އެހެން ދީންތަކުގެ ގޮތްތައް ކޮޕީނުކުރަން ޢީދު ޚުތުބާގައި ގޮވާލައިފި

މާލޭގައި މިއަދު ބޮޑު ޖަމާއަތުގައި ކުރި ޢީދު ނަމާދު: ޢީދު ޚުތުބާގައި ވަނީ އެހެން ދީންތަކުގެ ގޮތްތައް ކޮޕީނުކުރަން ގޮވާލައިފައި -- ސަން ފޮޓޯ/ ނާއިޝް ނާހިދު

އުފާފާޅުކުރާއިރު އިސްލާމް ދީނުގެ އުސޫލުތަކަށް ތަބާވެ، އެހެން ދީންތަކުގެ ގޮތްތައް ކޮޕީކުރުން ދޫކޮށްލަން މިއަދުގެ ޢީދު ޚުތުބާގައި ގޮވާލައިފިއެވެ.

ޢީދު ޚުތުބާގައި ވަނީ ޢީދު ފާހަގަކުރުމުގައި ސަމާލުވާންވީ މުހިންމު ކަންކަމުގެ މައްޗަށް އަލިއަޅުވައިލައިފައެވެ.

ޚުތުބާގައި ބުނީ، އަޟުޙާ ޢީދު ދުވަހަކީ ހިތްތަކަށް އުފާވެރިކަން އިއާދަކޮށްދޭ ދުވަހެއް ކަމަށެވެ. އަދި، މިއީ ކެއުމާއި ބުއިމާއި އުފާ ފާޅުކުރުމުގެ ދުވަހެއްކަން ޚުތުބާގައި ވަނީ ފާހަގަކޮށްފައެވެ.

އެކަމަކު، ޢީދުގެ އުފާ ފާޅުކުރާއިރުގައި ދީނުގެ އުސޫލުތަކަށް ތަބާވެ، ދީނުގެ ހަރާމްކުރައްވާފައިވާ ކަންކަމުން ދުރުހެލިވާން ޚުތުބާގައި ވަނީ ގޮވާލައިފައެވެ.

"އަހަރެމެން މުސްލިމުން އުފާ ފާޅުކުރާއިރު، އިސްލާމްދީނުގެ އުޞޫލުތަކަށް ތަބަޢަވާން ޖެހެއެވެ. ދީނުގައި ޙަރާމްކުރައްވައިފައިވާ ކަންކަން ކުރުމާއި، އުފާ ފާޅުކުރުމުގައި އެހެން ދީންތަކުގެ އަހުލުވެރީންގެ ގޮތްތައް ކޮޕީކުރުން ދޫކޮށްލާން ޖެހެއެވެ. އަހަރެމެންނަކީ މާތް ﷲ އިސްލާމްދީނުގެ ސަބަބުން ޢިއްޒަތްތެރިކަން ދެއްވައިފައިވާ ބަޔެކެވެ،" ޚުތުބާގައި ބުންޏެވެ.

ހުރިހާ ހާލެއްގައި ﷲއަށް ކިޔަމަންތެރިކަން އަދާކުރުމުގެ މުހިންމުކަން ފާހަގަކޮށް ޚުތުބާގައި ބުނީ، ކޮންމެ ބަޔަކު ވެސް އެ ބަޔަކަށް މާތްﷲ ހަވާލުކުރައްވާފައިވާ މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކުރާނަމަ، މި ދުނިޔެއިން އެންމެހައި ފަސާދަތައް ނެތިގެންދާނެ ކަމަށެވެ.

މާލޭގައި މިއަދު ބޮޑު ޖަމާއަތުގައި ކުރި ޢީދު ނަމާދު: ޢީދު ޚުތުބާގައި ވަނީ ގުޅުންތައް ވަރުގަދަކުރަން ގޮވާލާފައި -- ސަން ފޮޓޯ/ ނާއިޝް ނާހިދު

ޚުތުބާގައި ބުނީ، ގައުމަކަށް ލިބޭނެ އެންމެ ބޮޑު އެއް ނިއުމަތަކީ އެ ގައުމަކީ އަމަންއަމާންކަން ލިބިފައިވާ ގައުމަކަށްވުން ކަމަށެވެ. އަދި، އެ ގައުމުގެ އަހުލުވެރިންނަކީ އުފާ ފާގަތިކަން ލިބިފައިވާ ބަޔަކަށްވުން ކަމަށެވެ.

"މި ކަންކަން އެ ބަޔަކަށް ޙާޞިލުވާނީ، ދޭދޭ ފަރުދުންގެ ގުޅުންތައް ވަރުގަދަވެ، އެއްބައިވަންތަ ބަޔަކަށް ވެގެންނެވެ. ޚިޔާލުތަފާތުވުންތަކުގައި އެކަކު އަނެކަކަށް އިޙްތިރާމުކޮށް، އަމިއްލަ މަޞްލަޙަތުގެ ބަދަލުގައި، ދީނާއި، ވަޠަނުގެ މަޞްލަޙަތު އިސްކޮށްގެންނެވެ،" ޚުތުބާގައި ގޮވާލިއެވެ.

އަރަފާތު ބިމުގައި އެތަކެއް މުސްލިމުން އެއްވެ، އެއް ފޭރާމެއްގައި މާތް ﷲގެ ޙަޟުރަތުގައި ނިކަމެތިވެ، އެބައިމީހުންގެ ޙާޖަތްތަކުން، އެކަލާނގެއަށް މުނާޖާ ދެންނެވުމުގައި އިއްޔެ ހޭދަކުރިކަން ފާހަގަކޮށް ޚުތުބާގައި ބުނީ، ޢިއްޒަތްތެރިއެއް ނިކަމެއްޗެއް، ފަޤީރެއް މުއްސަންޖެއް، ވެރިއެއް ރައްޔިތެއްގެ މެދުގައި ތަފާތެއް ނެތް ކަމަށެވެ.

"މި ކަމުން އަންގައިދެނީ އިސްލާމްދީނުގައި، މީސްތަކުންގެ މެދުގައި މާތް ﷲ ކަނޑައަޅުއްވައިފައިވާ ހަމަހަމަކަމެވެ. އަދި އެކަކު އަނެކަކުގެ މައްޗަށް ކިބުރުވެރިނުވެ، ތަވާޟުޢުވެރިވުމުގެ މުހިންމުކަމެވެ،" ޚުތުބާގައި ބުންޏެވެ.

comment ކޮމެންޓް