މި އަހަރުގެ ޙައްޖު ދުވަހު އަރަފާތު ބިން އާދަޔާ ޚިލާފަށް ހޫނު ގަދަވާނެ!

އަރަފާތު ބިމުގައި ހޫނު ގަދަކަމުން ހައްޖުވެރިއަކު ބޮލަށް ފެންއަޅަނީ (ފައިލް ފޮޓޯ)

ރިޔާޒް (8 ޖޫން 2024) : މި އަހަރުގެ ޙައްޖު ދުވަހު އަރަފާތު ސަރަހައްދު އާދަޔާ ޚިލާފަށް ހޫނު ގަދަވާނެކަމަށް މޫސުމާބެހޭ ސައޫދީ އިދާރާ "ނެޝަނަލް ސެންޓާ ފޯ މިޓިއޮރޮލޮޖީ" ން ބުނެފިއެވެ.

އެ އިދާރާއިން ނެރުނު މޫސުން ލަފާކުރުންތަކާބެހޭ ރިޕޯޓެއްގައި ވާގޮތުން މި މަހުގެ 14،15،16 މި ދުވަސްތަކުގައި އަރަފާތާއި މުޒްދަލިފާ އަދި މިނާގެ ސަރަހައްދުތަކުގެ ދުވާލު މެންދުރުގެ ވަގުތުތަކުގައި ފިނި ހޫނުމިން ހުންނާނެކަމަށް ބެލެވެނީ 46 ޑިގްރީ ސެލްސިއަސް އާއި 47 ޑިގްރީ ސެލްސިއަސް އާ ދެމެދުގެ މިންވަރެއްގައެވެ. ފަަހަރެއްގައި 48 ޑިގްރީ އަށްވެސް ހޫނުމިން މައްޗަށް ދިޔުމަކީ އެކަށީގެންވާ ކަމެއްކަމަށް ސައޫދީގެ "ނެޝަނަލް ސެންޓާ ފޯ މިޓިއޮރޮލޮޖީ" ބުނެއެވެ.

މިއީ ސައޫދީއަށް ހޫނު މޫސުމެވެ. އެހެންކަމުން އޮގަސްޓް މަސް ނިމެންދެން ސައޫދީއަށް ޚާއްސަކޮށް ސައޫދީގެ އުތުރާއި މެދުތެރޭގެ ސަރަހައްދުތަކުގެ ފިނި ހޫނުމިން ދުވާލުގެ ގަޑިތަކުގައި ހުންނާނީ 40 އާއި 48 ޑިގްރީ ސެލްސިއަސް އާ ދެމެދުގައެވެ. ހޫނު މޫސުމުގައި އެވްރެޖްކޮށް ދުވާލުގެ ވަގުތުތަކުގައި ހުންނަ ހޫނުމިނަކީ 42 އަދި 43 ޑިގްރީ ސެލްސިއަސްއެވެ. ނަމަވެސް ރޭގަނޑު ފިނިހޫނުމިން އާދައިގެ ވަރަކަށް (30 ޑިގްރީ ސެލްސިއަސްއަށް) ދަށަށްދާނެއެވެ.

ހޫނުމިން ކުޑަކޮށްދޭ ކޯޓިން މަގުތަކުގައި އަޅަނީ

މާތްވެގެންވާ މައްކާއާއި މަދީނާ އޮންނަނީ ސައޫދީ ހަނަފަސް ބިންތަކުގައެވެ. ސައޫދީގެ ބިމުގެ ގާތްގަނޑަކަށް 90 އިންސައްތައަކީ ހަނަފަސް ބިމެވެ. ހަނަފަސް ބިމުގެ މޫސުން އޮންނަ ގޮތަކީ ހޫނު މޫސުމުގައި އާދަޔާ ޚިލާފަށް ހޫނު ގަދަވުމާއި ފިނި މޫސުމުގައިވެސް ރޭގަނޑުގެ ވަގުތުތަކުގައި ވަރަށް ބޮޑަށް ފިނިވުމެވެ.

މި އަހަރުގެ ޙައްޖު ދުވަހަކީ މި ޖޫން މަހުގެ 15 ވާ ހޮނިހިރު ދުވަހެވެ. އެ ދުވަހު ހައްޖުވެރިން ތިބޭނީ އަރަފާތު ބިމުގައެވެ. އެ ދުވަހު އަރަފާތު ބިމުގެ ފިނިހޫނުމިން 47 ޑިގްރީ ސެލްސިއަސް އާ ހަމައަށް އަދި ފަހަރެއްގައި 48 ޑިގްރީ ސެލްސިއަސް އާ ހަމައަށްވެސް މައްޗަށް ހިނގައިދާނެކަމަށް ބެލެވޭއިރު މަގުތަކުގައި އަޅާފައިވާ ތާރުތަކުގެ މަތީގައި 70 ޑިގްރީ ސެލްސިއަސްއަށް ހޫނުކަން ހުންނާނެކަމަށް ވަނީ އަންދާޒާ ކޮށްފައެވެ.

