ހިޔާ ފްލެޓްގައި ބަރަހަނާވެ، ފޭރުމުގެ ޝިކާރައަކަށްވީ ހަށިވިއްކާތީއާއި އެފަދަ ބައެއް ކުށްތައް ކުރަން އެޕާޓްމަންޓަށް ދިޔަ ބައެއް ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ހިޔާ ފްލެޓުގެ 'އެޗް5'ގެ 318 ނަންބަރު އެޕާޓްމަންޓަށް މީހުން ގެންގޮސް ފޭރުނު މައްސަލައާ ގުޅޭ ގިނަ މައުލޫމާތުތަކެއް ހިއްސާކޮށްފައެވެ.
އެކަމުގެ ތަފުސީލު ދެއްވަމުން ހުޅުމާލޭ ފޭސް ދޭއް ޕޮލިސް ސްޓޭޝަންގެ ހެޑް، ސުޕްރިޑެންޓް އޮފް ޕޮލިސް ރަޖުނީ ޝުއައިބު ވިދާޅުވީ، އެ އެޕާޓްމަންޓަށް އޮޅުވާލައިގެން މީހުން ގެންގޮސް ބިރުދައްކައި ޖިސްމާނީ އަނިޔާކޮށް އެ މީހުން ގަދަކަމުން ބަރަހަނާކުރުމަށް ފަހު ބްލެކްމެއިލްކޮށްގެން އެ މީހުންގެ އަތުން ގިނަ އަދަދެއްގެ ފައިސާއާއި މޯބައިލްފޯން ފަދަ ތަކެތި އަތުލާފައިވާ ކަމަށެވެ.
ރަޖުނީ ވިދާޅުވީ، މި މައްސަލައާ ގުޅިގެން ހަތް މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ، މ. ގޯންބިލިގަސްދޮށުގެ، އައިމިނަތު ހުމައިނާ ޒަކަރިއްޔާ، 24، އާއި އާޔަތު އައްބާސް، 30، އާއި ގއ. ދާންދޫ، ޕެލަސް ހައުސް، މުޙައްމަދު އާދަމް، 43ގެ އިތުރުން ގ. ހަނދުމާގެއާގެ، ސަމާހް އަލީ، 31، އާއި ދ. ކުޑަހުވަދޫ، ސަންފްލާވާ، މުޙައްމަދު މުނީރު، 35، އާއި ނ. ވެލިދޫ، ހިފާޒް، އަޙްމަދު މާދިހް،33، މ.ސީނަރީވިއު، އަޙްމަދު މަދީހް، 34، އެކެވެ.
"މި މައްސައިގެ ތަހުގީގުގައި ބަލަމުންދާ ފަސް މައްސަލައިގައި ވެސް އިސްކޮށް ހަރަކާތްތެރިވެފައިވަނީ އައިމިނަތު ހުމައިނާ ޒަކަރިއްޔާއާއި އާޔަތު އައްބާސްކަން ފާހަގަކޮށްލަން،" ރަޖުނީ ވިދާޅުވިއެވެ.
ހުމައިނާއަކީ މާބަނޑު އަންހެނަކަށްވާތީ އޭނާގެ ސިއްހީ ހާލަތަށް ރިއާޔަތްކޮށް ކޯޓަށް ނުގެންގޮސް ދޫކޮށްލާފައިވާ ކަމަށް ރަޖުނީ ވިދާޅުވިއެވެ. ދެން ތިބި މީހުންގެ ބަންދަށް ވަނީ 15 ދުވަސް ޖަހައިފައެވެ.
މި މައްސަލައިގައި ހިމެނޭ މީހުންނަކީ ތަފާތު ކުށުގެ ރިކޯޑް އޮތް މީހުން ކަމަށް ވެސް ރަޖުނީ ވިދާޅުވިއެވެ.
ރަޖުނީ ވިދާޅުވީ، އެ އެޕާޓްމަންޓަށް މީހުން ގެންގޮސްފައިވަނީ އެ ތަނުގެ ތެރޭގައި ފައިސާއަށް ހަށިވިއްކާ ކަމަށް އިޝްތިހާރުކޮށްގެން ކަމަށެވެ. އެގޮތުން، ސޯޝަލް މީޑިއާގެ އެކިއެކި ޕްލެޓްފޯމްތަކުގައި އަންހެނުންގެ ނަމުގައި އައިޑީތައް ހަދައިގެން ފިރިހެނުންނާ ގުޅުން އުފެއްދުމަށް ފަހު ހަށިވިއްކާ ކަމަށް ބުނެ އޮޅުވާލައިގެން އެ އެޕާޓްމަންޓަށް މީހުން ގެންދިޔަ ކަމަށް ރަޖުނީ ވިދާޅުވިއެވެ.
