ބޮޑު ޢީދަށް ކުލަ ބޮކިތަކުން މާލެ ދިއްލުމުގެ މަސައްކަތް ފަށައިފި

ބޮޑު އީދަށް ތައްޔާރު ވުމަށް މާލޭ ސިޓީ ކައުންސިލުން އީދު ލައިޓު ހަރުކުރަނީ -- ފޮޓޯ/ މާލޭ ސިޓީ ކައުނސިލް

ކުރިއަށް އޮތް ބޮޑު ޢީދަށް ތައްޔާރުވުމުގެ ގޮތުން މާލޭ ސިޓީ ކައުންސިލުން މާލޭގެ އެކި ސަރަހައްދުތަކުގައި ޢީދު ލައިޓު ހަރުކުރުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.

މާލޭ ސިޓީ ކައުންސިލުން މިއަދު ބުނީ، މި އަހަރު ބޮޑު ޢީދުގައި ވެސް ކުޑަ ޢީދެކޭ އެއްގޮތަށް ގްރޭޓާ މާލޭ އޭރިއާގައި ވެސް ޢީދަށް ލައިޓުތައް ހަރުކުރާނެ ކަމަށެވެ.

މިދިޔަ ކުޑަ ޢީދުގައި ވެސް މާލެ ސަރަހައްދާއި އަތޮޅުތަކުގެ ވެރިކަންކުރާ ރަށްތައް ކުލަ ބޮކިތަކުން ވަނީ ދިއްލާލައިފައެވެ.

މަޖީދީ މަގުގައި މީގެ ކުރިން ސިޓީ ކައުންސިލުން ޒީނަތްތެރިކޮށްފައި -- ސަން ފޮޓޯ/ މާހިލް އާތިފް

ސަރުކާރުން ވަނީ މި އަހަރުގެ ކުޑަ ޢީދު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަރަށް ކުލަގަދަކޮށް ފާހަގަކުރަން ނިންމާފައެވެ. އެގޮތުން، އިސްލާމީވަންތަކަން ދައްކުވައިދޭ ގިޑިގެތަކާއި ލައިޓްތައް ހަރުކުރުމުގެ އިތުރުން ތަކުބީރު އިއްވުމަށް ނިންމާފައިވާ ކަމަށް ސަރުކާރުން މީގެ ކުރިން ވަނީ ބުނެފައެވެ.

ސަރުކާރުން ވަނީ މި އަހަރުގެ ބޮޑު ޢީދު ގައުމީ ފެންވަރެއްގައި ތިން ރަށެއްގައި ފާހަގަކުރަން ވެސް ނިންމައިފައެވެ. އެ ރަށްތަކުގައި ޢީދު ފާހަގަކުރާނީ ސަރުކާރާ ގުޅިގެންނެވެ. އެއީ،

  • ރ. އުނގޫފާރު
  • ދ. ކުޑަހުވަދޫ
  • ގއ. ވިލިނގިލި

ކުލަގަދަކޮށް ޢީދު ފާހަގަކުރުމަކީ ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެކެވެ.

ރިޔާސީ އިންތިޚާބު ކާމިޔާބުވުމާ ގުޅިގެން އެކަން ފާހަގަކުރަން ބޭއްވި ރަސްމިއްޔާތުގައި ރައީސް ވަނީ މިދިޔަ އަހަރުގެ އަޟްހާ ޢީދާ ދިމާކޮށް މާލޭގެ މަގުތައް ކުލަބޮކިތަކުން ޒީނަތްތެރިކުރުމާ އެކު، އިސްލާމީވަންތަކަން ދިރުވައި އާލަކުރަން ކޮންމެ ބަޔަކު ވެސް ބޭނުންވާކަން ހާމަވި ކަމަށް ވިދާޅުވެފައެވެ.

ރާއްޖޭގެ ހުރިހާ ސިޓީއަކާއި އަތޮޅުގެ ވެރިކަން ކުރާ ރަށެއްގައި ސަރުކާރުގެ ކެރިފޯރުންތެރިކަން ހުރި މިންވަރަކުން ކުލަގަދަކޮށް ޢީދު ފާހަގަކުރައްވާނެ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

comment ކޮމެންޓް