މުޅި ސޯޝަލް މީޑިއާގެ އިތުރުން ދިވެހީންގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ ދެކުނު ކޮރިއާގެ އިންސްޓަންޓް ނޫޑްލްސް ބްރޭންޑް "ސަމްޔަންގް" ނޫޑްލްސް އަކީ މާ ބޮޑަށް ކުޅި ނޫޑްލްސް އެއް ކަމަށް ބުނެ އެ ޑެންމާކަށް އެތެރެކުރުން މަނާކޮށްފިއެވެ.
ސަމްޔަންގް ނޫޑްލްސްއަކީ މި ފަހަކަށް އައިސް ސޯޝަލް މީޑިއާގައި ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ އިންސްޓަންޓް ނޫޑްލްސް ބްރޭންޑެކެވެ. ދިވެހީންނަށް ވެސް ކަމުދާ މި ނޫޑްލްސް އެހާ ބޮޑު މަގުބޫލު ކަމެއް ހޯދާފައިވަނީ އެހެން އިންސްޓަންޓް ނޫޑްލްސް އާ އަޅާ ބަލާއިރު މީގެ ކުޅި މިން ހުންނަ ވަރުގެ ސަބަބުންނެވެ.
މިއީ މި ނޫޑްލްސް ޑެންމާކުގައި ބޭނުން ކުރުން މަނާކުރާ ސަބަބަށް ވެސް ވަނީ މިހާރު ވެފައެވެ.
ޑެންމާކްގެ ވެޓެރިނަރީ އެންޑް ފުޑް އެޑްމިނިސްޓްރޭޝަނުން ދާދިފަހުން ވަނީ ސަމްޔަންގް ފިހާރަތަކުން ނަގައި މި އެތެރެކުރުން ހުއްޓާލުމަށް އަންގާފައެވެ.
އެ އެޑްމިނިސްޓްރޭޝަނުން ބުނެފައިވަނީ ސަމްޔަންގް ނޫޑްލްސްގައި ގިނަ އަދަކަށް ކެޕްސެއިސިން ހިމެނޭ ކަމަށެވެ. މިއީ މިރުސްތަކުގެ ކުޅި މިން އިތުރުކޮށް ނުވަތަ ދަށްކޮށްދޭ މާއްދާއެވެ. މި މާއްދާ މާ ބޮޑަށް އިތުރުވުމުން އޭގެ ސަބަބުން އިންސާނުންނަށް ގެއްލުންކުރާނެ ކަމަށް އިޝާރާތްކޮށް ފުޑް އެޑްމިނިސްޓްރޭޝަނުން ބުނީ ސަމްޔަންގް ނޫޑްލްސްގައި ގިނަ އަދަދަކަށް ކެޕްސެއިސިން ހުންނަ ކަމަށެވެ.
ގިނަ އަދަދަކަށް ކެޕްސެއިސިން ހުރުމުގެ ސަބަބުން އިންސާނުންނަށް ކުޅިވެ ވިހަވުމަކީ އެކަށީގެންވާ ކަމެއް ކަމުގައި ޑެންމާކްގެ ފުޑް އެޑްމިނިސްޓްރޭޝަނުން ބުނެއެވެ.
އެޑްމިނިސްޓްރޭޝަނުން އިތުރަށް ބުނެފައިވަނީ ފިހާރަތަކުގައި މި ތަކެތި ވިއްކާނަމަ މިހާރުން މިހާރަށް އެކަންތައް ހުއްޓާލުމަށެވެ. އަދި، ނޫޑްލްސް ގަނެގެން އުޅޭ ނަމަ އެ ތަކެތި އަނބުރާ ފިހާރައަށް ދިނުމަށް ނުވަތަ އެ ބޭނުންނުކޮށް އުކާލުމަށް ވެސް އެ އެޑްމިނިސްޓްރޭޝަނުން ބުނެއެވެ.
އަލަށް ގެނައި ބަދަލާ އެކު ސަމްޔަންގް ބްރޭންޑުގެ ކުޅި ނޫޑްލްސް ލައިން ޑެންމާކުގައި ވިއްކަން މަނާވުމުގެ އިތުރުން އެ އެތެރެކުރުން ވެސް މަނާ ވެގެންދާނެ ކަމަށް ލަފާކުރެވެއެވެ.
އަލަށް ގެނައި ބަދަލާ އެކު ސަމްޔަންގްގެ *3 ސްޕައިސީ އެންޑް ހޮޓް ޗިކެން އަދި *2 ސްޕައިސީ އެންޑް ހޮޓް ޗިކެން ފްލޭވާ ނޫޑްލްސްގެ އިތުރުން އިތުރު ހޮޓް ޗިކެން ނޫޑްލްސް އެގައުމަށް އެތެރެކުރުން މަނާ ވާނެއެވެ. ޑެންމާކަށް ސަމްޔަންގް ނޫޑްލްސް ގެނައުން މަނާކުރުމަށް އިއުލާނުކުރުމާ އެކު އެތައް ބައެއްގެ މަލާމަތް ވަނީ ޑެންމާކަށް ރައްދުވެފައެވެ. އަދި، މި ގައުމުގެ ކާއެއްޗެހީގައި އެއްވެސް ވަރަކަށް ކުޅި ރަހަ ނުލާ ކަމަށާއި ގައުމުގެ މީހުންނަށް ކުޅިކޮށް ނުކެވޭ ކަމަށް ބުނެ އެތައް ބަޔަކު އަންނަނީ ފާޑު ކިޔަމުންނެވެ.