ހަނގުރާމަ ހުއްޓުވުމާ ގުޅޭ އދގެ ގަރާރަށް މަރުހަބާ ކިޔައިފި

ޣައްޒާ ހަނގުރާމަ ހުއްޓުވުމަށް އދ ން ހުށަހެޅި ގަރާރަށް ހަމާސްއިން ވަނީ މަރުހަބާ ކިޔައިފައި. ފޮޓޯ/އަލް ޖަޒީރާ

ފަލަސްތީނުގެ ޣައްޒާގައި އިސްރާއީލުން ހިންގަމުން ގެންދާ ލާއިންސާނީ ޖަރީމާތައް ނިމުމަކަށް ގެނެސް ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް ގޮވައިލައި އދގެ ސަލާމަތީ މަޖިލީހުން ފާސްކުރި ގަރާރަށް ޣައްޒާގެ ވެރިކަންކުރާ ހަމާސް ޖަމާއަތުން މަރުހަބާ ކިޔައިފިއެވެ.

ސަލާމަތީ މަޖިލީހުން ފާސްކޮށްފައިވާ ގަރާރަކީ ހަނގުރާމަ ހުއްޓުވުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ހުށަހަޅުއްވައިފައިވާ ހުށަހެޅުމަށް އަމަލުކުރުމަށް ގޮވައިލައި ގަރާރެކެވެ.

އެކަމާ ގުޅޭ ގޮތުން ހަމާސްގެ އިސް އޮފިޝަލެއް ކަމުގައިވާ ސާމީ އަބޫ ޛުހްރީ ވިދާޅުވީ, ބައިޑަންގެ ހުށަހެޅުމުގައިވާ ކަންކަމުގެ ތަފްސީލުތައް ފުރިހަމަ ކުރަން ބާއްވާ މަޝްވަރާތަކުގައި ބައިވެރިވާން އެ ޖަމާއަތުން ތައްޔާރަށް އޮތް ކަމުގައެވެ. އަދި, ހުށަހެޅުމުގެ ދަށުން އެކުލަވައިލެވޭ އެއްބަސްވުމަކަށް އިސްރާއީލު އަމަލު ކުރާ ކަން އެމެރިކާއިން ކަށަވަރު ކުރުމަކީ އެމެރިކާގެ ކޮނޑުގައި އެޅިފައި އޮތް ޒިންމާއެއް ކަމަށްވެސް ޛުހްރީ ވިދާޅުވިއެވެ.

ހަމާސްއިން އެގޮތަށް ބުނެފައި ވަނީ ހަނގުރާމަ ފެށިފަހުން އެމެރިކާގެ ހާރިޖީ ވަޒީރު އެންތޮނީ ބްލިންކެން މެދުއިރުމައްޗަށް ކުރައްވާ 8 ވަނަ ދަތުރުފުޅު ފައްޓައިވައިފައިވަނިކޮށެވެ. ހަމާސް އިން އދގެ ގަރާރަށް ތާއީދުކުރުމަކީ އުންމީދީ ޖަވާބެއް ކަމަށް ބްލިންކެން ވަނީ ވިދާޅުވެފައެވެ.

ހަނގުރާމަ ހުއްޓުވުމަށް އެމެރިކާއިން ހުށަހެޅި ހުށަހެޅުމަކީ ތިން މަރުހަލާއެއްގެ މައްޗަށް އެކުލެވޭ ހުށަހެޅުމެކެވެ. ފުރަތަމަ މަރުހަލާގައި ހިމެނެނީ ޣައްޒާއަށް ދެމުންގެންދާ ހަމަލާތައް ހަ ހަފުތާގެ މުއްދަތަކަށް މެދުކަނޑައިލުމަށެވެ. އަދި ރަހީނުކޮށްފައިތިބި މީހުން މިނިވަން ކުރުމެވެ. ދެވަނަ މަރުހަލާގައި ހަނގުރާމަ ނިމުމަކަށް ގެނައުމަށް ހުށަހަޅައިފައިވާއިރު، ތިން ވަނަ މަރުހަލާގައި ޣައްޒާ އަލުން އާބާދުކުރާނެއެވެ.

މީގެ އަށް މަސް ކުރިން ޣައްޒާގައި އިސްރާއީލުން ފެށި އުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 37,124އަށް އުފުލިފައެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި މައުސޫމު ކުޑަކުދިންނެވެ. ހަމަލާތަކުގައި ޒަހަމު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 84,712 އަށް އުފުލިފައެވެ. އދއިން ހާމަކޮށްފައިވާ ގޮތުގައި ޣައްޒާގައި ބަނޑުހައިހޫނުކަން ކުރިމަތިވެފައިވާ މީހުންގެ އަދަދު ވަނީ މިލިޔަނަކަށް އުފުލިފައެވެ.

comment ކޮމެންޓް