ސައުދީގެ ލީޑާޝިޕުގެ ދަށުން، އިސްލާމީ އުންމަތުން ފަލަސްތީނުގެ މައްސަލަ ހައްލުކުރަން މަސައްކަތް ކުރަންޖެހޭ: ރައީސް

ފަލަސްތީނުގެ ރައްޔިތުންނަށް ހައްލު ހޯދައިދިނުމަށް ޓަކައި، ސައުދީ އަރަބިއްޔާގެ ލީޑާޝިޕްގެ ދަށުން މުޅި އިސްލާމީ އުންމަތް އެކުވެ، މަސައްކަތްކުރުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެއްކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިފަދައިން ވިދާޅުވީ މިހާރު ސައުދީގެ ވެރިރަށް، ރިޔާދުގައި ކުރިއަށްދާ އަރަބް އިސްލާމީ ގައުމުތަކުގެ ކުއްލި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

އެ މަނިކުފާނު ވިދާޅުވީ ފަލަސްތީނުގެ ޙައްގުގައި އިސްލާމީ އުންމަތުން ކުރާ މަސައްކަތުގައި ސައުދީން ނެގި އިސްނެގުމަކީ މުޅި އުންމަތަށް ލިބުނު އުންމީދެއް ކަމަށެވެ.

ސައުދީގެ ވެރިރަށް، ރިޔާދުގައި ކުރިއަށްދާ އަރަބް އިސްލާމީ ގައުމުތަކުގެ ކުއްލި ބައްދަލުވުމުގައި އިސްލާމީ ގައުމުތަކުގެ ވެރިން -- ފޮޓޯ: ރައީސް އޮފީސް

"މަނިކުފާނުގެ ރަސްކަމުގައި، ސައުދީން ވަނީ އިސްލާމީ ގައުމުތައް ބަދަހިކޮށްދޭ އަސާސްތަކުގެ ތެރެއިން ގައުުމުތަކުގެ މެދުގައި އެއްބަވައިންތަކަން ގާއިމްކޮށްދެއްވައިފައި. އިސްލާމީ ދުނިޔޭގެ ލީޑަރުގެ ހައިސިއްޔަތުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މުސްލިމުންނަށް ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމަށް ސައުދީން ގެންގުޅޭ ދުރު ވިސްނުމާއި، ހިކުމަތްތެރިކަމާއި ކުރާ މަސައްކަތަކީ ތައުރީފް ހައްގު މަސައްކަތްތަކެއް،" ރައީސް ވިދާޅުވިއެވެ.

އެއާއެކު އެ މަނިކުފާނު ވަނީ ފަލަސްތީން - އިސްރާއިލް މައްސަލައިގައި ދެ ދައުލަތް ގާއިމްކުރުމުގެ ސިޔާސަތުގެ ތެރެއިން ހައްލެއް ހޯދުމަށް ސައުދީން ގައުމުތައް އެއް ގަލަކަށް އެރުވުމަށް ކުރާ މަސައްކަތަށް ވެސް ތައުރީފް ކުރައްވައިފައެވެ.

އެ މަނިކުފާނު އެކަން ސިފަކުރެއްވީ އެއީ، އިންސާފު ހޯދައިދިނުމުގެ އަޒުމާއި، ފަލަސްތީނުގެ ރައްޔިތުންނަށް އަމިއްލަ ދައުލަތެއް ކަށަވަރުކޮށްދޭން ސައުދީން ކުރާ މަސައްކަތް ހާމަކޮށްދޭ ހެއްކެއްގެ ގޮތުގައެވެ.

ރައީސް ވިދާޅުވީ ކޮންމެ ބައްދަލުވުމެއްގައި ވެސް އިވެނީ ފަލަސްތީނުގެ ރައްޔިތުން ތަހައްމަލުކުރާ ކަންކަމަށް ނިމުން ގެންނަން ގޮވައިލާ ގޮވުން ކަމަށެވެ. އެއީ ފާއިތުވި 13 މަސްދުވަސް ތެރޭ އެކަނި ނޫންކަމަށާއި އެތައް އަހަރެއް ވީއިރު ވެސް އިވޭ އަޑުކަމަށް ވިދާޅުވިއެވެ.

