ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ ކާސްޓުންނާ އެކު އުފައްދާފައިވާ ޝޯ "ޔާރާ"ގެ މަގުބޫލުކަމާ އެކު ތިންވަނަ ސީޒަން ވެސް ދައްކާ ނިންމާލައިފިއެވެ.
ބައިސްކޯފުން ގެނެސްދޭ މި ރޮމޭންޓިކް ކޮމެޑީ ސީރީޒް "ޔާރާ"ގެ ދެވަނަ ސީޒަން ދައްކާ ނިންމާލާފައިވަނީ މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. އެއަށް ފަހު ޝޯގެ ތިންވަނަ ސީޒަން ފެށީ މާޗު މަހުގެ ތެރޭގައެވެ. ކޮންމެ ހަފުތާއެއްގައި ވެސް އެޕިސޯޑެއް ގެނެސްދެމުން ގޮސް އެންމެ ފަހުން ޝޯގެ ސީޒަން ތިނެއްގެ ފިނާލޭ ދައްކާފައިވަނީ މިދިޔަ ހުކުރުދުވަހުގެ ރެއެވެ.
ސީޒަން ތިނެއް ނިމިގެން ދިޔައީ ލޯބީގެ އެކި ވާހަކަތައް ކިޔައިދިނުމަށް ފަހުގައެވެ. އޭގެ އިތުރުން ވެސް މި ސީޒަންގައި ބޮޑު ސަމާލުކަމެއް ކެރެކްޓަރުންގެ އަމިއްލަ ނަފުސު ހޯދުމާއި އެކަމުގެ މުހިއްމު ކަމަށް އަލިއަޅުވާލާފައިވެއެވެ.
ޔާރާގެ ތިންވަނަ ސީޒަންގައި 12 އެޕިސޯޑު ވަނީ ދައްކާފައެވެ. މި ޝޯގެ އެންމެ ދިގު ސީޒަނަކީ ސީޒަން ދެއެކެވެ. މި ސީޒަންގައި 14 އެޕިސޯޑު ދައްކާފައިވާއިރު ފުރަތަމަ ސީޒަންގައި ވެސް ދައްކާފައިވަނީ 12 އެޕިސޯޑެވެ.
ބަތަލާ އައިޝަތު ރިޝްމީ ޑައިރެކްޓްކޮށް ލީޑުން ފެނިގެންދާ މި ޝޯގެ ފުރަތަމަ ސީޒަން ދައްކަން ފަށާފައިވަނީ 2022 ވަނަ އަހަރުގައެވެ. އެއަށް ފަހު ދެވަނަ ސީޒަން ދައްކަން ފެށީ މިދިޔަ އަހަރު ފަހުކޮޅުގައެވެ.
މި ޝޯގެ ތިން ސީޒަނުގައި ގާތްގަނޑަކަށް 90 އެއްހާ ތަރީން ވަނީ ހަރަކާތްތެރިވެފައެވެ. އޭގެ ތެރޭގައި ލީޑް ކާސްޓުންގެ ގޮތުގައި 26 ތަރީން ހިމެނެއެވެ.
"ޔާރާ" ފިލްމުގެ މަސައްކަތުގެ ފަހަތުގައި އޮތީ ބައިސްކޯފުން މީގެ ކުރިން ގެނެސްދިން ވެބް ސީރީޒް "އެހެނަސް"ގެ ޓީމެވެ. "އެހެނަސް" ލިޔުނު އަހްމަދު އިގްބާލް (އައިކިއު) ލިޔުނު މި ސީރީޒް ޑައިރެކްޓުކުރީ އޭނާއާ އެކު ރިޝްމީއާއި ރަވީ ފަރޫގެވެ.