މަސްވެރިންގެ މުޒާހަރާ މާލޭ ބޭރުމައްޗަށް

މަސްވެރިންގެ މުޒާހަރާ މާލޭ ބޭރުމަތީގައި: މަސްވެރިންގެ އަަތުން މަސް ގަތުމަށް ފަހު، ފައިސާ ނުދީ ގިނަ ދުވަސްވާތީ މަސް ދޯނިތަކެއް މާލެ ފަޅު ކައިރީގައި މުޒާހަރާ ކުރަނީ -- ފޮޓޯ/ އެކްސް

މަސްވެރިންގެ އަަތުން މަސް ގަތުމަށް ފަހު، ފައިސާ ނުދީ ގިނަ ދުވަސްވާތީ މަސް ދޯނިތަކެއް މާލެ ފަޅު ކައިރީގައި މުޒާހަރާ ކުރަން ފަށައިފިއެވެ.

މާލެ ސަރަހައްދުގައި މިއަދު މުޒާހަރާ އިންތިޒާމުކޮށް ފެށީ، ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުންނެވެ. ހުޅުމާލޭ ކަންނެލި ޖެޓީ ސަރަހައްދުގައި ފުރަތަމަ މުޒާހަރާ ކުރުމަށް ފަހު، އޮޑިތައް މާލެއަށް މިސްރާބު ޖަހައި މާލޭ ފަޅު ކައިރިއަށް ޖަމާވިއެވެ.

ނަމަވެސް އެ އޮޑިތައް ފަޅަށް ވަނުން މެރިން ޕޮލިސްއާއި ކޯސްޓްގާޑުން ވަނީ ހުއްޓުވައިފައެވެ. އެހެންވެ، މިހާރު މަސްވެރިން މުޒާހަރާ ކުރަމުން އަންނަނީ މާލެ ބޭރުމަތީގައި ތިބެއެވެ.

އެ އިހުތިޖާޖުގެ ބައިވެރިން އަންނަނީ، ކަންނެލި މަސްވެރިކަން ކުރުމަށް ލޭނު އަޅަން ހުއްދަ ދޫކުރުމާ ދެކޮޅު ކަމަށް ބުނަމުންނެވެ. އަދި ސަރުކާރުން ވެފައިވާ ވައުދާ އެއްގޮތަށް މިފްކޯއިން ބޮޑުކަންނެލި ގަންނަން ފެށުމަށާއި މަސްވެރިންނަށް ނުދީ ހުރި ފައިސާ ދިނުމަށް އިހުތިޖާޖުގައި އަންނަނީ ގޮވާލަމުންދެއެވެ.

އެ ޖަމިއްޔާއިން މިދިޔަ ހަފުތާގައި ނެރުނު ބަޔާނެެއްގައި ވަނީ ބޮޑު ކަންނެލީގެ މަސްވެރިކަން ކުރުމަށް ލޭނުއެޅުން ހުއްދަކުރުމަކީ އެ ޖަމިއްޔާއިން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ.

މަސްވެރިންގެ މުޒާހަރާ މާލޭ ބޭރުމަތީގައި: މަސްވެރިންގެ އަަތުން މަސް ގަތުމަށް ފަހު، ފައިސާ ނުދީ ގިނަ ދުވަސްވާތީ މަސް ދޯނިތަކެއް މާލެ ފަޅު ކައިރީގައި މުޒާހަރާ ކުރަނީ -- ފޮޓޯ/ އެކްސް

އެ ޖަމިއްޔާއިން ވަނީ ބޮޑުކަންނެލި މަސްވެރިކަމުގެ ސިނާއަތް ސަލާމަތްކުރުމުގައި ސަރުކާރުގެ ޒިންމާ ވަރަށް ބޮޑުކަން ފާހަގަކޮށްފައެވެ.

މިއަދު ގދ. މަޑަވެލީގައި ވެސް މަސްވެރިން މުޒާހަރާކުރިއެވެ. އެ މުޒާހަރާގެ ބައިވެރިންނާ ފިޝަރީޒް މިނިސްޓަރު އަޙުމަދު ޝިޔާމް ގުޅުއްވައި މަސްވެރިންގެ ކަންބޮޑުވުންތައް އެއްސެވި ކަމަށް ކައުންސިލުން ބުންޏެވެ.

އެ ފޯންކޯލުގައި، މަސްވެރިންގެ ކަންބޮޑުވުންތައް މިނިސްޓަރާ ހިއްސާކުރި ކަމަށާއި އެ މައްސަލަތައް ހައްލުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި ކަމަށް ކައުންސިލުން ބުންޏެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ދިވެހި މަސްވެރިން ބާނާ މަހަށް 80 މިލިއަން ރުފިޔާ ނުދެވި އެބަހުރި ކަމަށާއި އެފައިސާ ދިނުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން އިއްޔެ ވަނީ ބުނެފައެވެ.

މިފްކޯއިން އިއްޔެ "ސަން"އަށް ބުނީ، މިހާރު މަސްވެރިންނަށް ނުދެވި ހުރި ފައިސާގެ ތެރެއިން ޕޭމަންޓެއް މިއަދު ނުވަތަ މާދަމާ މަސްވެރިންނަށް ފޮނުވާނެ ކަމަށެވެ.

comment ކޮމެންޓް