ގަދަވަޔާއެކު ހއ. ދިއްދޫ ގެއެއްގެ ފުރާޅު އެއްލާލައި، އެ ގެޔަށް އިތުރު ގެއްލުންތަކެއް މިއަދު ލިބިއްޖެއެވެ.
ދިއްދޫ ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު "ސަން"އަށް ވިދާޅުވީ ފުރާޅު އެއްލާލީ ހަވީރު ވައިގަދަވި ވަގުތު ކަމަށެވެ.
އޭނާ ވިދާޅުވީ އެ ގެ އިމާރާތްކޮށްފައި ހުންނަނީ ދެ ބަޔަކަށް ބަހައިފައި ކަމަށާއި އޭގެ ތެރެއިން އެއް ބައިގެ ފުރާޅުގެ ބޮޑުބައި އެއްލައިލައިފައިވާ ކަމަށެވެ.
ކައުންސިލުން ބުނީ ގެއްލުންވި ބައިގައި ދިރިއުޅެނީ ހަތް މީހުން ކަމަށާއި އެ ހަތް މީހުންގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނޭކަމަށެވެ.
މި ހާދިސާއާ ގުޅޭ ގޮތުން ޑިޒާސްޓާ އޮތޯރިޓީ (އެންޑީއެމްއޭ) ބުނީ އެ ގޭގެ ފުރާޅު އެއްލައިލައި ކަރަންޓް ބޯޑަށް ފެންއެޅި ކަރަންޓު ގޮސްފައިވާ ކަމަށެވެ.
އެހެންވެ، އެގޭގައި ދިރިއުޅޭ އާއިލާއަށް އެ އޮތޯރިޓީ އާއި ރަށު ކައުންސިލް ގުޅިގެން ވަގުތީ ބޯހިޔާވަހިކަމާއި ކެއުން ބުއިމުގެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ އަންގާރަ އަދި ބުދަ ދުވަހު ވެސް ވިއްސާރަ ކުރާނެ ކަމަށް ބުނެފައެވެ. އެހެންވެ މި ދުވަސްވަރު ކަނޑު ދަތުރުކުމުގައި މޫސުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.