީގެ އިތުރުން ކެންޔާގެ އެހެން ޑިސްޓްރިކްޓުތަކުގައި ވެސް މުޒާހަރާތައް ދަނީ ކުރަމުންނެވެ. މި މުޒާހަރާތަކުގައި މަރުވާ މީހުންގެ އަދަދު ވެސް ދަނީ އިތުރުވަމުންނެވެ.

މީގެ ދެ އަހަރު ކުރިން ކެންޔާގެ ވެރިކަމާ ރޫޓޯ ހަވާލުވެވަޑައިގަތީ މަސައްކަތްތެރިންނާއި ފަގީރުންގެ ހައްގުތައް ހިމާޔަތް ކޮށްދެއްވާނެކަމުގެ ވައުދާ އެކުގައެވެ. ނަމަވެސް، ބައިނަލްއަގުވާމީ މާލީ އިދާރާތަކުގެ އިރުޝާދުގެ ދަށުން އޭނާގެ ސަރުކާރަށް ވަނީ ހަރަދުކުޑަކޮށް ދަރަނި ކުޑަކުރަން ފިޔަވަޅުތަކެއް އަޅަން މަޖުބޫރުވެފައެވެ. އަދި، އިތުރު ފައިސާ ހޯދާނެ ގޮތްތައް ހޯދުމަށް ވެސް އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) ފަދަ މާލީ އިދާރާތަކުން ދަނީ ބާރު އަޅަމުންނެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމަށް ފަހު ކެންޔާގެ އިގުތިސާދު ވަނީ ވަޅުގަނޑަކަށް ވެއްޓިފައެވެ. އަދި، ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާއި, ފާއިތުވި ދެ އަހަރު ކެންޔާއަށް ކުރިމަތިވި ހަނަފަސްކަމާ ގުޅިގެން އިގުތިސާދު ހަމަ މަގަށް އަޅުވަން ކުރަމުންދާ މަސައްކަތްތައް އަދިވެސް ކާމިޔާބެއް ނޫނެނެވެ. އެއާއެކު، ކެންޔާގެ ފައިސާގެ އަގު ވެސް ވަނީ ވެއްޓިފައެވެ.

comment ކޮމެންޓް