އެމެރިކާގެ ރިޔާސީ ބަހުސް ބަލަން އޯޑިއަންސެއް ނުވައްދާނެ

އެެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ މިހާރުގެ ރައީސް ޖޯ ބައިޑެން (ކ) އާއި ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕް (ވ)--- ފޮޓޯ/ރޮއިޓާސް

އަންނަ ނޮވްމެބަރު މަހު ބާއްވަން ހަމަޖެހިފައިވާ އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ކުރިން ބާއްވާ ރިޔާސީ އިންތިޚާބުގެ ބަހުސްގައި އެކަށައަޅައިފައިވާ ޤަވާއިދުތައް 'ސީއެންއެން'އިން އިއުލާނުކޮށްފިއެވެ.

އެ ބަހުސް އޮންނާނީ މި މަހުގެ 27 ވަނަ ދުވަހުއެވެ.

އެ ޤަވާއިދުގެ ދަށުން އިޝްތިހާރުގެ ދެ ބްރޭކެއް ބަހުސް ތެރެއިން އަންނާނެއެވެ. އަދި، ވާހަކަދައްކާ ވަގުތު ފިޔަވައި އެ ނޫން ވަގުތުތަކުގައި މައިކްރޯފޯނު އޮންނަންޖެހެނީ ނިއްވާލައިފައެވެ.

މި މަހުގެ 27 ވަނަ ދުވަހު އެޓްލާންޓާގައި ސީއެންއެންގެ ބަހުސް ބޭއްވުމަށް ހަމަޖެހިފައިވާއިރު، އަންނަ ސެޕްޓެމްބަރު މަހު 10 ވަނަ ދުވަހު އޭބީސީ ނޫހުން ވެސް އިތުރު ބަހުސެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ބަހުސް ހުށަހަޅައިދޭނީ ސީއެންއެންގެ ޕްރެޒެންޓަރުން ކަމަށްވާ ޖޭކް ޓެޕާއާއި ޑާނާ ބާޝްއެވެ. އޭބީސީގެ ބަހުސް ހުށަހަޅައިދޭނީ ޑޭވިޑް މުއީއާއި ލިންސީ ޑޭވިސްއެވެ.

ސީއެންއެންއިން ހޮނިހިރު ދުވަހު ބުނީ 90 މިނެޓްގެ ބަހުސްގައި ދެ ކެންޑިޑޭޓުން ވެސް ހާޒިރުވާނީ އެއް ވައްތަރެއްގެ ޕޯޑިއަމްއަކަށެވެ. ކޮންމެ ކެންޑިޑޭޓަކަށް ވެސް ގަލަމާއި ކަރުދާސް އަދި ފެން ފުޅިއެއް ލިބޭނެއެވެ.

އިޝްތިހާރުގެ ވަގުތުތަކުގައި ކެމްޕޭން ސްޓާފުންނަށް އެ މީހުންގެ ކެންޑިޑޭޓާ މުއާމަލާތް ނުކުރެވޭނެ ކަމަށާއި، ބަހުސް ބެލުމަށް އޯޑިއަންސެއް ވެސް ނުތިބޭނެ ކަމަށް ސީއެންއެންއިން ވަނީ ހާމަކޮށްފައެވެ. މިއީ ރިޔާސީ އިންތިޚާބުތަކުގައި ކުރެވޭ ބަހުސްތަކުގައި އާދަޔާ ހިލާފު މަދުން ނޫނީ ފެނިފައިނުވާ ކަމެކެވެ.

އޯޑިއަންސް ހާޒިރުނުވެ، އެމެރިކާގައި ބޭއްވި އެންމެ ފުރަތަމަ ރިޔާސީ ބަހުސަކީ ޖޯން އެފް ކެނެޑީއާއި ރިޗާޑް ނިކްސަނާ ދެމެދު 1960 ވަނަ އަހަރު ބޭއްވި ބަހުސެވެ.

ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ބަހުސްގައި ބައިޑެން އިސްކަންދެއްވާނީ މައިގަނޑު ތިން މައުލޫއަކަށެވެ. އެއީ އެބޯޝަން ހައްގުތައް، އިގުތިސާދާއި ޑިމޮކްރަސީގެ ހާލަތެވެ.

ރިޕަބްލިކަން ޕާޓީގެ ނޮމިނޭޝަން ރޭހުގައި ވާދަވެރިންނާ ބަހުސް ކުރަން ޓްރަމްޕް ވަނީ ދެކޮޅު ހައްދަވައިފައެވެ. އޭނާގެ ޓީމުން ވަނީ ބަހުސްގެ ކުރިން މުހިންމު މައްސަލަތަކެއްގެ ގޮތުގައި އިމިގްރޭޝަނާއި އާންމުންގެ ރައްކާތެރިކަމާއި އިންފްލޭޝަން ފާހަގަކޮށްފައެވެ.

comment ކޮމެންޓް