ޢީދާ ދިމާކޮށް މޯލްޑިވިއަނުން 100 އަށްވުރެ ގިނަ ދަތުރު އިތުރުކުރަނީ

މޯލްޑިވިއަންގެ ފްލައިޓެއް: ޢީދު ބަންދާ ދިމާކޮށް މޯލްޑިވިއަނުން ވަނީ ދަތުރުތައް އިތުރުކޮށްފައި -- ފޮޓޯ/ މޯލްޑިވިއަން

މި އަހަރުގެ ޢީދު ބަންދާ ދިމާކޮށް ޤައުމީ އެއާލައިން މޯލްޑިވިއަނުން 100 އަށްވުރެ ގިނަ ދަތުރު އިތުރުކުރަން ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން މިއަދު ބުނެފިއެވެ.

"ސަން"އަށް މައުލޫމާތު ދެމުން މޯލްޑިވިއަނުން ބުނީ، އެ އެއާލައިނުން ދަތުރުކުރާ ރާއްޖޭގެ މަންޒިލުތަކަށް މި ފަހަރުގެ ޢީދު ބަންދާ ދިމާކޮށް ދަތުރުތައް އިތުރުކޮށްފައިވާ ކަމުގައެވެ. މި ގޮތުން، 16 މަންޒިލަކަށް 100 އަށްވުރެ ގިނަ ދަތުރުތައް އިތުރުކޮށްފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

އަލްހާ ޢީދާއި ފިތުރު ޢީދުގެ އިތުރުން ސްކޫލު ބަންދުތަކުގައި އެތެރޭގެ އުދުހުންތަކުގެ ޑިމާންޑް ވަރަށް ބޮޑަށް އިތުރުވެއެވެ. މިފަދަ ކޮންމެ ބަންދަކާ އެކު މޯލްޑިވިއަނުން އަންނަނީ ޑިމާންޑު ބޮޑުވާ ސަރަހައްދުތައް ބަލައި އެ ސަރަހައްދުތަކަށް ދަތުރުތައް އިތުރު ކުރަމުންނެވެ.

ޑޮމެސްޓިކް ދަތުރުތައް ކުރުމަށް އެ އެއާލައިންގެ ފްލީޓުގައި 15 ބޯޓު ހިމެނެއެވެ.

މޯލްޑިވިއަނުން ދަތުރުތައް އިތުރުކޮށްފައިވާއިރު ސަރުކާރުން ވަނީ ރާއްޖޭގެ ތިން ސަރަހައްދެއްގައި ގައުމީ ފެންވަރުގައި މި ފަހަރުގެ ޢީދު ކުލަގަދަކޮށް ފާހަގަކުރުމަށް ނިންމާފައެވެ. އެއީ:

  • ރ. އުނގޫފާރު
  • ދ. ކުޑަހުވަދޫ
  • ގއ. ވިލިނގިލި

ކަލަންޑަރުގައި ވާގޮތުން މި އަހަރުގެ ޢީދު ދުވަހަކީ މި މަހުގެ 17 ވާ ހޯމަ ދުވަހެވެ. އެހެންކަމުން ހުކުރު ހޮނިހިރު ދެ ދުވަހާއި ޙައްޖު ދުވަހާ އެކު މި ފަހަރުގެ ޢީދު ބަންދުގެ ގޮތުގައި ނުވަ ދުވަހުގެ ޗުއްޓީއެއް ލިބެއެވެ.

comment ކޮމެންޓް