ބްލަޑް ބޭންކުގައި ހުރި ލޭ މަދުވެ، ލޭ ލިބުން ދަތިވުމުގެ ސަބަބުން މޯލްޑިވްސް ބްލަޑް ސާވިސަސް (އެމްބީއެސް)އިން ލޭ ހަދިޔާކޮށްދޭން އެދިއްޖެއެވެ.
ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބްލަޑް ސާވިސަސްއިން ބުނީ، ލޭގެ ހުރިހާ ގްރޫޕަކުން ވެސް ލޭ ކޮންމެހެން ބޭނުން ކަމަށެވެ.
އެގޮތުން، އޭ ޕޮޒިޓިވް، ބީ ޕޮޒިޓިވް، އޭބީ ޕޮޒިޓިވް، އޯ ޕޮޒިޓިވް، އޭ ނެގެޓިވް، އަދި އޯ ނެގެޓިވް، މި ގްރޫޕުތަކުގެ ލޭ ހަދިޔާކޮށްދިނުމަށް އެ ޚިދުމަތުން ވަނީ އެދިފައެވެ.
އެމްބީއެސްއިން މައުލޫމާތު ދިން ގޮތުގައި ލޭ ވަނީ، ވަރަށް ބޮޑަށް މަދުވެފައެވެ. އެހެންކަމުން ވީހާވެސް ގިނަ ފަރާތްތަކުން ލޭ ހަދިޔާކޮށްދިނުމަށް ވަނީ އެދިފައެވެ.
ހުޅުމާލޭގެ އޮރެންޖު ހިޔާގައި ހުންނަ މޯލްޑިވްސް ބްލަޑް ސާވިސަސްގެ ބްލަޑް ބޭންކު ހުޅުވާފައި ހުންނާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 8އިން ރޭގަނޑު 8 އަށެވެ.
މޯލްޑިވްސް ބްލަޑް ސާވިސަސްއިން ބުނީ، ލޭ ހަދިޔާކުރާ މީހުން އުމުރުން 18އަހަރުން މަތިވެ، ބަރުދަން 45 ކިލޯއަށް ވުރެ މަތިވާން ވާނެ ކަމަށެވެ. އަދި ލޭ ހަދިޔާކުރާ މީހުން މަދުވެގެން ހަ ގަޑިއިރުގެ ނިދި ހަމަކުރުމާއި ލޭ ހަދިޔާކުރުމުގެ ކުރިން އެއް ގަޑިއިރު ކާން އެ ޚިދުމަތުން އިލްތިމާސްކުރެއެވެ.