ސްޕެއިންއިން މޮޅު ކުޅުމެއް ދައްކައި، ތިން ލަނޑުން ކްރޮއޭޝިއާ ބަލިކޮށްފި

ކްރޮއޭޝިއާ ދެކޮޅަށް ކުޅެ ސްޕެއިން މޮޅުވީ 3-0ގެ ނަތީޖާއަކުން --

ޔޫރޯ 2024ގެ ގްރޫޕު ބީގައި ކްރޮއޭޝިއާ ކޮޅަށް ފުރަތަމަ ހާފުގައި ކާމިޔާބުކުރި ލަނޑުތަކާއެކު 3-0ގެ ނަތީޖާއަކުން މޮޅުވެ, މުބާރާތުގެ އެއް ފެވަރިޓުން ކަމަށްވާ ސްޕެއިނުން ފެށުން ރަނގަޅުކޮށްފިއެވެ.

ވަރަށް ވާދަވެރިވާނެ ކަމަށް ބެލެވުނު މި މެޗުގެ ފުރަތަމަ ހާފުގައި ކްރޮއޭޝިއާގެ ފަރާތުން ފެނުނީ ދަށް ކުޅުމެކެވެ. އެއާ ޚިލާފަށް ސްޕެއިންގެ ތަޖުރިބާކާރު ކުޅުންތެރިންނާއި ޒުވާން ކުޅުންތެރިންގެ ފަރާތުން ފެނުނީ ޓީމެއްގެ ސިފައިގައި މޮޅަށް ކުޅުނު މަންޒަރެވެ.

މެޗުގެ ފުރަތަމަ 10 މިނެޓުގެ ތެރޭ ނުރައްކާ ޓީމެއްގެ ގޮތުގައި ފެނުނީ ސްޕެއިންއެވެ. ބޯޅަ ހިފަހައްޓައިގެން ކުޅެމުން އައި ސްޕެއިނުން ކްރޮއޭޝިއާގެ ޕެނަލްޓީ އޭރިއާ ތެރެއިން ވެސް ނުރައްކާކުރުމަށް މަސައްކަތްކުރިއެވެ. ނަމަވެސް ކްރޮއޭޝިއާއަށް ސްޕެއިންގެ ހާފުގެ ތެރޭގައި ވެސް ގިނަ ވަގުތު ބޯޅަ ހިފެހެއްޓޭގޮތެއް ނުވިއެވެ.

ސްޕެއިނުން ލީޑު ނެގީ މެޗުގެ 29 ވަނަ މިނެޓުގައެވެ. ކައުންޓާ އެޓޭކެއްގައި ފަބިއަން ރުއިޒް ދިން ރީތި ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ފޮނުވާލި ހަމަލާއަކުން ސްޕެއިނަށް މި ލަނޑު ކާމިޔާބުކޮށްދިނީ ކެޕްޓަން އަލްވާރޯ މޮރާޓާއެވެ.

މި ލަނޑު ޖެހިތާ ތިން މިނެޓުފަހުން ސްޕެއިންގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ ފަބިއަން ރުއިޒް އެވެ. މިއީ ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން އޭނާ ކާމިޔާބުކުރި ލަނޑެކެވެ. އޭނާ މި ހިތްގައިމު ލަނޑު ކާމިޔާބުކުރީ ކްރޮއޭޝިއާގެ ދެ ޑިފެންޑަރުން ކައިރިން ނައްޓާލުމަށްފަހުއެވެ.

ފުރަތަމަ ހާފުގެ އިތުރުވަގުތުގެ ތެރޭގައި ސްޕެއިންގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ޑެނީ ކާވަހާލް އެވެ. މިއީ ޔަމާލް ދިން ރީތި ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން އޭނާ ކާމިޔާބުކުރި ލަނޑެކެވެ. މިއީ ސްޕެއިން ގައުމީ ޓީމަށް ކާވަހާލް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ.

މެޗުގެ ދެވަނަ ހާފުގައި ދެ ޓީމުގެ ފަރާތުންވެސް ފެނުނީ ހަމަހަމަ ކުޅުމެކެވެ.

ގްރޫޕް ބީއަކީ މަރުގެ ގްރޫޕްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރާ ގްރޫޕެކެވެ. އެ ގްރޫޕްގައި ދެން ހިމެނެނީ އަލްބޭނިއާ އަދި އެންމެފަހުގެ ޗެމްޕިއަން އިޓަލީއެވެ. މި ދެޓީމު މިރޭ 00:00 ގައި ބައްދަލުކުރާނެއެވެ.

comment ކޮމެންޓް