މި އަންދާޒާއާއެކު އެ ސަރަހައްދުގެ މަގުތަކުގެ ތާރުތައް ދިޔާވެ މަގުތައް ހަލާކުވެ ވެހިކަލްތަކުގެ ފުރޮޅުތަކުގައި ތާރުތައް ތަތްލަވާނެތީ ސައޫދީ ސަރުކާރުންވަނީ މަސްޖިދުއްނަމިރާ ވަށައިގެން އޮންނަ މަގުތަކުގައި ހުދުކުލައިގެ ކޯޓިން އެޅުމުގެ މަސައްކަތް ފަށާފައެވެ.

މަގުތަކާބެހޭ ސައޫދީ އިދާރާ، ސައޫދީ ރޯޑްސް ޖެނެރަލް އޮތޯރިޓީ ބުނާގޮތުން މިއަދުގެ ނިޔަލަށް އަރަފާތު ބިމުގެ މަގުތަކުގައި (މަސްޖިދުއްނަމިރާ ވަށައިގެން އޮންނަ މަގުތަކުގައި) ހުދުކުލައިގެ ކޯޓިން އެޅުމުގެ މަސައްކަތް ނިންމާލެވޭނެއެވެ. މި ކޯޓިން އެޅުމުގެ ކަންތައް މިނާ ސަރަހައްދުގައާ އަދި ޖަމްރާތައް ހުންނަ ސަރަހައްދުގައިވެސް ކުރިޔަށް ގެންދާނެއެވެ.

މިއީ ތާރުއެޅި މަގުތަކުގެ ހޫނުމިން ދަށްކުރުމަށް ތާރުގަނޑުގެ މަތީގައި ލާ ޒާތެއްގެ ދަވާދެއްފަދަ ކޯޓިން އެކެވެ. މިއީ ހޫނުމިން ދަށްކުރުމަށް ޚާއްސަކޮށްފައިވާ މެޓީރިއަލްއެއް ބޭނުންކޮށްގެން އުފައްދާފައިވާ ޒަމާނީ ޓެކްނޮލޮޖީއެއްގެ ކޯޓިންއެކެވެ.

މުޒަދަލިފާގެ މަގެެއްގައި ހުދުކޯޓިން ލާފައި

މި ހުދު ކޯޓިންގެ ސަބަބުން މަގުތަކުގެ ފިނިހޫނުމިން ގާތްގަނޑަކަށް 20 ޑިގްރީ ސެލްސިއަސް ދަށްކޮށްދޭނެ އެވެ. އަދި މިކޯޓިންގެ ސަަބަބުން މަގުތަކުގެ ވަށައިގެންވާ ހިސާބުތަކުންވެސް 10 ޑިގްރީ 15 ޑިގްރީ އާ ދެމެދު މިންވަރަށް ހޫނުމިން ދަށްކޮށްދޭނެކަމަށް ސައޫދީ ރޯޑްސް ޖެނެރަލް އޮތޯރިޓީ ބުނެއެވެ.

އެއޮތޯރިޓީ ބުނާގޮތުން މި ކޯޓިން ވަނީ މިދިޔަ އަހަރުގެ ހައްޖު މޫސުމުގައިވެސް ބޭނުންކޮށްފައެވެ. މިދިޔަ އަހަރު އެޅީ ހަމައެކަނި ޖަމްރާތުގެ ސަރަހައްދުގެ މަގުތަކުގައި އެކަންޏެވެ. އެއީ ތަޖުރިބާ ކުރުމުގެ ގޮތުންނެވެ.

މަގުތަކުގެ ތާރުގަނޑު ހޫނުވުމުގެ ސަބަބުންވެސް މަގުތައް އޮންނަ ސަރަހައްދުގެ ހޫނުކަން އިތުރުވެގެން ދެއެވެ. މަގުތަކުގެ ހޫނުކަން ކުޑަކުރެވޭގޮތް ވެއްޖެނަމަ މަގުތަކުގެ ކައިރީ ހިސާބުތަކުގެ ހޫނުކަންވެސް ދަށްކޮށްދެއެވެ. ހޫނުމިން ދަށްކޮށްދޭ ކޯޓިން އަރަފާތު ސަރަހައްދާއި މިނާ އާ އަދި ޖަމްރާތައް ހުންނަ ސަރަހައްދުގެ މަގުތަކުގެ 25،000 އަކަ ކިލޯމީޓަރުގެ ސަރަހައްދެއްގައި އަޅައި މާދަމާ ނުވަތަ މާދަމާ ނޫން އަނެއް ދުވަހުގެ ނިޔަލަށް ނިންމާލާނެއެވެ.

މިދިޔަ އަހަރުގެ ހައްޖު މޫސުމުގައިވެސް އަރަފާތު ބިމާއި މިނާ އަދި މައްކާގެ ފިނި ހޫނުމިން 47 ޑިގްރީ ސެލްސިއަސް އަށާއި 48 ޑިގްރީ ސެލްސިއަސް އަށްވެސް މައްޗަށް ދިޔައެވެ. މިކަންވަނީ ރެކޯޑް ތަކުންވެސް ފާހަގަ ކުރެވިފައެވެ. މި އަހަރުގެ ހައްޖުގެ އަޅުކަމަށް 2.6 މިލިޔަން މީހުން މައްކާއަށާއި މައްކާގެ ކައިރީގައިވާ ހައްޖުގެ މަޝާއިރުތަކަށް ޖަމާވާނެކަމަށް ވަނީ އަންދާޒާ ކުރެވިފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު