އުއްތަމަ ފަނޑިޔާރުގެ އިނާޔަތް އިތުރުކޮށް، 95،000 ރުފިޔާއަށް ވުރެ ބޮޑު މުސާރައެއް ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
މިހާރު އުއްތަމަ ފަނޑިޔާރަށް ލިބިވަޑައިގަންނަވަނީ، 91،000 ރުފިޔާގެ މުސާރައެކެވެ.
މިއަދުގެ މާލިއްޔަތު ކޮމިޓީ ބައްދަލުވުމުގައި ފުނަދޫ ދާއިރާގެ މެމްބަރު މުޙައްމަދު މަމްދޫހު، އުއްތަމަ ފަނޑިޔާރުގެ އިނާޔަތްތަކާއި މުސާރަ މުރާޖާކޮށްދިނުމަށް ހުށަހެޅުއްވިއެވެ.
މަމްދޫހު ވިދާޅުވި ގޮތުގައި، އުއްތަމަ ފަނޑިޔާރުގެ މުސާރަ މުރާޖާކޮށްދިނުމަށް ހުށަހެޅުއްވީ، މުސާރަތަކަށް ގެނެވުނު ބަދަލުތަކާ އެކީ ރައްޔިތުންގެ މަޖިލީހުގެ ރައީސާ އެއްވަރުގެ މުސާރައެއް ދިނުމަށެވެ. މިގޮތުން، އޭނާ ހުށަހެޅުއްވީ، މިހާރު އުއްތަމަ ފަނޑިޔާރަށް ލިބޭ އިނާޔަތްތައް މުރާޖާކޮށް، ޚާއްސަ އެލަވެންސެއްގެ ގޮތުގައި 4،125 ރުފިޔާ އިތުރުކުރުމަށެވެ.
މި ބަދަލާއެކު، އުއްތަމަ ފަނޑިޔާރަށް ޖުމުލަ 95،125 ރުފިޔާގެ މުސާރައެއް ލިބިވަޑައިގަންނަވާނެއެވެ.
މި ހުށަހެޅުން ފާސްކޮށްފައި ވަނީ، ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން، ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.
ފާހަގަކުރެވޭ ގޮތުގައި، މަޖިލީހުގެ ރައީސްގެ މުސާރަ 95،000އަށް ބޮޑުކޮށް، ވަޒީރުންގެ ކާރު އެލަވަންސަށް ލިބޭ ފައިސާ އިތުރުކުރުމަށް މިދިޔަ ބުދަ ދުވަހު މާލިއްޔަތު ކޮމިޓީން ވަނީ ފާސްކޮށްފައެވެ.
މާލިއްޔަތު ކޮމިޓީއަށް ހުށަހަޅައިފައިވާ ގޮތުގައި މިހާރު މަޖިލިސް ރައީސަށް ލިބިވަޑައިގަންނަވަނީ 73،125 ރުފިޔާއެވެ. ނަމަވެސް މަޖިލީހުގެ ނައިބު ރައީސަށް 91،000 ރުފިޔާ ލިބިވަޑައިގަންނަވާއިރު، މަޖިލިސް މެންބަރުންނަށް 82،500 ލިބިވަޑައިގަންނަވައެވެ.
ކޮމިޓީގައި އިއުލާންކުރި ގޮތުގައި، އެ ފަރަގު އަންނަނީ މަޖިލީހުގެ ރައީސް ކޮމިޓީގައި ބައިވެރިވެވަޑައިނުގަނެވޭތީއެވެ. އެގޮތުން މެންބަރުން ކޮމިޓީތަކުގައި ބައިވެރިވާ އިންސަތައަށް ބަލައި އެލަވަންސް ލިބެން ހުރެއެވެ. އެއީ 50 އާއި 75 އިންސައްތައިގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގަތުމުން 10،000 ރުފިޔާއާއި 75 އިންސައްތައަށްވުރެ މަތިވުމުން 20،000 ރުފިޔާއެވެ.
އެހެންވެ، ކޮމިޓީއަށް ހުށަހަޅައިފައިވަނީ މަޖިލީހުގެ ރައީސަށް 22،000 ރުފިޔާގެ އެލަވަންސަށް އިތުރުކުރުމަށެވެ. އެ އެލަވަންސް އިތުރުކުމުން މަޖިލީހުގެ ރައީސްގެ ޖުމުލަ މުސާރަ 95،125 ރުފިޔާއަށް އަރާނެއެވެ.
މި ބަދަލު ގެންނަން ނިންމުމާއެކު ސަރުކާރަށް ވަނީ ފާޑުކިޔުންތައް ވެސް އަމާޒުވެފައެވެ. އެ މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށް، މަޖިލީހަށް ކުއްލި މައްސަލައެއް ވެސް އިއްޔެ ހުށަހެޅިއެވެ. ކުއްލި މައްސަލައަކީ ފަހުގެ ވަގުތެއްގައި މަޖިލީހުގައި ވާހަކަ ދައްކާނެ މައްސަލައަކާ ގުޅޭ ގޮތުން ދުރާލާ އެއްޗެއް ބުނުމުގެ ބޭނުމުގައި ހުށަހަޅާ މައްސަލައަކަށް ވެގެން ނުވާނެ ކަމަށާއި އެ ޝަރުތު ފުރިހަމަނުވާ ކަމަށް ވިދާޅުވެ، މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވަނީ އެ މައްސަލަ އަނބުރާ ފޮނުވާލައްވާފައެވެ.