ޣައްޒާގައި ފަސް އަހަރުން ދަށުގެ 8000 ކުދިން ބަނޑުހައިހޫނުކަންމަތީގައި

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)ގެ ވެރިޔާ ޓެޑްރޮސް އަދްނޮމް. ފޮޓޯ/އިންގްލިޝް އަރަބިއާ

އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުންގެންދާ ލާއިންސާނީ ހަމަލާތަކުގެ ސަބަބުން އެ ސަރަހައްދުގައި ފަސް އަހަރުން ދަށުގެ 8000 ކުޑަކުދިން ބަނޑުހައި ހޫނު ކަންމަތީގައި ތިބި ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)ގެ ވެރިޔާ ޓެޑްރޮސް އަދްނޮމް ވިދާޅުވެއްޖެއެވެ.

ރަނގަޅު ކާނާ ނުލިބުމުގެ ސަބަބުން އެ ކުދިން ތިބީ މާލްނިއުޓްރިޝަންގެ ޝިކާރައަކަށް ވެފައި ކަމަށްވެސް ޓެޑްރޮސް ވިދާޅުވިއެވެ. އޭގެތެރެއިން 1600 ކުދިންގެ ހާލަތު ސީރިއަސްއެވެ.

ނަމަވެސް ރައްކާތެރިކަމާއެކު ސިއްހީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ނުކުޅެދުމާއި، ސާފު ފެނާއި ސާފުތާހިރުކަން ނެތުމަކީ، ކާނާ ލިބުން ދަތިވެފައިވާ ކުދިންނަށް ހުރި އިތުރު ނުރައްކާތައް ކަމަށް ޓެޑްރޮސް ވަނީ ވިދާޅުވެފައެވެ.

ޣައްޒާއަށް ފޯރުކޮށްދޭ ކާބޯތަކެތި އިތުރު ކުރި ނަމަވެސް އެ ތަކެއްޗަށް އެންމެ ބޮޑަށް ޖެހިފައިވާ މީހުންނަށް ލިބޭކަން ކަށަވަރު ނުވާ ކަމަށް ޑަބްލިޔުއެޗްއޯއިން ބުނެއެވެ.

ޓެޑްރޯސް ވަނީ ހުޅަނގު އައްސޭރީގައިވެސް ސިއްހީ ދަތިތަކާ ކުރިމަތިވެފައިވާ ކަމަށް ވިދާޅުވެފައެވެ. ހުޅަނގު އައްސޭރީގެ ސިއްހީ ނިޒާމަށް ޓާގެޓްކޮށް މިހާތަނަށް 500 އެއްހާ ސިއްހީ ހިދުމަތްދޭ ތަންތަނަށް ވަނީ ހަމަލާދީފައެވެ.

ހުޅަނގު އައްސޭރީގެ ގިނަ ސަރައްހައްދުތަކުގައި ކްލިނިކްތަކުން ހިދުމަތްދެނީ ހަފުތާއަކު ދެ ދުވަހު ކަމަށާއި، ހޮސްޕިޓަލްތައް ހިންގަމުން އަންނަނީ ގާތްގަޑަކަށް 70 އިންސައްތަ ކެޕޭސިޓީއާ އެކުގައި ކަމަށްވެސް ޓެޑްރޮސް ވިދާޅުވިއެވެ.

ޣައްޒާގެ ވެރިކަންކުރާ ހަމާސް ޖަމާއަތް ނައްތައިލުމަށް ކަމަށްބުނެ މީގެ އަށް މަސް ކުރިން އިސްރާއީލު ފައުޖުތަކުން ޣައްޒާގެ އާންމުންނަށް އަމާޒުކޮށް ދެމުންގެންދާ ލާއިންސާނީ ހަމަލާތަކުގައި މިހާތަނަށް 37،200 މީހުން ޝަހީދުކޮށްލައިފައިވާ ކަމަށް ޣައްޒާގެ ސިއްހީ ވުޒާރާއިން ހާމަކޮށްފައިވެއެވެ.

comment ކޮމެންޓް