ފުޑްކޯޓު ކައިރި ހުރި ބައްތިތައް ނުދިއްލޭތީ ބެލިއިރު، ކޭބަލްތައް ވަގަށް ނަގާފައި

ފުޑްކޯޓު ކައިރިން ލައިޓުތަކުގެ ކޭބަލްތައް ވަނީ ވަގަށް ގެންގޮސްފައި--

މާލޭ ފުޑް ކޯޓު ކައިރި ޖަހާފައި ހުރި ބައްތިތަކުގެ ކޭބަލްތައް ރޭ ވަގަށް ނަގައިފިއެވެ.

ސިޓީ ކައުންސިލުން މިއަދު ބުނީ، އިއްޒުއްދީން މަގު ފުޑް ކޯޓު ކައިރީ ރިންގް ރޯޑުގައި ޖަހާފައި ހުރި ބައްތިތަކުގެ ކޭބަލްތައް ވަގަށް ނަގައިގެން ގެންގޮސްފައިވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ.

އެ ކައުންސިލުގެ މީޑިއާ އޮފިޝަލަކު މިއަދު 'ސަން'އަށް ވިދާޅުވީ، ރޭ ބައްތިތައް ނުދިއްލިގެން ބެލިއިރު ކޭބަލްތައް ކަނޑާލައިގެން ވަގަށް ގެންގޮސްފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ، ވަގަށް ގެންގޮސްފައިވަނީ އެ ސަރަހައްދުގައި ހަދަން ފަށައިފައި ހުރި އިމާރާތެއްގެ ބިއްގަނޑުގެ އެތެރެއަށް ވަދެގެން ކަމަށެވެ. ވަގަށް ކޭބަލްތައް ގެންގޮސްފައިވަނީ އެ އިމާރާތުގެ ތެރެއިން ބޭރަށް ނުފެންނަ ގޮތަށް ފޮރުވިފައި ހުރުމުންކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

ސިޓީ ކައުންސިލުން މިހާރު އަންނަނީ އަލުން ކޭބަލް ގުޅައި ލައިޓުތައް ދިއްލުމުގެ މަސައްކަތް ކުރަމުންނެވެ. އެ މަސައްކަތް ނިންމާ ބައްތިތައް މިއަދު ދިއްލާނެ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މީގެ އިތުރުން، ރޭ ސިނަމާލޭ ތިނެއްގެ ފެން މޯޓަރުގެ ކޭބަލް ވެސް ބުރިކޮށްލައިގެން ވަގަށް ނަގާފައިވެއެވެ.

މި ކަމުގެ ސަބަބުން އެތާ ދިރިއުޅޭ ރައްޔިތުންނަށް ގިނަ ދަތިތަކަކާ ދިމާވެފައިވާ ކަމަށް ސިޓީ ކައުންސިލުން ބުނެފައިވެއެވެ. އެކަމަކު، އެ މައްސަލަ މިހާރު ހައްލުކުރެވިފައިވާކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

ސިޓީ ކައުންސިލުން ވަނީ ދެ ވައްކަމުގެ މައްސަލަ ވެސް ފުލުހަށް ހުށަހަޅައިފައެވެ.

comment ކޮމެންޓް