ކ. ހިންމަފުށީގައި 200 ކޮޓަރީގެ ގެސްޓްހައުސްއެއް ހަދައި ހިންގާނެ ފަރާތަކަށް ކުއްޔަށް ބިމެއް ދޫކުރުމަށް އެ ރަށު ކައުންސިލުން އިއުލާންކޮށްފިއެވެ.
ހިންމަފުށީ ކައުންސިލުން ކުރި އިއުލާނެއްގައި ވަނީ، ގެސްޓްހައުސް އަޅަން ބިން ދޫކުރަނީ އެރަށު ފުޓްބޯޅަ ދަނޑުން ކަމަށެވެ. އެއީ 5،210 އަކަފޫޓުގެ ބިމަކަށް ވާއިރު ބިން ކުއްޔަށް ދޫކުރުމަށް ނިންމާފައި ވަނީ 50 އަހަރުގެ މުއްދަތަށް ކަމަށް އެ ރަށު ކައުންސިލުން ބުނެއެވެ.
އެ ބިމުގައި އަމިއްލަ ޚަރަދުގައި ގެސްޓުހައުސެއް އިމާރާތްކޮށް، އެތަން ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމަށް މިހާރު ހިންމަފުށީ ކައުންސިލުން ވަނީ ހުޅުވާލާފައެވެ. އިއުލާނުގައި ވާ ގޮތުން، އެ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 15ވަނަ ދުވަހުގެ 13:00 އަށެވެ.
މިގޮތުން، ޕްރޮޕޯސަލް ހުށަހެޅޭނީ ދިވެހިންނަށް ނުވަތަ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ޕާޓްނާޝިޕަކަށް ނުވަތަ ކުންފުންޏަކަށެވެ. ނަމަވެސް، އެއިން ތަނެއްގައި ބިދޭސީއެއްގެ ހިއްސާ އޮވެގެން ނުވާނެކަމަށް އިއުލާނުގައި ބުނެފައިވެއެވެ.
މީގެއިތުރުން، މި މަހުގެ 24އިން ފެށިގެން އަންނަ ޖުލައި މަހުގެ އެއްވަނަ ދުވަހާ ހަމައަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00އިން 12:30 އަށް އެރަށު ކައުންސިލް އިދާރާއިން ބިޑް ޑޮކިއުމަންޓް ވިއްކާނެއެވެ. ބިޑް ޑޮކިއުމަންޓެއްގެ އަގަކީ 25،000 ރުފިޔާއެވެ.
އިއުލާނުގައި ބުނެފައިވާ ގޮތުން، ޕްރީ ބިޑް ބައްދަލުވުން އޮންނާނީ ޖުލައި މަހުގެ ތިން ވަނަ ދުވަހުގެ 13:00ގައި އެރަށު ކައުންސިލް އިދާރާގައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ހިންމަފުއްޓަކީ ފަތުރުވެރިކަމުގެ ވިޔަފާރި ކުރިއަރަމުން އަންނަ، ފަތުރުވެރިންގެ މެދުގައި މަގުބޫލު ރަށެކެވެ. މިގޮތުން، އެރަށުގައި މިހާރު ވެސް 17 ގެސްޓު ހައުސް ހިންގައެވެ.