ހައްޖުގެ އަޅުކަމުގައި 1301 މީހުން ނިޔާވި: ސައުދީ

މިއަހަރުގެ ހައްޖުގެ އަޅުކަމުގައި 1301 މީހުން ވަނީ މަރުވެފައި. ފޮޓޯ/ގަލްފް ނިއުސް

މި އަހަރުގެ ހައްޖުގެ އަޅުކަމުގެ ތެރޭގައި 1301 މީހުން ނިޔާވެފައިވާ ކަމަށް ސައުދީ އަރަބިއްޔާގެ ސިއްހަތާބެހޭ ވަޒީރު، ފަހުދު އަލް ޖަލާޖަލް ވިދާޅުވެއްޖެއެވެ.

ސައުދީގެ ދައުލަތުގެ ޓީވީގައި ވާހަކަ ދައްކަވަމުން ފަހުދު ވިދާޅުވީ ނިޔާވި މީހުންގެ ތެރެއިން 83 އިންސައްތަ މީހުންނަކީ ހައްޖުގެ އަޅުކަން ކުރަން ބޭނުންވާ ހުއްދަތަކާ ނުލައި ދަތުރު ފަށާފައިވާ ހައްޖުވެރިން ކަމަށެވެ. އަދި ހުއްދަ ނެތި އުޅުނު އެ ހައްޖުވެރިން ވަނީ ގަދަ އަވީގައި ގިނައިރު ހިނގައިފައި ކަމަށްވެސް ފަހުދު ވިދާޅުވިއެވެ. ހައްޖުގެ އަޅުކަމުގެ ތެރޭގައި ގިނަ މީހުން ނިޔާވެފައި ވަނީ ހޫނު ގަދަވުމުގެ ސަބަބުންނެވެ.

ފަހުދު ވިދާޅުވީ ނިޔާވި މީހުންގެ އައިޑެންޓިޓީ ޔަގީންކޮށް، އެ މީހުން މައްކާގައި އިހުތިރާމާއެކު ވަޅުލައިފައިވާ ކަމަށެވެ.

ވަޒީރު ވިދާޅުވި ގޮތުގައި 1.8 މިލިއަނަށް ވުރެ ގިނަ މީހުން ޖަމާވެ ހައްޖުގެ އަޅުކަން އަދާކުރި އިރު 565،000 މީހަކަށް ސިއްހީ ހާއްސަ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށާއި ރަސްމީ ހުއްދަތައް ނެތި އުޅުނު 141،000 މީހަކު ވެސް އޭގެ ތެރޭގައި ހިމެނޭ ކަމަށެވެ.

comment ކޮމެންޓް