ޓެލެތޯން ނިންމާލީ 10 މިލިއަނަށްވުރެ ގިނަ ރުފިޔާއާއެކު، އަދިވެސް ޓްރާންސްފާކުރަން އިތުރު ވަގުތުދެނީ

"ފަލަސްޠީނާއެކު ދިވެހީން"ގެ ނަމުގައި ޕީއެސްއެމްއިން ކުރިއަށްގެންދިޔަ ޓެލެތޯން--- ފޮޓޯ/ ޕީއެސްއެމް ނިއުސް

ފަލަސްތީނުގެ ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީވުމަށް ޕަބްލިކް ސާވިސް މީޑިއާ ޕީއެސްއެމް އިން އިސްނަގައިގެން އެހެން މީޑިޔާތަކާއި ގުޅިގެން ކުރިއަށް ގެންދިޔަ "ފަލަސްޠީނާއެކު ދިވެހީން" ޓެލެތޯން މިރޭ ނިންމައިލި ނަމަވެސް ފައިސާ ޓްރާންސްފާކުރަން އިތުރު ވަގުތު ދީފިއެވެ.

މިއަދު ހެނދުނު 08:30 ގައި ޓެލެތޯން ފަށައި ނިންމައިލީ މިރޭ 00:00 އަށެވެ.

ޓެލެތޯންގައި ފަލަސްތީނަށް އެހީގެ ގޮތުގައި އެކި ފަރާތްތަކުން ވަނީ ޖުމްލަ 10 މިލިއަނަށްވުރެ ރުފިޔާ ހަދިޔާކޮށްފައެވެ. އަދި ޑޮލަރުގެ ގޮތުގައި 31،000 އަށްވުރެ ގިނަ ފައިސާވަނީ ހަދިޔާ ކޮށްފައެވެ.

އެހެން ނަމަވެސް އަދިވެސް ޓްރާންސްފާކުރަން އިތުރު މުއްދަތެއް މާދަމާ އިރުއޮއްސި 06:00 އާ ހަމައަށްވަނީ ދީފައެވެ.

މި ޓެލެތޯނުގައި މާލެ ސިޓީގެ އެކި ސަރަހައްދުގައި 13 ފަންޑު ފޮށްޓެއް ވަނީ ބަހައްޓާފައެވެ. އެ ފޮށިތަކުގައި ހުރި ފައިސާ ގުނުމުގެ މަސައްކަތް ވެސް މިހާރު އަންނަނީ ކުރަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދާއެކު ކުރިއަށްގެންދިޔަ މި ޓެލެތޯން ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި އެ މަނިކުފާނާއި އަނބިކަނބަލުން ސާޖިދާ މުޙަންމަދު ވަނީ ފައިސާގެ އެހީ ދެއްވާފައެވެ.

މި ރަސްމިއްޔާތުގައި އެމަނިކްފާންގެ އަރިހުގައި ވަޒީރުންގެ އިތުރުން ދައުލަތުގެ އިސް ފަރާތްތަކުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

"ފަލަސްޠީނާއެކު ދިވެހީން"ގެ ނަމުގައި ޕީއެސްއެމްއިން ކުރިއަށްގެންދިޔަ ޓެލެތޯން--- ފޮޓޯ/ ޕީއެސްއެމް ނިއުސް

ފައިސާގެ އެހީގެ ގޮތުގައި ގިނަ ކުންފުނިތަކަކުން ވެސް ވަނީ ފައިސާ ހަދިޔާކޮށްފައެވެ. އޭގެ ތެރެއިން ގައުމީ ދިފާއީ ބާރު އެމްއެންޑީއެފް އިން ވަނީ 2.1 މިލިއަން ރުފިޔާ ފަލަސްތީނުގެ ހާލުގައި ޖެހިފައިވާ ކުޑަކުދީންނާއި ރައްޔިތުންނަށް ހަދިޔާ ކޮށްފައެވެ.

ސްޓެލްކޯއިން މި ޓެލެތޯނުގައި ބައި މިލިއަން ރުފިޔާ ހަދިޔާ ކޮށްފައި ވާއިރު ދައުލަތުގެ ގިނަ ވުޒާރާތަކާއި މުއައްސަސާތަކުގެ އިތުރުން ކައުންސިލްތަކާއި އާއިލާތަކުން ވެސް ވަނީ މި ޓެލެތޯނަށް ފައިސާ ހަދިޔާ ކޮށްފައެވެ.

މިގޮތުން "ނޫރާން އާއިލާ"ގެ ފަރާތުން ވަނީ ފަލަސްތީނުގެ ރައްޔިތުންނަށް ބައިލައްކަ ރުފިޔާ ހަދިޔާ ކޮށްފައެވެ.

"ފަލަސްޠީނާއެކު ދިވެހީން"ގެ ނަމުގައި ޕީއެސްއެމްއިން ކުރިއަށްގެންދިޔަ ޓެލެތޯން--- ފޮޓޯ/ ޕީއެސްއެމް ނިއުސް

ޣައްޒާގައި ޔަހޫދީ ފައުޖުން ކުރިއަށްގެންދާ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 37,164 އަށް އަރައިފައެވެ. އޭގެ ތެރޭގައި 25,000އެއްހާ އަންހެނުންނާއި މައުސޫމު ކުޑަކުދިން ހިމެނެއެވެ.

ޔަހޫދީ ފައުޖުން ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައިވާ ޢިމާރާތްތަކުގެ ދަށުގައި 10,000 އެއްހާ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމަށް ބެލެވޭއިރު ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 84,832 އަށް އުފުލިފައެވެ. އދ އިން ބުނެފައި ވަނީ ޣައްޒާގައި ކާބޯތަކެއްޗަށް ޖެހިފައިވާ މީހުންގެ އަދަދުވެސް މިލިޔަނަކަށް އުފުލިފައިވާ ކަމުގައެވެ.

comment ކޮމެންޓް