މީހުން ޓްރެފިކްކުރުމާ ގުޅޭ ކަންކަން ވިލަރެސްކުރާ ގައުމީ ކޮމިޓީ އަލުން އެކުލަވައިލާ، އެ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ބާއްވައިފިއެވެ.
މި ކަމާ ގުޅިގެން މައުލޫމާތު ދެއްވަމުން ހޯމް މިނިސްޓްރީން ބުނީ، އެ ކޮމިޓީން ބޭއްވި ފުރަތަމަ ބައްދަލުވުމުގައި ހިއުމަން ޓްރެފިކިންނަށް ރާއްޖެއިން ކުރަންޖެހޭ މަސައްކަތްތަކަށް އަލިއަޅުވައިލެވުނު ކަމަށެވެ.
އަދި، ހިއުމަން ޓްރެފިކިންގެ ކުށްތައް މަދުކުރަން ކަމާ ބެހޭ އިދަރާތަކާއި ޖަމިއްޔާތައް ގުޅިގެން ކުރާނެ ކަންކަމުގެ މައްޗަށް އެކުލަވައިލާފައިވާ ނޭޝަނަލް ސްޓްރެޓީޖިކް އެކްޝަން ޕުލޭނު ތަންފީޒުކުރުމުގެ ކުރިން، މި އެކްޝަން ޕުލޭނުގައި ހިމަނާފައިވާ މުހިންމު ކަންތައްތަކާ މެދު މަޝްވަރާކުރުމަށް ކޮމިޓީގެ މެންބަރުން ނިންމާފައިވާ ކަމަށް ހޯމް މިނިސްޓްރީން ބުންޏެވެ.
ނަޝަނަލް ސްޓްރެޓީޖިކް އެކްޝަން ޕުލޭނުގައި ހިއުމަން ޓްރެފިކިން ހުއްޓުވަން ކަމާ ބެހޭ އިދާރާތަކުގެ ފްރޮންޓުލައިންގައި މަސައްކަތް ކުރާ މުވައްޒަފުން ތަމުރީނުކުރުމާއި އަހުލުވެރިކަމުގެ ޕްރޮގްރާމްތައް ބޭއްވުމާއި ޕްރޮސެކިއުޝަން މަރުހަލާ ވަރުގަދަކޮށް ހަރުދަނާކުރުމަށް އިތުރަށް މަސައްކަތް ކުރުން ހިމެނެއެވެ.
އަދި، ހިއުމަން ޓްރެފިކިން ކުށްތަކާ ގުޅޭ ގޮތުން މިހާރު ހެދިފައި ހުރި ގަވާއިދުތަކާއި އުސޫލުތައް އިތުރަށް ބަލައި، އިސްލާހުތައް ގެނައުމާއި އަނިޔާ ލިބޭ މީހުންގެ ރައްކާތެރިކަމަށް ކުރަންޖެހޭ މަސައްކަތްތަކާއި ކަމާ ބެހޭ އިދާރާތަކާއި ޖަމިއްޔާ ޖަމާއަތްތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުން ހިމެނޭ ކަމަށް ވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
އަލުން އެކުލަވައިލި އެންޓި ހިއުމަން ޓްރެފިކިން ކޮމިޓީ އެކުލެވިގެންވަނީ 10 މެންބަރުންގެ މައްޗަށެވެ. އެއީ،
- ކޮމިޓީގެ ރައީސް (ހޯމް މިނިސްޓަރު)
- އެޓާނީ ގެނެރަލް އޮފީހުގެ ލޯޔަރެއް
- މޯލްޑިވްސް އިމިގްރޭޝަން ގެ އޮފިސަރެއް
- ކަސްޓަމްސާވިސްގެ މުވައްޒަފެއް
- ފުލުސް އޮފިސަރެއް
- ލޭބާ ރިލޭޝަން އޮތޮރިތީގެ މުވައްޒަފެއް
- އިކޮނޮމިކް މިނިސްޓްރީގެ މުވައްޒަފެއް
- ހޯމް މިނިސްޓްރީގެ މުވައްޒަފެއް
- އާއިލާތަކާ ބެހޭ ވުޒާރާގެ މުވައްޒަފެއް
- ސްޓިއަރިން ކޮމިޓީގެ މަސައްކަތްތަކާ ގުޅުންހުރި އެންޖީއޯއެއްގެ މަންދޫބެއް
މީހުން ޓްރެފިކް ކުރުން ހުއްޓުވުން ވިލަރެސް ކުރާ ކޮމިޓީއަކީ ޓްރެފިކް ކުރުމުގެ އަމަލުތައް ހުއްޓުވުމަށް ރައީސަށް ލަފާ ދިނުމާއި ސަރުކާރުން އެކަމާ ގުޅޭގޮތުން ކަނޑައަޅާ ސިޔާސަތުތައް ތަންފީޒު ކުރަމުންދޭތޯ ބަލަންޖެހޭ ކޮމިޓީއެވެ.