ވަޒީފާއަށްވުރެ ޕައިލެޓުން ގިނަ، މި ފަހަރު ޕައިލެޓުކަން ކިޔަވަން ދޫކުރީ 10 ލޯނު

ޕައިލެޓުން މަސައްކަތުގައި: ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މި އަހަރު ޕައިލެޓުކަން ކިޔަވަން ސްޓޫޑެންޓް ލޯނު ދިނީ 10 ކުދިންނަށް -- ސަން ފޮޓޯ

ވަޒީފާ ނުއުފެދޭތީ މި އަހަރު މަތީ ތައުލީމަށް ލޯނު ދޫކުރީއިރު ޕައިލެޓުކަން ކިޔަވަން ފުރުސަތު ދިނީ އެންމެ 10 ދަރިވަރުންނަށް ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފިއެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ މިއަދު ވިދާޅުވީ، ޕައިލެޓުކަން ކިޔަވަން ބޭނުންވާ ކުދިންނަށް ލޯނުގެ ފުރުސަތު ދޭ މިންވަރު ގިނަ ކަމަށް ބުނެ މިނިސްޓްރީއަށް ވަރަށް ގިނައިން ޝަކުވާ ހުށަހަޅާފައިވާ ކަމަށެވެ.

އެހެންވެ، މި އަހަރު މަތީ ތައުލީމަށް ލޯނު ދޫކުރީއިރު ޕައިލެޓުކަން ކިޔަވަން ދޫކޮށްފައިވަނީ އެންމެ 10 ފުރުސަތެވެ. އެއީ، އެ ދާއިރާއިން ވަޒީފާ އުފެދޭ މިންވަރު މަދުވުމުގެ ސަބަބުން މިހާރު ވެސް އެތައް ބަޔަކަށް ވަޒީފާ ނުލިބޭކަމުގެ ޝަކުވާ ބޮޑުވެފައިވާތީއެވެ. އެ 10 ކުދިންނަށް ވެސް ކިޔަވަން ފުރުސަތު ދިނީ އައްޑޫ ސިޓީ ގަމުގައި ހުންނަ ރާއްޖޭގެ ފްލައިން ސްކޫލުންނެވެ.

މިނިސްޓަރު ވިދާޅުވީ ޕައިލެޓުކަން ކިޔަވަން އެދި ޝަރުތުހަމަވާ 148 ދަރިވަރުން ހުށަހެޅި ކަމަށެވެ.

އެކަމަކު، މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި މިހާރު ވެސް ރާއްޖޭގައި ޕައިލެޓު ލައިސެންސް ނަގައިގެން ވަޒީފާއެއް ނުލިބި 500 އެއްހާ ކުދިން އެބަތިބި ކަމަށެވެ.

އެހެންވެ، ސަރުކާރުން ވަނީ ޕައިލެޓުކަން ކިޔަވާ ކުދިންނަށް ލޯނު ދޫކުރާ މިންވަރު މަދުކޮށް، އެހެން ދާއިރާތަކުން ކިޔަވަން ބޭނުންވާ ކުދިންނަށް ލޯނުގެ ފުރުސަތުތައް އިތުރުކޮށްފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިދިޔަ އަހަރު ވެސް ޕައިލެޓުކަން ކިޔަވަން ދޫކޮށްފައިވަނީ 60 ފުރުސަތެވެ.

މިހާރު ވެސް ޕައިލެޓު ލައިސަންސް ނަގައިގެން ތިބި ކުދިންނަށް ސީދާ ޕައިލެޓެއްގެ ގޮތުގައި ވަޒީފާ ނުލިބުނު ނަމަވެސް އޭވިއޭޝަން ދާއިރާގެ އެހެން ވަޒީފާތަކުގައި މަސައްކަތްކުރުން މުހިންމު ކަމަށް މިނިސްޓަރު މާރިޔާ ފާހަގަކުރެއްވިއެވެ.

މަތީ ތައުލީމުގެ ލޯނަށް އެދި މި އަހަރު 1،153 މީހުން ކުރިމަތިލިއެވެ. އޭގެ ތެރެއިން ޝަރުތުހަމަވީ، 1،015 މީހުންނެވެ. ޝަރުތު ހަމަވި އެންމެންނަށް ލޯނު ދޫކުރަން ވަނީ ނިންމައިފައެވެ.

comment ކޮމެންޓް