ޑިޖިޓަލް މާކެޓްގާނޫނާ ހިލާފުވި ކަމަށް ބުނެ އެޕަލްގެ މައްޗަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ)އިން ދައުވާކޮށް، އާ ތަހުގީގެއް ފަށައިފިއެވެ.
އީޔޫގެ ޑިޖިޓަލް މާކެޓްސް އެކްޓް (ޑީއެމްއޭ)އާ އެޕަލް ޚިލާފުވެފައިވާ ކަމަށް ބުނެ ދައުވާ އުފުލާފައިވާއިރު، މިއީ މި ގާނޫނުގެ ދަށުން މިފަދަ ދައުވާއެއް އުފުލި ފުރަތަމަ ފަހަރެވެ.
ޔޫރަޕިއަން ކޮމިޝަނުން ތުހުމަތުކުރާ ގޮތުގައި އެޕް ޑިވެލޮޕަރުންނަށް އެޕަލް އިން އަލަށް ތައާރަފްކުރި ވިޔަފާރީގެ ޝަރުތުތަކަކީ ޑީއެމްއޭ ކޮމްޕްލަޔަންސްއާ ޚިލާފުވާ ޝަރުތުތަކެކެވެ.
އީޔޫއިން ވަނީ އެޕަލް އިން ތާޑް ޕާޓީ އެޕް ޑިވެލޮޕަރުންނާއި އެޕް ސްޓޯރުތަކަށް އަލަށް ގުޅޭ ޑިވެލޮޕަރުންނާއެކު ހަދާ ކޮންޓްރެކްޓް ރިކުއާމަންޓުތަކާއި، އެ ކުންފުނީގެ ޓެކްނޮލޮޖީ ފީ އާއި އައިފޯނުތަކުގައި އޯލްޓަނޭޓިވް އެޕް ސްޓޯރުތައް ބޭނުން ކުރެވޭ ގޮތް ހެދުމުގެ މަރުހަލާއަށް ހާއްސަ ކޮށްގެން ވަކި ތަހުގީގެއް ވެސް ފަށައިފައެވެ.
މި ތުހުމަތުތައް އެޕަލްގެ މައްޗަށް ސާބިތު ކުރެވިއްޖެނަމަ އެޕަލްގެ އަހަރީ ވިޔަފާރިގެ 10 ޕަސެންޓާ ހަމައަށް ޖޫރިމަނާ ކުރެވޭނެ އެވެ.
އެޕަލްއިން ބުނަމުން ދަނީ އެ ކުންފުނީގެ ޕްލޭނަކީ ގާނޫނާ އެއްގޮތަށް ހަދާފައިވާ ޕްލޭނެއް ކަމަށާއި އާ ޝަރުތުތަކުގެ ދަށުން ޑިވެލޮޕަރުންގެ 99 ޕަސެންޓް މީހުން އެޕަލްއަށް ފީދައްކަން ޖެހޭނީ އެ ގާނޫނުގައި ބުނާ އަދަދަށް ނުވަތަ އެއަށްވުރެ މަދުން ކަމަށެވެ.
އީޔޫގެ އެންޓިޓްރަސްޓް ޗީފް މާގްރެތޭ ވެސްޓެގާ ވިދާޅުވީ އެޕަލްގެ ވިޔަފާރީގެ ޝަރުތުތަކަށް ބަދަލު ގެނެސް ކަންބޮޑުވުންތަކަށް ހައްލެއް ގެނެވިދާނެ ކަމަށާއި ނަމަވެސް ޑީއެމްއޭއާ އެއްގޮތަށް އަމަލު ކުރާނެ ގޮތެއް ނިންމާނީ އެ ކުންފުނިން ކަމަށެވެ.
މި މައްސަލައިގެ އެންމެ ފަހުގެ ނިންމުން ނިންމާނީ އަންނަ އަހަރުގެ މާޗް މަހުގެ ތެރޭގައި ކަމަށް އީޔޫއިން ބުނެއެވެ.
އީޔޫ ޑިޖިޓަލް މާކެޓްސް އެކްޓް (ޑީއެމްއޭ) އަކީ ޑިޖިޓަލް މާކެޓުތަކުގައި އިންސާފުވެރި ވާދަވެރިކަމެއް ކަށަވަރު ކުރުމަށް ޓަކައި ބޮޑެތި ޓެކް ކުންފުނިތައް ރެގިއުލޭޓް ކުރުމުގެ މަގްސަދުގައި ދާދިފަހުން ހަދާފައިވާ ގާނޫނެކެވެ.
މިޤާނޫނުގެ ދަށުން ޑިޖިޓަލް ދުނިޔޭގައި އިންސާފުވެރި ވާދަވެރި މާހައުލެއް ގާއިމު ކުރަން ހުރަސްއަޅާ ބައެއް އާދަތައް މަނާކުރުމާއި، ކުދި ވިޔަފާރިތަކަށް ފުރުޞަތު ފުޅާކޮށްދިނުމާއި، އަދި ތަފާތު ޑިވެލޮޕަރުންގެ އެޕްލިކޭޝަންތައް ބޭނުން ކުރުން ލިމިޓް ކުރާ ކަންކަން މަނާކުރުން ފަދަ ފިޔަވަޅުތައް އަޅައިފައިވެއެވެ.
ޑީއެމްއޭގެ މައިގަނޑު އަމާޒަކީ އީޔޫގައި މިހާރަށްވުރެ ހުޅުވާލެވިފައިވާ އަދި ވާދަވެރި ޑިޖިޓަލް މާކެޓެއް އުފައްދައި، ބޮޑެތި ޓެކް ކުންފުނިތަކުން އެ މީހުންގެ މާކެޓް ބާރުގެ ނާޖާއިޒު ފައިދާ ނަހަމަ ގޮތުގައި ބޭނުންކުރުން ހުއްޓުވުމެވެ.