އަދި އިޒްރާއިލުގެ ގަދަބާރުން ވެރިވެގަތުމުގެ ސިޔާސަތާއި، ހިނގަމުންދާ އަނިޔާވެރި ގަތުލުއާންމުގެ ތެރެއިން ތަސައްވުރުކުރަން ވެސް ދަތި އަދަދަކަށް މީހުން މަރުވެ، ގެއްލުން ލިބިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

އެ ކަން ކުށްވެރިކޮށް ނެރޭ ބަޔާންތައް ވެފައި އޮތީ ބާރެއް ނެތް ހުސް ބަޔާންތަކެއްގެ ގޮތުގައި ކަމަށާއި، އެކަމުގެ ބާރު ހުރި ފަރާތްތަކުން ފިޔަވަޅު އަޅައިފައިނުވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ހަމައެއާއެކު ބާރުގަދަ ގައުމުތައްކަމަށްވާ އެެެމެރިކާއާއި އެ ގައުމުގެ ބައިވެރިންގެ އަމަލުތަކުން އެނގެނީ، ފަލަސްތީނު ރައްޔިތެއްގެ ފުރާނައިގެ އަގަކީ ވެސް، ހަމަ އެހެން އިންސާނެއްގެ ފުރާނައިގެ އަގުހައި ބޮޑު އެއްޗެއްކަން، އެ ގައުމުތަކުން ގަބޫލުނުކުރާކަން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އަދި އެ ގައުމުތަކުން ފިޔަވަޅެއް ނާޅައި ހިމޭނުން ތިބޭ ތިބުމުގެ ސަބަބުން ހަމައެކަނި ފަހިވީ އިޒްރާއިލުގެ އަނިޔާވެރިކަން އިތުރަށް ފުޅާވުމަށް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން އދ.ގެ ސަލާމަތީ މަޖިލީހުގެ ވީޓޯ ބާރުގެ ސަބަބުން ވެސް މި ކަމުގައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުން ހުއްޓުވައި، އިޒްރާއިލަށް ހަތިޔާރު ފޯރުވައިދޭން ފަހިވެފައިވާކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ސައުދީގެ ވެރިރަށް، ރިޔާދަށް ރައީސް ވަޑައިގަތުން: ރައީސް ވަޑައިގަތީ މިހާރު ކުރިއަށްދާ އަރަބް އިސްލާމީ ގައުމުތަކުގެ ކުއްލި ބައްދަލުވުމުގައި ތަގުރީރުކުރައްވަން -- ފޮޓޯ: ރައީސް އޮފީސް

މީގެ އިތުރުން ގިނަ ގައުމުތަކަކުން ފަލަސްތީނުގެ ދައުލަތް ބަލައިގަންނަމުން އައި ނަމަވެސް، މި ކަމުގައި އެއްބައިވަންތަ ވުމަކީ ހަމައެކަނި ވާހަކަތަކެއް ދެއްކުމަށްވުރެ އިތުރަށް އަަމަލުކުރުން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"އަމަލީ ފިޔަވަޅަކާ ދިމާއަށް ކުރާ ކޮންމެ ކަމެއް، އެއީ ކިތަންމެ ކުޑަ ނުވަތަ ބޮޑު ނަމަވެސް މުހިންމުވޭ،" ރައީސް ވިދާޅުވިއެވެ.

މި ސަމިޓަކީ މި ވަގުތާ ވަރަށް މުނާސަބު ސަމިޓެއްކަން ފާހަގަކުރައްވައި ރައީސް ވަނީ ސަމިޓު އިންތިޒާމުކުރުމުގައި ސައުދީން އިސްނަގައި ކުރެއްވި މަސައްކަތް ފާހަގަކަކުރައްވައި، ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒަށާއި، ވަލީއަހުދު މުޙައްމަދު ބިން ސަލްމާނަށް ޝުކުރު އަދައިކުރައްވައިފައެވެ.

comment ކޮމެންޓް