ސައުދީ ސަފީރު ވެސް ދީމާއަށް މަރުހަބާ ވިދާޅުވެ، އަގުވަޒަން ކުރައްވައިފި

ދީމާ ސައުދީ ސަފީރާއެކު: ސައުދީ ސަފީރު ވަނީ ދީމާއަށް މަރުހަބާ ވިދާޅުވެ، ކާމިޔާބީގެ އަގު ވަޒަން ކުރައްވާފައި -- ފޮޓޯ/ ސައުދީ އެމްބަސީ

ސައުދީ އަރަބިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މަތުރިކް އަބްދުﷲ އަލް އަޖަލިން އަލްދުސާރީ، ދިވެހި ޓޭބަލް ޓެނިސް ތަރި ފާތިމަތު ދީމާ ޢަލީގެ ކާމިޔާބީގެ އަގުވަޒަން ކުރައްވައިފިއެވެ.

ސައުދީން ރާއްޖެއަށް ޚާއްސަކޮށްފައި ހުންނަ އެމްބަސީން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، އޮލިމްޕިކްސްއަށް ކޮލިފައިވުމުގެ ޝަރަފު ރާއްޖޭން ފުރަތަމަ ފަހަރަށް ހޯދި ދީމާއަށް ސަފީރު މަރުހަބާ ވިދާޅުވެ އެ ކާމިޔާބު ފާހަގަކުރައްވާފައިވާ ކަމަށެވެ.

އެ ބައްދަލުވުމުގައި ސަފީރު ވަނީ، ދީމާއަށް މަރުހަބާގެ މެސެޖެއް ލިޔެފައިވާ ފިލައެއް ދެއްވައިފައެވެ.

އެ އެމްބަސީން ކުރި އިތުރު ޕޯސްޓެއްގައިވަނީ، ސައުދީ އެމްބަސީން ދިވެހި ޓޭބަލް ޓެނިސް އެސޯސިއޭޝަނާ ގުޅިގެން، އެކި އަތޮޅުތަކުގައި ޓްރެއިނިން ޕްރޮގްރާމްތައް ފަށަން އެހީ ފޯރިކޮށްދޭނެ ކަމަށެވެ. އެ ޕްރޮގްރާމްތައް ފަށާނީ އައްޑުއާއި ފުވައްމުލަކުން ކަމަށް އެމްބަސީން ބުންޏެވެ.

މިދިޔަ މަހުގެ 15ގައި ދީމާ އޮލިމްޕިކްސްއަށް ކޮލިފައިވީ ނޭޕާލުގައި ބޭއްވި ސައުތު އޭޝިއާ ރީޖަންގެ ކޮލިފިކޭޝަން ޓޯނަމެންޓްގައި ސިންގަލްސްއިން ޗެމްޕިއަންކަން ހޯދައިގެންނެވެ.

އެ މުބާރާތަށް ފަހު ރާއްޖެ އައުމުން، ޚާއްޞަ ރަސްމިއްޔާތަކާއެކު މާލެއިން ދީމާއަށް ހޫނު މަރުހަބާއެއް ކިޔައިފައިވެއެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެސް ވަނީ ދީމާއަށް ހިތްވަރުދެއްވައި އޮލިމްޕިކްސްގައި ދީމާއަށް ދެވެން އޮތް ހުރިހާ އެހީތެރިކަމެއް ސަރުކާރުން ދޭނެ ކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް