ކުޑަކުދިން ގަތުލުކުރާތީ އދ.އިން އިސްރާއީލް ބްލެކްލިސްޓްކޮށްފި

އިސްރާއީލުގެ ހަމާލަތަކުގެ ސަބަބުން ޣައްޒާގެ ގެދޮރު ގެއްލިފައިވާ އާއިލާއެއް -- ފޮޓޯ/އޭޕީ ނިއުސް

އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ދެމުންގެންދާ ލާއިންސާނީ ހަމަލާތަކުގައި މައުސޫމު އެތައް ކުޑަކުދިންނެއް މަރަމުންދާތީ، ކުޑަކުދިންގެ ހައްގުތަކާ ޚިލާފުވެ، ކުޑަކުދިން މަރަމުން އަންނަ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި އދ.އިން އިސްރާއީލު ބްލެކްލިސްޓްކޮށްފިއެވެ.

އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސްގެ އޮފީހުން ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ ކުޑަކުދިންގެ ހައްގުތަކާ ޚިލާފުވެފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި އިސްރާއީލު "ލިސްޓް އޮފް ޝޭމް"އަށް އިތުރުކޮށްފައިވާ ކަމަށެވެ

މިއީ އިސްރާއީލު އެ ލިސްޓުގައި ހިމެނޭ ފުރަތަމަ ފަހަރެވެ.

އެ ރިޕޯޓަކީ އދ.ގެ ޖަމިއްޔާތަކާއި ފަލަސްތީނުގައި ހަރަކާތްތެރިވާ މަސްދަރުތަކުގެ މައުލޫމާތަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ރިޕޯޓެކެވެ. އދ.ގެ އާންމު މަޖިލީހާއި ސަލާމަތީ މަޖިލީހާއި އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް (އައިސިޖޭ) އަދި އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ) އަށްވެސް އެ ރިޕޯޓު ފޮނުވާނެއެވެ.

އެ ލިސްޓުގައި ހިމެނޭ ގައުމުތަކާއި ޖަމާއަތްތަކުގެ ތެރޭގައި އަފްޣާނިސްތާން، ކޮންގޯ، މާލީ، މިޔަންމާ، ސޯމާލިއާ، ސޫދާން، ޔަމަން، ސޫރިއާ އަދި އަލްގައިދާ، ދާޢިޝް، އަލްޝަބާބް އަދި ބޮކޯ ހަރާމް ހިމެނެއެވެ.

އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ އުދުވާނީ ހަމަލާތަކަށް ނުވަ މަސް ވެފައިވާއިރު، އިސްރާއީލުގެ ހަމަލާތަކުގައި މިހާތަނަށް 36،600 މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. އޭގެތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.

ހަމަލާތަކުގައި ޒަޚަމްވި މީހުންގެ އަދަދު 83،000އަށް ވުރެ ގިނައެވެ.

ޣައްޒާއަށް ބޭނުންވާ ކާބޯތަކެއްޗާއި ތެލާއި ބޭސް އަދި އެނޫންވެސް އިންސާނީ އެހީތެރިން ފޯރުކޮށްދިނުން އިސްރާއީލުން އޮތީ ހުރަސްއަޅައިފައެވެ. ކާބޯތަކެތި ނުލިބުމުގެ ސަބަބުން ވެސް އެތައް ބަޔަކު ވަނީ މަރުވެފައެވެ.

comment ކޮމެންޓް