އަދި، މި މައްސަލައިގައި ހިމެނޭ އަންހެނުން ހިޔާ ސަރަހައްދުން އުމުރުން ދުވަސްވީ މީހުންނާ ބައްދަލުކޮށް ހަށިވިއްކާ ކަމަށް ބުނެ އެ އެޕާޓްމަންޓަށް މީހުން ގެންގޮސް ބަރަހަނާކޮށް ފައިސާ ފޭރިފައިވާ ކަމަށް ވެސް ރަޖުނީ ވިދާޅުވިއެވެ.
"އެ އެޕާޓްމަންޓް ތެރޭގައި ހަށިވިއްކުމާއި އެ އެޕާޓްމަންޓްތަކަށް މީހުން އޮޅުވާލައިގެން ގެންގޮސް ބަރަހަނާކޮށް މީހުންގެ ބަރަހަނާ ވީޑިއޯނަގައި ބްލެކްމެއިލްކޮށް ފައިސާ ހޯދުމާއި އެ ތަނުގެ ތެރޭގައި މަސްތުވާތަކެތި ވިއްކައި ވިޔަފާރި ކުރުމާއި މަސްތުވާތަކެތި ބޭނުން ކުރުންފަދަ ގާނޫނާ ހިލާފު އެތައް އަމަލެއް ހިންގާފައިވާކަން ފާހަގަ ކުރެވޭ،" ރަޖުނީ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މިގޮތަށް އެޕާޓްމަންޓަށްދިޔަ އެތައް ބަޔަކު އެކަމުގެ ޝިކާރައަކަށްވެފައިވަނީ އެ މީހުންނަކީ ގާނޫނާ ހިލާފު ކުށެއް ކުރުމަށް އެ ތަނަށް ދިޔަ ބަޔަކަށްވާތީއާއި ބަރަހަނާ ވީޑިއޯ ލީކްކޮށްލަފާނެކަމުގެ ބިރުއޮތުމުން ގިނަ މައްސަލަތަކެއް ފުލުހުންނަށް ރިޕޯޓްކޮށްފައިނުވާ ކަމަށެވެ. އަދި، މި ކަމުގައި އަނިޔާ ލިބުނު މީހުންކަން ހިނގިގޮތާ ހިލާފަށް ސޯޝަލް މީޑިއާގައާއި ފުލުހުންގެ ތަހުގީގުގައި ވެސް ވާހަކަދައްކާފައިވާ ކަމަށް ރަޖުނީ ވިދާޅުވިއެވެ.
"ރިޕޯޓްކުރި ފަރާތްތަކުން އެޕާޓްމަންޓަށް ދިޔައީ އަމިއްލައަށް ނޫން ކަމަށާއި އެ މީހުން އެޕާޓްމަންޓަށް ބިރުދައްކައިގެންނާއި ގަދަކަމުން ކަމަށް ފުލުހުންގެ ތަހުގީގަށް ބަޔާން ދީފައިވޭ. ނަމަވެސް، ސީސީޓީވީ ފްޓޭޖްތައް ބެލިއިރު އަޅުގަނޑުމެންނަށް ފާހަގަކުރެވޭ އެ މީހުން އެ އެޕާޓްމަންޓަށް ގޮސްފައިވަނީ އެ މީހުންގެ އަމިއްލަ އިހުތިޔާރުގައިކަން. އަދި، އަޅުގަނޑުމެން ތަހުގީގަށް އެކަން އެނގޭ ހިސާބުން އެ މައްސަލަ ކުރިއަށް ގެންދަން ބޭނުންނުވާ ކަމަށް ބުނެފައިވާކަން ފާހަގަކޮށްލަން،" ރަޖުނީ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ މި މައްސަލައިގައި ތުހުމަތުކުރެވޭ އިތުރު މީހުން ތިބު މާއެކު އެ މީހުން ހޯދައި ހައްޔަރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި، މި އެޕާޓްމަންޓަކީ ތަފާތު ކުށްތައްކުރާ ތަނަކަށްވާތީ އެޗްޑީސީއާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރަޖުނީ ވިދާޅުވިއެވެ.