ދިވެހިރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައިވާ އާ ސަފީރު މަސްއޫދު އިމާދުގެ މަގާމުގެ ފަތްކޮޅު ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހައަށް މިއަދު އަރުވައިފިއެވެ.
މަސްއޫދުގެ ސަފީރުކަމުގެ ފަތްކޮޅު ރަނިލްއަށް އަރުވާފައި ވަނީ ކޮލޮމްބޯގައި ހުންނަ ރައީސްގެ ގެކޮޅުގައި މިއަދު އޮތް ރަސްމިއްޔާތެއްގައެވެ.
މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވަނީ ސަފީރު މަސްއޫދަށް މަރުހަބާ ދަންނަވާފައެވެ.
ޒަމީރު ވިދާޅުވީ މަސްއޫދުގެ ތަޖުރިބާއާއެކު ރާއްޖެއާއި ސްރީލަންކާއާ ދެ ގައުމުގެ ގުޅުން އާ އުސްމިންތަކަކަށް ގެންދެވޭނެ ކަމާމެދު ޔަގީންކަން އެބައޮތް ކަމަށެވެ.
މަސްއޫދު އެ މަގާމަށް ހަމަޖެއްސުމަށް ނިމުނު 19 ވަނަ ރައްޔިތުންގެ މަޖިލީހުން ރުހުން ދިނީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގައެވެ.
މަސްއޫދު ވަނީ މީގެ ކުރިން ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގައި ރައީސް އޮފީހުގެ މީޑިއާ ސެކެޓްރީ ކަމުގެ މަގާމު އަދާކުރައްވާފައެވެ. އަދި އޭނާ ވަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގައި ވެސް އިސް މަގާމުތައް ފުރުއްވާފައެވެ.