މަސްވެރިންނަށް ނުދެވި ހުރި ފައިސާ 80 މިލިއަން ރުފިޔާއަށް

މަސްވެރިކަން ކުރާ ދޯންޏެއް: މަސްވެރިންނަށް ނުދެވި ހުރީ 80 މިލިއަން ރުފިޔާ ކަމަށް މިފްކޯއިން ބުނޭ -- ސަން ފައިލް ފޮޓޯ

ދިވެހި މަސްވެރިން ބާނާ މަހަށް 80 މިލިއަން ރުފިޔާ ނުދެވި އެބަހުރި ކަމަށް ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން މިއަދު ބުނެފިއެވެ.

މިފްކޯއިން "ސަން"އަށް ބުނީ، މިހާރު މަސްވެރިންނަށް ނުދެވި ހުރި ފައިސާގެ ތެރެއިން ޕޭމަންޓެއް މާދަމާ ނުވަތަ އޭގެ އަނެއް ދުވަހު މަސްވެރިންނަށް ފޮނުވާނެ ކަމަށެވެ.

އެންމެ ފަހުން މިދިޔަ މަސްތެރޭގައި މަސްވެރިންނަށް ދޫކުރީ އޭޕްރީލް މަހުގެ ފައިސާ ކަމަށާއި މިހާރު ނުދީ ހުރީ ނިމިދިޔަ މެއި މަހާއި މި މަހުގެ ފައިސާ ކަމަށް އެ ކުންފުނިން ބުންޏެވެ.

މަސް ވެރިޔަކު މަސްމާރުކޭޓައް މަސްތަކެއް ގެންދަނީ: މަސްވެރިންނަށް ނުދެވި ހުރީ 80 މިލިއަން ރުފިޔާ ކަމަށް މިފްކޯއިން ބުނޭ --ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ފާހަގަކޮށްލެވޭ ގޮތުގައި، މަސްވެރިން ކިރުވާ މަހަށްވާ ފައިސާ ނުލިބި ގިނަ ދުވަސްވުމުން ދޭތެރެއަކުން އެކަމާ ގުޅުވައި މަސްވެރިން ކަންބޮޑުވުން ފާޅުކުރެއެވެ. މި ދުވަސްވަރު ވެސް ވަނީ އެފަރާތްތަކުން ބާނާ މަހަށް ފައިސާ ނުލިބޭކަމުގެ ޝަކުވާ ގިނަވެފައެވެ.

މި އަހަރުގެ ކުރީކޮޅު ވެސް މަސްވެރިންނަށް ގަވާއިދުން ފައިސާ ނުލިބޭތާ ގިނަ ދުވަސްވެގެން މުޒާހަރާ ކުރިއެވެ. އެ މުޒާހަރާތައް ހުއްޓާލީ މަސްވެރިންނަށް ފައިސާ ދޫކުރަން ފެށުމުންނެވެ.

މި ސަރުކާރުން ވެރިކަމާ ހަވާލުވީ، މަސްވެރިންނަށް ފައިސާލިބުމުގެ ދަތިކަން ހައްލުކޮށްދޭނެކަމުގެ ޔަގީންކަމާ އެކުއެވެ. އެގޮތުން، މަސްކިރުމާ އެކު ވަގުތުން މަސްވެރިންނަށް ފައިސާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުން ކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް